ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދެވަނަ ދައުރުގައި ހއ. ދިއްދޫގައި ބޮޑެތި މަޝްރޫއުތަކެއް ފައްޓަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ހއ. ދިއްދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ރައްޔިތުންގެ ކިބައިން އިވިގެންދަނީ އެހެން އަޑުތަކެއް ކަމަށާއި އެއީ ރަށާ ކައިރިން ޕިކްނިކް އައިލެންޑެއް ހެދުން ނުވަތަ އެއާޕޯޓެއްގެ ވާހަކަ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ދިއްދޫގައި ބިން ހިއްކި ނިމިގެންދާ އިރުގައި، މި ރަށުގައި އެއާޕޯޓެއް ވެސް އެޅިގެންދާނެ. އަދި ދިއްދޫގެ ރައްޔިތުން ތި ބޭނުންވާ ޕިކްނިކް އައިލެންޑް ވެސް ބިން ހިކިގެން ދާއިރުގައި ކައިރިން ފެންނަން އޮންނާނެ. އަޅުގަނޑުމެންގެ މި ހަތަރު އަހަރުގެ ތެރޭގައި މިހާރުވެސް ދެ އެއާޕޯޓު އަޅައި ނިމިއްޖެ، ހަތަރު އެއާޕޯޓުގެ މަސައްކަތް ކުރިއަށް އެބަދޭ. އިތުރު ފަސް އެއާޕޯޓެއް އެޅުމަށްޓަކައި ބިން އިތުރުކުރުމުގެ މަސައްކަތް މިހާރު ޕްލޭންކޮށްގެން، ރޭވިގެން ކުރިއަށް އެދަނީ. އިރާދަކުރެއްވިއްޔާ ދިއްދޫ މީގެ ތެރޭގައި ހިމެނިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިއްދުއަށް ބަހުގެ ހިދުމަތް ބޭނުންވާ ވާހަކަ ރައްޔިތުން ދަންނަވާފައިވާ ކަމަށާއި ލަސްތަކެއް ނުވެ، އެ ރަށުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފައްޓަވައިދެއްވާނެ ކަމަށެވެ. އަދި ޒުވާނުންނަށް ބޭނުންވާ ކަންކަމާއި މަގުތައް ހެދުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ރަށުގެ ޒުވާނުން ބޭނުންވާ އާ ޔޫތު ސެންޓަރު، ޒުވާނުންގެ މަރުކަޒު މި ރަށުގައި އަޅައިދީ، މި ރަށުގެ މަގުތައް ހެދެމުންދާ އިރު، އިތުރު މަގުތައް އޭގެ ތެރެއަށް އިތުރުކުރެވިގެންދާނެ. ގާތަގަނޑަކަށް ދިއްދޫގެ އުމްރާނީ ހުރިހާ މަސައްކަތެއް ނިމި، ފުރިހަމަވަމުން މިދަނީ. ދެން އޮތީ މި ރަށުގައި ތިބެ، ވަޒީފާ ލިބޭނެ ގޮތް ހޯދައިދިނުން، ކައިރިން ވަޒީފާ ހޯދައިދިނުން. އެ މަގުސަދުގައި މި ރަށުގެ ކައިރިން ޓޫރިސްޓް ރިސޯޓުތައް ތަރައްގީކުރުމުގެ ޕްލޭނެއް އަޅުގަނޑުމެން ގެންގުޅުނިން. އެއްފަހަރު އަޅުގަނޑުމެންނަށް ބިޑު ކުރެވިއްޖެ، ނަމަވެސް އެއަކަށް އަދި އަމަލީ ސިފައެއް އަންނަގޮތެއް ނުވޭ. އެހެންނަމަވެސް އަނެއްކާވެސް މި މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދިއްދުއަށް ސަރުކާރުގެ ޕްލޭނެއް އެބައޮތް ކަމަށާއި ދިއްދޫ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއްގައި އަމަލީ ސިފަ ޖައްސަވައިދެއްވާނެ ކަމަށެވެ. އަދި ދިއްދޫގައި އޮންނާނީ އެމްޑީޕީ ކަމަށާއި ރޫޅައިނުލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު