ރައްޔިތުންނަށް ތަރައްގީއާއި އަމާން ރާއްޖެއެއް ހޯދައިދިނުން ނޫން އަމާޒެއް އެ މަނިކުފާނާއި ގުޅިފައިވާ ޕާޓީތަކުގައި ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. ހޯރަފުއްޓަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާ ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އޮތް ހަމައެކަނި އަމާޒަކީ އަދި އެޖެންޑާއަކީވެސް ތަރައްގީ ކަމަށެވެ.

"އަޅުގަނޑުގެ އޮތީ އެންމެ އަމާޒެއް، އަޅުގަނޑުގެ އޮތީވެސް އެންމެ އެޖެންޑާއެއް، އެއީ ތަރައްގީ، ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުން އަމާން ގައުމަކަށް މި ރާއްޖެ ބަދަލުކުރުން، މި ނޫން އެޖެންޑާއެއް، އެމްޑީޕީގެވެސް އަދި އަޅުގަނޑުމެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެވެސް ނެތް" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ތަރައްގީއަކީ އަބަދުވެސް ބޭނުންވާ ކަމެއް ކަމަށާއި މިހާރުގެ ހާލަތުން އެހެން ހާލަކަށް ބަދަލުވާން ރައްޔިތުން އަބަދުވެސް ބޭނުންވާ ކަމަށެވެ. އަދި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި މި ސަރުކާރުން ގެނެސްދިން ތަރައްގީ ރައްޔިތުން ބަލައިގަންނަ ކަމުގެ އިހުސާސް މިއަދު ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.