ޚަބަރު

އިހަވަންދޫގެ މަސް ގަންނަ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަނީ

އިހަވަންދޫގައި ތަރައްގީކުރާ މަސް ގަންނަ ބަނދަރުގެ މަސައްކަތް ކުރިއަށްއޮތް ދެތިން ހަފުތާގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިހަވަންދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިހަވަންދޫގައި މަސް ގަންނަ މަރުކަޒެއް އަޅައިދެއްވާނެ ކަމަށް ކުރިން ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އެ މަސައްކަތް ލަސްވެގެންދިޔައީ އެ ރަށުގެ ބިން ބޮޑުކުރުމަށް ކުރާ މަސައްކަތް ކުޑަކޮށް ލަސްވުމުން ކަމަށެވެ. ނަމަވެސް ބަނދަރު ނިމުމާއެކު އެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މި ރަށަށް އިތުރުކުރެވޭ 25 ހެކްޓަރު. ބަނދަރު ނިމުމާ އެކީގައި މަސް ގަންނަ ބަނދަރާއި، މަސް ގަންނަ މަރުކަޒުގެ މަސައްކަތް އެކީގައި ފެށިގެންދާނެ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދެ ހަފުތާ ތެރޭގައި މަސް ގަންނަ ބަނދަރުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރާނަން. މަސް ގަންނަ ބަނދަރު ހެދިގެންދާ އިރުގައި، އެތަނުގައި ސްޕިލްވޭއެއް ހެދި، އެމްޓީސީސީގެ ސޭލްސް ސެންޓަރެއް ގާއިމުކުރާނަން. އެ މަސް ގަންނަ ސެންޓަރަކީ 50 ޓަނު ބްރައިން ފްރީޒް ކުރެވޭގޮތަށް 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކު ގާއިމުކުރެވޭ ސެންޓަރެއް.

ރައީސް ވިދާޅުވީ އިހަވަންދޫ މަސްވެރިން ބޭނުންވާ ހިދުމަތްތައް މަސް ގަންނަ ބަނދަރުން ލިބިގެންދާނެ ކަމަށާއި ދޯނި ފަހަރުގެ އިންޖީނަށް ބޭނުންވާ ސްޕެއާ އާއި އަޑީތެޔޮ ފަދަ އެއްޗެހި

ބަނދަރުގައި ހަދާ އެމްޓީސީސީގެ ސޭލްސް ސެންޓަރުން ލިބިގެންދާނެ ކަމަށެވެ.

"މަސް ގަނެ، މަސް ރައްކާކުރާ ފެސިލިޓީ ނިމިގެންދާ އިރުގައި، އެތަނުގައި ވެލިއު އެޑްކޮށްގެން މަސް ޕްރޮސެސްކުރެވޭނެ އިންތިޒާމު ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެވަނަ ފޭސްގައި ކުރިއަށްގެންދާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއަދާ ހިސާބަށް އައި އިރުގައި މަސްވެރިންނަށް ދަތިތައް ކުރިމަތިވެފައި ހުރީ ވޭތުވެދިޔަ ސަރުކާރުތަކުން އެ ސިނާއަތާ ދޭތެރޭގައި އަޅައިލާންވީ ވަރަށް އަޅައިނުލާ އޮތުމުން ކަމަށާއި ޕްރައިވެޓް ސެކްޓަރަށް މަސްވެރިކަން އެއްކޮށް ދޫކޮށްނުލައި، މަސްވެރިކަމުގެ ސިނާއަތް ކުރިއަށްގެންދަން ޖެހޭނީ ސަރުކާރުން ކަމަށެވެ.