ރައްޔިތުން ދިރިއުޅެން އެކަށީގެންވާ ރަށަކަށް ހއ. ހޯރަފުށި ހެދިގެން މިދިޔައީ އަދި ކިރިޔާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހޯރަފުއްޓަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވަނީ ހޯރަފުއްޓާއި ބޮޑުތިލަދުންމަތި ތަފާތު ބޮޑުކޮށް ތަރައްގީ ކުރެއްވުމަށް ކަމަށެވެ. އެގޮތުން ހޯރަފުއްޓަށް ބޮޑު ބަދަލުތަކެއް އަންނަ ކަމަށާއި އެ ބަދަލު ބޮޑުތިލަންދުންމައްޗާއި މުޅި ރާއްޖެއިންވެސް ފެންނަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"މިހާ ހިސާބަށް އާދެވުނުއިރުގައި އަޅުގަނޑު ދަންނަވާނީ ހޯރަފުށި މިއޮތީ އަދި ކިރިޔާ ރައްޔިތުން ދިރިއުޅެން ކަމުދާވަރުގެ ރަށަކަށް ބަދަލުކުރެވިފައޭ. އަދި ކުޑަކުޑަ ތަރައްގީއެއް މީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ޖުމްހޫރީ ވެރިކަން ފެށިގެން އައިއިރުގައި ހޯރަފުއްޓަކީ އޭރުގެ 'ރަށްވެހި ފަތިސް'ގެ ތަރައްގީގެ ޕްރޮގުރާމުގައި 1950 ގައި ހިމެނިފައި އޮތް ރަށެއް ކަމަށާއި އޭރު ކުރެވުނު ހަމައެކަނި ކަމަކީ އޭރު ހުންނެވި ރައީސް އެ ރަށަށް ވަޑައިގެން މަގުތައް ތަރުތީބު ކުރެއްވުން އެކަނި ކަމަށެވެ. އޭގެ ފަހުން ތަރައްގީގެ ގޮތުގައި މި ވޭތުވެދިޔަ 70 އެތައް އަހަރުގެ ތެރޭގައި މާބޮޑުކަމެއް ހޯރަފުއްޓަށް އައިސްފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނުގެ ދައުރުގައި ހޯރަފުއްޓަށް ގިނަ ކަންތައްތަކެއް ކޮށްދެވިއްޖެ ކަމަށާއި ރައްޔިތުން އެކަން ގަބޫލުކުރާކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ހޯރަފުށީގެ ބޮޑު ތާއީދެއް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު