ބްރެޒިލް ގައުމީ އަންހެން ޓީމުން ވޯލްޑް ކަޕްގައި ކުޅޭ މެޗުތައް ބެލުމަށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މެޗު އޮންނަ ދުވަސްތަކުގައި ސަރުކާރު އޮފީސްތައް ހުޅުވާ ގަޑިއަށް ބަދަލުތަކެއް ގެނެސްފިއެވެ.
މިއަހަރުގެ އަންހެން ވޯލްޑް ކަޕް އަންނަ ބުރާސްފަތި ދުވަހު އޮސްޓްރޭލިއާ އަދި ނިއު ޒީލެންޑްގައި ފަށާނެއެވެ. އަންހެން ވޯލްޑް ކަޕަށް ސަމާލުކަން ބޮޑުވެ، ޓިކެޓުވެސް އަވަސްކޮށް މިފަހަރު ވިކެމުންދާ އިރު، ގައުމުތަކުގައި ވޯލްޑް ކަޕަށް ނަގާ ފޯރިވެސް ވަނީ ގަދަވެފައެވެ. މުބާރާތުގެ ފެވަރިޓެއް ކަމަށްވާ ބްރެޒިލުން އެ ގައުމުން ކުޅޭ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ނުކުންނާނީ ޕެނަމާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަޑެލައިޑޭގައެވެ.
އެ ދުވަހު ބްރެޒިލުން ކުޅޭ މެޗު އޮންނާނީ ބްރެޒިލް ގަޑިން ހެނދުނު 7:30 ގައެވެ. އެހެންކަމުން އޮފީސްތަކަށް ސަރުކާރު މުވައްޒަފުން ނުކުންނަން ޖެހޭނީ 11:00 ގައެވެ. އެފަދަ ގޮތަކަށް ގަޑިތަކަށް ބަދަލު ގެނައިކަން ބްރެޒިލްގެ މިނިސްޓާ އޮފް މެނޭޖުމަންޓް އެސްތާ ޑްވެކް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ ބްރެޒިލް ގަޑިން ހެނދުނު 8:00 ގައި ކުޅޭ މެޗުތަކަށް ވަގުތު ދޭން، އެ ދުވަސް ދުވަހު ސަރުކާރު އޮފީސްތަކަށް މުވައްޒަފުން ނުކުންނަން ޖެހޭނީ މެންދުރު 12:00 ގައި ކަމަށެވެ.
ބްރެޒިލް އަންހެން ޓީމު ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި ހިމެނޭ އިރު، ދެން އެ ގްރޫޕުގައި ހިމެނެނީ ޕެނަމާގެ އިތުރުން ފްރާންސާއި ޖެމެއިކާއެވެ. ބްރެޒިލުން ދެވަނަ މެޗުގައި 29 ވަނަ ދުވަހު ބްރިސްބަންގައި ފްރާންސާ ދެކޮޅަށް ކުޅުމަށްފަހު ޖެމެއިކާއާ ދެކޮޅަށް ކުޅޭނީ އޮގަސްޓް ދެވަނަ ދުވަހުއެވެ. އެ މެޗު އޮންނާނީ މެލްބަން ގައެވެ.
ބްރެޒިލުން 2007 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅެ ބަލިވީ ޖަރުމަނު ކައިރިންނެވެ. އޭގެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕްގައިވެސް ބްރެޒިލް ވަނީ ގަދަ 16 އިން ކަޓައިފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު