ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން މަސައްކަތްކުރި 3.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުން މިމަހުގެ ހަތްވަނަ ދުވަހު ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން ބަލައިފާސްކޮށްފައިވާ ކަމަށެވެ.

"މިގޮތަށް ބަލައި ފާސްކުރެވުނު ޕެކޭޖުގެ ތެރޭގައި ހުރި ދެ ޕެކެއްޓެއްގެ ތެރެއިން ފެނުނު މަސްތުވާތެކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމުލަ 2.020 ގްރާމް ހުރި އިރު، މި ތަކެތީގެ މަގުމަތީ އަގު 3.6 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ،" ކަސްޓަމްސް އިން ބުންޏެވެ.

އެ މަސްތުވާތަކެތީގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އެތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކުރިއާ މެދުވެރިކޮށް އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން ވަނީ މިއަހަރުގެ ތެރޭގައި ހިފަހައްޓައިފައެވެ.