އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ބޮޑު ތަފާތަކުން ވެލެންސިއާ ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި ސަސްއިން ވެލެންސިއާ ބަލިކުރީ 5-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ، ސަސްއިން ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. ލީގުގެ ތިން ވަނައަށް ސަސް ޖެހިލީ ފަސް މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ސަސްއާއި ހަތަރު ވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތް އިރު، ސަސް ތިންވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ރޭގެ މެޗު ފެށިގެން މާގިނައިރެއް ނުވަނީސް ސަސްއިން ވަނީ ލީޑު ނަގައިފައެވެ. ހަވަނަ މިނެޓުގައި ސަސްގެ ފުރަތަމަ ގޯލު ޖެހީ އަލީ ނަސޫހު ރަޝީދު (ޕިލާ)އެވެ. ސަސްގެ ގޯލަށްފަހު ވެލެންސިއާއިން ބައެއް ފުރުސަތުތައް ތަނަވަސް ކުރި އިރު، މުހައްމަދު އިލާން އިމްރާނަށް ލިބުނު ރަނގަޅު ފުރުސަތު ފާހަގަވިއެވެ. ވެލެންސިއާއިން ކުރިއަށް ޖެހި މަދު ވަގުތުކޮޅަކަށް ކުޅުނު ނަމަވެސް، ސަސްއިން ފުރަތަމަ ހާފު ނިންމާލީ ގިނަ ހަމަލާތަކަކާ އެކު ގޯލުތައްވެސް ފުލުފުލުގައި ޖަހައިގެންނެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ސަސްއިން ލީޑު ފުޅާކުރީ އަހުމަދު ހުސާމް (ހުސާންޓޭ) ޖެހި ގޯލުންނެވެ. އަދި އޭގެ ހަ މިނެޓް ފަހުން ހުސާންޓޭ ވަނީ ދެވަނަ ގޯލު ޖަހައި ސަސްއަށް އިތުރަށް ލީޑު ފުޅާކޮށްދީފައެވެ. އަދި ފުލުފުލުގައި އުފައްދާ ހަމަލާތަކާ އެކު ސަސްއިން ހާފުގެ ފަހު މިނެޓުގައިވެސް އިތުރު ގޯލެއް ޖެހިއެވެ. އެ ގޯލު ޖެހީ ޕިލާއެވެ.
ދެވަނަ ހާފުގައިވެސް ސަސްއިން ރަނގަޅަށް ކުޅެ ހަމަލާތައް އުފައްދާފައިވާ އިރު، އެ ޓީމުގެ ފަސްވަނަ ގޯލު 62 ވަނަ މިނެޓުގައި ޖެހީ އިބްރާހީމް އަތީގެވެ.
ލީގުގައި މިއަދު ހަވީރާއި މާދަމާވެސް މެޗުތައް އޮންނާނެއެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ މާޒިޔާ އާއި ބުރު ސްޕޯޓްސް ކުލަބެވެ. މިރޭ އޮންނާނީ ގްރީން ސްޓްރީޓްސްއާއި ޓީސީ ސްޕޯޓްސް ކްލަބެވެ.