ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި، މިއަދު ޖުމްހޫރީ މައިދާނަށް އެއްވުމުން، އެ ކޯލިޝަންގެ ޕީޖީ ގްރޫޕުގައި ހިމެނޭ ހަތަރު މެމްބަރަކު ހައްޔަރުކޮށްފިއެވެ.

ޖުމްހޫރީ މައިދާނަކީ ގްރީން ޒޯނުގައި ހިމެނޭ ސަރަހައްދެކެވެ. ގްރީން ޒޯނުގައި މުޒާހަރާކުރުމާއި އިހުތިޖާޖު އަދި އެއްވުން ނުބޭއްވޭގޮތަށް ގާނޫނު ހަދައިފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ފުލުހުން "ވަން" އަށް މިރޭ ބުނީ އެއްވުން މަނާ ސަރަހައްދަކަށް އަދި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އެޅި ހަތް މީހަކު ޖުމްހޫރީ މައިދާނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ހަތަރު މަޖިލިސް މެމްބަރުން ހިމެނޭ،" ފުލުހުން ބުންޏެވެ.

ފުލުހުންގެ ހައްޔަރުކުރި ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުންނަކީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ދެ ނައިބު ރައީސުން ކަމަށްވާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގެވެ.

އެ މެމްބަރުން ހައްޔަރުކުރުމާ ގުޅިގެން ޕީޕީއެމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ގޮވާލައިފައެވެ.

"ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމާ ގުޅޭ ޕެނަލް ޑިސްކަޝަނެއްގައި ޖުމްހޫރީ މައިދާނުގައި ތިއްބަވަނިކޮށް ވަނީ ހައްޔަރުކޮށްފައެވެ. މި ޕެނަލް ޑިސްކަޝަނަކީ ބައެއް ޓީވީތަކުން ލައިވްކޮށް ގެނެސްދެމުން ގެންދިޔަ ޕްރޮގްރާމެކެވެ. ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރުން އަދި މާލޭ ސިޓީ ކައުންސިލުގެ މެންބަރުންނާއި މި ކޯލިޝަންގެ ސްޓިއަރިން ކޮމިޓީއެއްގެ ރައީސް ހިމެނިވަޑައިންނަވައެވެ. ސަރުކާރުގެ އަނިޔާވެރި މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ޕީޕީއެމުން ބުންޏެވެ.

ޕީޕީއެމުން ބުނީ ޕާޓީގެ އަންހެން ކަނބަލައްގެ ފަޔަށް ފުލުހެއްގެ އެންކަލުން އަރައި ޒަހަމުވުމާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހެއްގެ ކިބައިން ދިވެހި ކަނބަލަކަށް އަނިޔާއެއް ލިބުނުއިރުވެސް ފުލުހުންގެ އެއްވެސް އަޅާލުމެއް ނުލިބުނު ކަމަށް ޕީޕީއެމުން ބުންޏެވެ.

ރައްޔިތުންނަށް އަނިޔާވެރިވުން ހުއްޓާލުމަށާއި، ޔާމީންގެ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް ކުރަމުންގެންދާ ހުރިހާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވާލާ ކަމަށް ޕީޕީއެމުން ބުންޏެވެ.

ޕީޕީއެމް/ޕީއެންސީގެ އެ ހަރަކާތް ކަވަރުކުރަން ދިޔަ ބައެއް ނޫސްވެރިންނާ މެދު ފުލުހުން ވަނީ ހަރުކަށިކޮށް އަމަލުކޮށްފައެވެ. އެގޮތުން ސަންގު ޓީވީގެ ދެ ނޫސްވެރިއަކު ޖުމްހޫރީ މައިދާނުން ބޭރުކުރުމުގެ ގޮތުން، އެ ނޫސްވެރިން ކޮށްޕާލާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.