ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޝެއިޚް ރަހްމާން ބިން އަބްދުލް ރަހްމާން ބިން ރަހްމާ އަލް ޝަމްސީ އާއި އޮސްޓްރޭލިއާ އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ޑޭވިޑް ޖަސެޕްއަށް ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރުވައިފިއެވެ.
އެ ދެ ބޭފުޅުންނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޔޫއޭއީގެ ސަފީރަށް ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ހަރުދަނާ ގުޅުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ. އަދި ރާއްޖެ ތަރައްގީކުރުމުގައި ޔޫއޭއީ އިން އަދާކުރާ މުހިންމު ދައުރާއި، ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމުގައި އެގައުމުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އޮސްޓްރޭލިއާގެ ސަފީރާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ އޮސްޓްރޭލިއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރު 50 އަހަރު ފުރޭތީ މިއަހަރަކީ އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް ރާއްޖޭގައި ގާއިމުކުރުމަށް ރަނގަޅު ދަނޑިވަޅެއްކަން ފާހަގަކުރައްވައިފައެވެ. އަދި ރައީސް ވަނީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އޮސްޓްރޭލިއާ ސަރުކާރުން ދޭ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި އޮސްޓްރޭލިއާގެ ސަފީރު ވަނީ މަތީ ތައުލީމުގެ ދާއިރާއާއި ވިޔަފާރިއާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއާއި ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާއި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއާއި އިގުތިސޯދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު