ސާފް ޗެމްޕިއަންޝިޕް 2021 ގައި ބޭއްވި ހިސާބުން އެފްއޭއެމްގެ ދަރަނި އިންތިހާއަށް ބޮޑުވި ކަމަށާއި، އެކަމުގެ ސަބަބުން ވެއްޓުނު ފައިސާގެ އަނދަވަޅުން އަދިވެސް އެއްކޮށް ސަލާމަތް ނުވެވޭ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެންމެ ފަހުން އިންޑިއާގައި ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕް 2023ގެ ނަތީޖާއާއި އާންމު ފުޓުބޯޅަ ހާލަތު ދަށްވުމުން ބައްސާމް ވަނީ އިއްޔެ ނޫސްވެރިންނާ ކުރިމަތިލައިފައެވެ. ބައްސާމްގެ ޕްރެސް ބާއްވަން އޮތީ ފުރަތަމަ މިމަހުގެ 15 ގައި ނަމަވެސް، އެ ޕްރެސް އިއްޔެއަށް ލަސްކުރިއެވެ. ގައުމީ ދަނޑުގައި އިއްޔެ ބޭއްވި ޕްރެސްގައި ނޫސްވެރިންގެ ގިނަ ސުވާލުތަކަކަށް ބައްސާމް ޖަވާބުދެއްވާފައިވެއެވެ.

ބައްސާމް އިއްޔެ ފުރަތަމަވެސް ފާހަގަކުރެއްވީ، އެފްއޭއެމްގެ ފައިސާގެ ހާލަތުގެ ވާހަކައެވެ. އޭނާ ވިދާޅުވީ ފައިސާގެ ބޮޑެތި ދަތިތަކެއް އުޅޭކަން ގަބޫލުކުރައްވާ ކަމަށާއި، އެފްއޭއެމްގެ އިދާރީ މައްސަލަތަކަށްވެސް ހައްލު ހޯއްދަވަން ޖެހިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ދިވެހި ފުޓުބޯޅަ، 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށްޓާއެކު ފަހަތަށް ފިޔަވަޅެއް އެޅި ކަމަށް ބައްސާމް އިއްޔެ ވިދާޅުވެފައިވާ އިރު، އޭނާ ވިދާޅުވީ އެކަން އެގޮތަށް ދިޔައީ ފައިސާގެ މައްސަލަތަކުގެ ސަބަބުން ކަމަށެވެ.

"ފައިނޭންޝިއަލް އިސޫސް މި ދިމާވީ. ހާއްސަކޮށް 2019 ވަނަ އަހަރު ކްލަބު ތަކަށް ލިބެމުންދިޔަ ފައިނޭންޝަލް އެސިސްޓެންސް ހުއްޓިގެން ދިޔުން އެއީ ބޮޑު ދަތިކަމެއް އައި ކަމެއް. އެ ހިސާބުން އަޅުގަނޑުމެން ފެށީ އެފްއޭއިން އެކަން ކުރަން. އެއީ އެކަން ވަގުތުން އެކަން ހުއްޓާލައިފިނަމަ، އޭގެ ގެއްލުން ބޮޑުވާނެ ކަމަށް ފެނުނީ. އެހެންވީމަ އަޅުގަނޑުމެން އެ ބާޑަން ނެގީ. އެ ނަގައިގެން އަޅުގަނޑުމެން ކުރިއަށް މިދަނީ. އެފްއޭ ބިނާވެފައި އޮންނަނީ ސަރުކާރާއި ސްޕޮންސާޝިޕް އަދި ފަންޑިންގެ މައްޗަށް. އެފްއޭއަކީ ވިޔަފާރިކުރާ ތަނެއް ނޫން މިއަދާ ހަމައަށް ޖެހެންދެންވެސް. އެހެން ނަމަވެސް އެ ބަދަލުތައް ގެންނަން އެބަޖެހޭ. ރެވެނިއު ވައްދާނެ ކޮޅެއް ނެތިގެން، މިހާރު ވާނީ ބައެއް ފަރާތްތަކާއެކު އެއްބަސްވުންތައް ހެދި ގުދަންތަކާ ތަންތަން އަދި އިތުރު އިމާރާތްތައްވެސް އަޅައި، ރެވިނިއު ވައްދާނެ ގޮތްތަކަކަށް މަސައްކަތް ފަށާފައި. ފައިނޭންޝިއަލީ އެހެން ބަޔަކަށް ބަރޯސާވެފައި އޮންނަ އޮތުމަށް ނިމުން ގެންނަން ޖެހޭ،" ބައްސާމް އިއްޔެ ފާހަގަކުރެއްވިއެވެ.

ބައްސާމް ވިދާޅުވީ އެފްއޭއަށް ފައިސާ ނުވައްދާ ކުރިއަށް ދެވެން ނެތް ކަމަށާއި، ކްލަބުތަކަށް ފައިސާ ދޭން ފެށި ހިސާބުން އެފްއޭގެ ޑިވަލޮޕްމަންޓް މަސައްކަތްތައް ވަރަށް ބޮޑަށް ހުއްޓިގެން ދިޔަ ކަމަށެވެ. އަދި މިހާރު ވިސްނުން ހުރީ އެހެން ބަޔަކަށް ބަރޯސާ ނުވެ، އެފްއޭއެމް އަމިއްލަ ފައިމައްޗަށް ތެދުވަން ކަމަށްވެސް ބައްސާމް އިއްޔެ ވިދާޅުވިއެވެ. ފައިސާގެ ހާލަތަށް އިތުރަށް ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ 2021 ވަނަ އަހަރުގެ ސާފް ބޭއްވުމުން ދަރަނި 30 މިލިއަނަށް އަރައިގެން ދިޔަ ކަމަށާއި، އެ ދަރަނި މިހާރު ހަ މިލިއަނަށް ކުޑަކޮށްފައިވާނެ ކަމަށެވެ.

"ސާފް ޗެމްޕިއަންޝިޕް 2021 ގައި ބޭއްވުނުއިރުގައި ދިޔަ ހަރަދުތައް އަންދާޒާ ކުރި ވަރަށް ވުރެން ވެސް ބޮޑަށް ދިޔައީ، އެއީ ސްޕޮންސަޝިޕްގެ ގޮތުން ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމާ ގުޅިގެން. ހަމަ ހާއްސަކޮށް ދަންނަވާލަން ބައެއް އެކޮމަޑޭޝަންތަކުގެ ހަރަދުތައް ދެގުނަ ބޮޑުވެގެން ދިޔަ. އެހެންވީމަ އަޅުގަނޑުމެން ހެދި ބަޖެޓަށް ވުރެ މާ ބޮޑުކޮށް ގޮސްފައި ހުރީމަ އަޅުގަނޑުމެންގެ ވަރަށް ބޮޑު ދަރަންޏެއް އޮތް، ގާތްގަނޑަކަށް 30 ވަރަަކަށް މިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ސާފް ނިމުމަށްފަހު، އެހެންނަމަވެސް މިއަދާ ހަމައަށް އައިއިރު އެ ދަރަނި ވަނީ ހަ މިލިއަން ރުފިޔާއަށް ކުޑަކުރެވިފައި. ކުރިއަށް އޮތް ދެތިން މަހެއް ތެރޭ އެ ވެސް ހަލާސްކުރެވިގެންދާނެ،" ބައްސާމް އިއްޔެ ވިދާޅުވިއެވެ.

