ލިއޮނެލް މެސީ

އިންޓަ މިއާމީގެ ފުރަތަމަ މެޗުގައިވެސް މެސީގެ ޖާދޫ، ފަހު ވަގުތު ހިތްގައިމު ހިލޭ ޖެހުމެއް

އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅުނު ފުރަތަމަ މެޗުގައިވެސް، ފަހު މިނެޓުގައި ޖެހި ހިލޭ ޖެހުމުން ޓީމު މޮޅުކޮށްދީފިއެވެ.

މި ސީޒަނަށް އިންޓަ މިއާމީން މެސީ އިއުލާނު ކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ، އުމުރުން 36 އަހަރުގައި ޕީއެސްޖީ ދޫކޮށް އެމެރިކާ ލީގަށް ދިޔައީ ހިލޭ ޓްރާންސްފާއެއްގައެވެ. އެއީ ޕީއެސްޖީއާއެކު މިދިޔަ ސީޒަނުގެ ނިޔަލަށް ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ.

މެސީ އިންޓަ މިއާމީއަށް ދިޔަ މުސާރަ ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނޫސްތައް ބުނެފައިވާ ގޮތުގައި މެސީ އިންޓަ މިއާމީއަށް ދިޔައީ ވިޔަފާރީގެ ބޮޑެތި ޑީލްތަކެއްގެ ތެރެއިންނެވެ. އެގޮތުން އެޕަލް ކުންފުނީގެ ހިއްސާގެ އިތުރުން ރިޓަޔާމަންޓަށްފަހު ކްލަބުގެ ހިއްސާވެސް މެސީއަށް ލިބޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. އަދި މެސީގެ ބޭނުންކޮށް، އިންޓަ މިއާމީން ވިޔަފާރީގެ މަސައްކަތްތަކެއް ކުރާ ގޮތަށްވެސް ހަމަޖެހިފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ރޭ އިންޓަ މިއާމީން އެމެރިކާގެ ލީގްސް ކަޕްގެ ސައުތު ގްރޫޕް ތިނެއްގައި ކުޅުނު މެޗުގައި ކްރޫޒް އަޒުލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ލީގްސް ކަޕްގައި އިންޓަ މިއާމީން ރޭ ފްލޮރިޑާގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިންޓަ މިއާމީން ލީޑުވެސް ނެގިއެވެ.

އެ ގޯލު ޖަހައިދިނީ ރޮބާޓް ޓެއިލާއެވެ. މެޗުގެ 54 ވަނަ މިނެޓުގައި މެސީއާއި ކުރިން އޭނާއާއެކު ބާސެލޯނާއަށް ކުޅުނު ސާޖިއާ ބުސްކަޓްސް ކުޅެން ނުކުމެފައިވާ އިރު، އެ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން މެޗުގައި ފެނިގެންވެސް ދިޔައެވެ. ހާއްސަކޮށް ރަނގަޅު ޕާސްތަކަކާއެކު މެދުތެރެއިން ދެ ކުޅުންތެރިން ކުޅުނުކަން ފާހަގަވެގެން ދިޔައެވެ.

މެސީ އެރިތާ މާ ގިނައިރެއް ނުވެ ކްރޫޒް އަޒުލްއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވާ އިރު، 65 ވަނަ މިނެޓުގައި ގޯލު ޖަހައިދިނީ އުރެއަލް އަންޓޫނާއެވެ. އެ ގޯލާއެކު މެޗުގެ ނަތީޖާ ހަމަހަމަވާން ދަނިކޮށް، 94 ވަނަ މިނެޓުގައި އިންޓަ މިއާމީ މޮޅުކޮށްދިން ގޯލު މެސީ ޖެހީ ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުން ހޯދީވެސް މެސީއެވެ.

މެސީގެ ގޯލާއެކު އިންޓަ މިއާމީގެ ކޯ އޯނަރު ޑޭވިޑް ބެކަމް ފެންކަޅިވެފައި ހުރި އިރު، މެސީ އުފާފާޅުކުރީ އާއިލާއާއެކުގައެވެ.