ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށްބުނެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ޔާމީންގެ އެތައް އަސާސީ ހައްގުތަކަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.
"އެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން،" ޝަމީމް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ވަނީ ޔާމީނަށް އިއްވައިފައެވެ. އެ ހުކުމް ހައި ކޯޓުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައިވީ ނަމަވެސް މައްސަލަ ބައްލަަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުން އިސްތިއުނާފީ އަޑުއެހުންތައް އޮތީ މަޑުޖެހިފައެވެ.
ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހަށް ހަމަވާ އިރު، އިސްތިއުނާފީ އަޑުއެހުންތައް މަޑުޖެހިފައިވާތީ ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެކަމާ މެދު އޮތީ ސުވާލު އުފެދިފައެވެ. ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނީ ހައި ކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފީ މައްސަލަ އެމަނިކުފާނުގެ ކޮޅަށް ނިމިއްޖެ ނަމައެވެ.
ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެކަމާ މެދު ޝައްކު އުފެދިފައިވީ ނަމަވެސް، އިދިކޮޅު ޕީޕީއެމުން ވަނީ އެމަނިކުފާނަށް ރިޔާސީ ޓިކެޓު އަރުވައި، ރިޔާސީ ކެމްޕެއިންވެސް ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު