ޚަބަރު

އިހަވަންދޫ ނެރު ބަދަލުކޮށް، މަސް ރައްކާކުރާ ފެކްޓަރީގައި މަސް ބަންދުކުރެވޭ އިންތިޒާމު ހަމަޖައްސައިދޭނަން: ރައީސް

އިހަވަންދޫ ރައްޔިތުން އެދޭގޮތަށް ނެރު ބަދަލުކޮށް، މަސް ރައްކާކުރާ ފެކްޓަރީގައި މަސް ބަންދުކުރެވޭ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިހަވަންދޫގެ ނެރުގެ މައްސަލައަކީ އެ ރަށުގެ ގިނަ ރައްޔިތުންނެއްގެ ޝަކުވާއެކެވެ. ބައެއް ރައްޔިތުން ވަނީ މިއަދު "ވަން"އާ ވެސް އެކަމުގެ ޝަކުވާތައް ހިއްސާކޮށްފައެވެ. އެ ރައްޔިތުން ބުނާގޮތުގައި މިހާރުގެ ނެރަކީ އެންމެ ފުރަތަމަ ބަނދަރު ހެދި އިރު ކެނޑި ނެރެކެވެ. ކަނޑު ގަދަ ދުވަސްވަރު އެތަނުން އޮޑިދޯނި ފަހަރު ވަދެ ނުކުމެ ހަދާ އިރު، އެކި ވަރުގެ ގެއްލުން ލިބޭ ކަމަށް އެމީހުން މައުލޫމާތުދެއެވެ.

އިހަވަންދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ރައީސް ވަނީ އެކަން ހަމަޖައްސަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ނެރާ ގުޅޭ ޝަކުވާތައް ރައްޔިތުން އެމަނިކުފާނާ ވެސް ހިއްސާކުރައްވާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

"މި ރަށުގެ ބަނދަރު މިހާރު އެ އޮތީ ބޮޑުކުރެވިފައި، ގާތްގަނޑަކަށް ދެގުނަ ކުރެވިފައި. އެހެންނަމަވެސް ދަތިތަކެއް އެބަހުރި. ނެރު ބަދަލުކުރަން ޖެހޭ ވާހަކަ ތިބޭފުޅުން އެބައޮތް އަޅުގަނޑުމެންނާ ހިއްސާކޮށްފައި. އިރާދަކުރެއްވިއްޔާ މި ރަށުގެ މަސްވެރިން އެ އެދޭގޮތަށް މި ރަށުގެ ބަނދަރަކީ އަމާން ބަނދަރަކަށް ހެދުމަށްޓަކައި، ފަސޭހައިން ވަދެ ނުކުމޭ ތަނަކަށް ހެދުމަށްޓަކައި މަސްވެރިންނާއި މި ރަށު ރައްޔިތުން އެ ބޭނުންވާގޮތަށް ބަނދަރުގެ ނެރުގެ ޓެކްނިކަލް ސާވޭއެއް ހެދުމަށްފަހު ބަދަލުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށްއޮތް ދައުރުގައި އިހަވަންދުއަށް ކޮށްދެއްވާނެ ކަންކަމުގެ ތެރޭގައި އިހަވަންދޫ ކައިރީގައި އޮތް ދިގުފަރުގައި އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން ފެށުން ހިމެނޭ ކަމަށާއި ގެދޮރުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެ ރަށުގައި ހައުސިން މަޝްރޫއެއް ވެސް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދެ ހަފުތާ ތެރޭގައި މަސް ގަންނަ ބަނދަރުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރާނަން. މަސް ގަންނަ ބަނދަރު ހެދިގެންދާ އިރުގައި، އެތަނުގައި ސްޕިލްވޭއެއް ހެދި، އެމްޓީސީސީގެ ސޭލްސް ސެންޓަރެއް ގާއިމުކުރާނަން. އެ މަސް ގަންނަ ސެންޓަރަކީ 50 ޓަނު ބްރައިން ފްރީޒް ކުރެވޭގޮތަށް 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކު ގާއިމުކުރެވޭ ސެންޓަރެއް. ދޯނި ފަހަރަށް ބޭނުންވާ، އިންޖީނަށް ބޭނުންވާ ސްޕެއާ އެއްޗެހި، އަޑީތެލާއި ހުރިހާ އެއްޗެއް ލިބޭގޮތަށް އެމްޓީސީސީގެ ސޭލްސް ސެންޓަރެއް އެތަނުގައި ގާއިމުކުރެވިގެންދާނެ. މަސް ގަނެ، މަސް ރައްކާކުރާ ފެސިލިޓީ ނިމިގެންދާ އިރުގައި، އެތަނުގައި ވެލިއު އެޑްކޮށްގެން މަސް ޕްރޮސެސްކުރެވޭނެ އިންތިޒާމު ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެވަނަ ފޭސްގައި ކުރިއަށްގެންދާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިހަވަންދޫގެ މަގުތައް ހެދުމަށް ވަނީ ކޮންޓްރެކްޓް ކުރެވިފައި ކަމަށާއި މިހާރު ސަރުކާރުން ނިންމާފައިވާނީ، އެ ރަށުގެ މަގުތައް ހެދިގެންދާ އިރު، މިހާރު ހަދަން ނިންމާފައި އޮތް މަގުތަކުގެ އިތުރަށް ދެން ހުރި މަގުތައް ވެސް އެއަށް އިތުރުކޮށްގެން މަގު ހެދުމުގެ މަޝްރޫއު މުޅިން ފުރިހަމަކުރުން ކަމަށެވެ.