ހއ. ދިއްދޫގައި ސަރުކާރުން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއު އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިއްދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އެހެން ވިދާޅުވެފައިވާ އިރު، އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތުގައި ވެސް މި ދައުރުގައި އެ މަޝްރޫއުގެ މަސައްކަތް ފައްވައިދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ބިން އިތުރުކުރުމަށް އަޅުގަނޑުމެން ކައިރީގައި ބުނި ހުރިހާ ރަށެއްގެ ބިން އިރާދަކުރެއްވިއްޔާ އެކި ސްޓޭޖުތަކުގައި ކުރިއަށް އެބަދޭ. އަށް ރަށެއްގެ ބިން ހިއްކައި ނިމިއްޖެ، 13 ރަށެއްގެ މަސައްކަތް ކުރިއަށް އެބަދޭ. ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ އޮގަސްޓް މަހުގެ ތެރޭގައި ފެށިގެންދާނެ،" މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިވަގުތު ތަންކޮޅެއް ފަހަތުގައި އުޅެނީ ސިއްހީ ދާއިރާގެ މަސައްކަތްތައް ކަމަށާއި އެކަން ބޭނުންވި ސްޕީޑުގައި ކުރިއަށްނުދާ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ސިއްހީ ދާއިރާއަށް ތަރައްގީ ގެނެސްދެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާތަނަށް އައި އިރުގައި، ހަތް އަތޮޅެއްގައި ޑެންޓަލް ސާވިސް ދެވެން ފެށިއްޖެ، ފަސް އަތޮޅެއްގައި ސީޓީ ސްކޭންގެ ހިދުމަތް ދެވިއްޖެ، އުތުރާއި ދެކުނުގައި މާލެ ފިޔަވައި އެމްއާރްއައި ހެދެން ފަށައިފި، އިތުރު ހޮސްޕިޓަލުތައް އެޅެމުން އެބަދޭ. މި ރަށަކީ ހޮސްޕިޓަލެއް ބޭނުންވާ ރަށެއް، މިހާރު ހުރި ހޮސްޕިޓަލުގެ ބަދަލުގައި އާ ހޮސްޕިޓަލެއް އަޅަން ޖެހޭ. އެކަން ކުރުމުގެ ކުރިން މިހާރު ހުރި ހޮސްޕިޓަލުން ދޭ ހިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ދިއްދޫގެ އާ ހޮސްޕިޓަލުގެ އެޅިގެންދާ ތަން ފެނިގެންދާނެ ކަމަށެވެ. އަދި ދިއްދޫގެ ބިން ހިއްކި ނިމިގެންދާ އިރު، ދިއްދޫ ރައްޔިތުން ބޭނުންވާ ގޮތަށް އެއާޕޯޓެއް އަޅައި، ޕިކްނިކް އައިލެންޑެއް ވެސް ހައްދަވައިދެއްވާނެ ކަމަށް އެމެނިކުފާނު ވިދާޅުވިއެވެ.