ދާދިފަހުން މީޑިއާގައި އަޑު ފެތުރު ފަދައިން ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯއަށްވެސް މުސާރަތަކެއް ނުދީ އޮތް ކަމަށާއި، މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަތައްވެސް ނުދެވި އޮތް ކަމަށް ބައްސާމް އިއްޔެ އެއްބަސްވެލެއްވިއެވެ. އޭނާ ވިދާޅުވީ މުސާރައިގެ މައްސަލަ ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ހައްލުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، ބެކްލޮގް ސާފުކޮށް، މުވައްޒަފުންނަށް ދޭން ޖެހޭ ފައިސާ ދޭން ވިސްނަވާފައިވާ ކަމަށެވެ.

"ކޯޗުގެ އުޅޭނެ ޕެންޑިން ޕޭމަންޓްތަކެއް. ކޯޗުގެ ސެލެރީއަކީ ސްޕޮންސާޝިޕަކުން އައި ކަމެއް. އެހެން ނަމަވެސް، ފުރަތަމަ ދެ ތިން މަހަށްފަހު އަޅުގަނޑުމެންނަށް އެ ފައިސާއެއް ނުލިބޭ. އެހެންވީމަ އެ ފައިސާ އެފްއޭގެ ބަޖެޓުން ކުއްލިއަކަށް ހަރަދު ކުރަން ޖެހުނީމަ ދަތިތަކެއް އައި. އެހެން ނަމަވެސް، ކޯޗު ފުރައިގެން ސާފް ދިޔަ އިރު، ސެލެރީގެ ބޮޑުބައެއް ދީފައިވާނީ. މިހާރު އޮތް ޕެންޑިންވެސް އިރާދަކުރެއްވިއްޔާ، ކޯޗާ މީޓިންނަށް ދާއިރު ދީ ނިންމާނަން. މިހާރު އުޅޭނީ ފަހެއް ނޫނީ ހަ މަހުގެ މުސާރަ ނުދެވި. ހަމަ އެހެން ސްޓާފުންނަށްވެސް ނުދެވި އެބައޮތް މުސާރަތަކެއް. ފައިސާގެ ހާލަތު ގޯސްކަމަށް ދެއްތޯ މި ދެންނެވީ. އެހެންވީމަ އެ ބެކްލޮގް މަޑުމަޑުން ކްލިއާ ކުރަމުން، މުސާރަ ދެމުން މި ގެންދަނީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އެ ފައިސާ ދީ، އެފްއޭގެ މުސާރައިގެ މައްސަލަ ހައްލުކުރެވޭނެ،" ބައްސާމް ވިދާޅުވިއެވެ.

2017 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހަށް ޖަމާކުރަން ޖެހޭ ފައިސާ އެފްއޭއިން ޖަމާކޮށްފައި ނުވުމުން ޕެންޝަން އޮފީހުން އެފްއޭއެމް ބްލެކް ލިސްޓް ކޮށްފައި އޮތް އޮތުމާ ގުޅޭގޮތުން ބައްސާމް ވިދާޅުވީ އެކަން އެހާ ބޮޑަށް ގޯސްވެގެން ދިޔައީ އިދާރީ މައްސަލަތެއް ދިމާވެގެން ކަމަށެވެ. އަދި މިހާރު މަޑުމަޑުން އެކަންކަން ހައްލުކޮށް، 2021 ވަނަ އަހަރާ ހަމައަށް ޕެންޝަން ފައިސާ ދެވިފައިވާ ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ. ބައްސާމް ވިދާޅުވީ އެ މައްސަލަ ކޯޓުގައިވެސް އޮތުމާއެކު، އެކަމަށް ކޯޓުން އަންގާފައިވާ ގޮތަށް ކަންކަން ކުރިއަށް ގެންދަމުންދާ ކަމަށެވެ.

އޭގެ އިތުރުންވެސް ބައްސާމް އިއްޔެ ވަނީ އެފްއޭއެމްގެ އިދާރީ ކަންކަން ހިންގަން ތިބި ފަރާތްތަކަށް ބަދަލުތަކެއް ގެންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ ބަދަލުތައް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ.