ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމުން އިސްތިއުފާ ދޭން ޖެހޭނީ މެމްބަރު ކްލަބުތަކަށް އިތުބާރު ގެއްލިގެން އެކަން ކުރަން ވެއްޖެނަމަ އެކަނި ކަމަށް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
އެންމެފަހުން އިންޑިއާގައި ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕް 2023ގެ ނަތީޖާއާއި އާންމު ފުޓުބޯޅަ ހާލަތު ދަށްވުމުން ބައްސާމް ވަނީ މިއަދު ނޫސްވެރިންނާ ކުރިމަތިލައިފައެވެ. ބައްސާމްގެ ޕްރެސް ބާއްވަން އޮތީ ފުރަތަމަ މިމަހުގެ 15 ގައި ނަމަވެސް، އެ ޕްރެސް މިއަދަށް ލަސްކުރިއެވެ. ގައުމީ ދަނޑުގައި މިއަދު ބޭއްވި ޕްރެސްގައި ނޫސްވެރިންގެ ގިނަ ސުވާލުތަކަކަށް ބައްސާމް ޖަވާބުދެއްވާފައިވާ އިރު، އެންމެ ބޮޑަށް އޭނާއާ ކުރިމަތިވި ސުވާލަކީ ފެއިލްވި ކަމަށް ގަބޫލުކުރައްވަންތޯ އެހި ސުވާލެވެ. އަދި އެކަންކަމަށް ދޭން އޮތް ޖަވާބަކަށް އެދިގެން ކުރި ސުވާލުތަކެވެ.
ބައްސާމް މިއަދު ޕްރެސް ފައްޓަވަމުން ވިދާޅުވީ، ރާއްޖޭގެ ފުޓުބޯޅަ ގޯސްވެއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަމަށް ޓެކްނިކަލީ ބަދަލުތަކެއް ގެންނަން ވިސްނަވާ ކަމަށެވެ.
"ޓެކްނިކަލީ ކަންތައްތަކެއް ބަދަލުކުރުމަށް މިހާރު ތިނެއް ނޫނީ ހަތަރު ވަރަކަށް މަސް ދުވަހު މަޝްވަރާކޮށް ބަދަލުތަކެއް ގެންނަން ވަނީ ނިންމާފައި. އެކަން ވަރަށް އަވަހަށް އިއުލާނުކުރެވޭނެ. ލިބުނު ނަތީޖާއަކީ އަޅުގަނޑުމެންވެސް ހިތްހަމަޖެހޭ ނަތީޖާއެއް ނޫން. އަޅުގަނޑުމެން ބޭނުންވާ އައިޑެންޓިޓީއެއް ޓީމުގެ ކުޅުމުންވެސް ފެނިފައެއް ނުވޭ. ނަތީޖާގައި ވަރަށް ގިނަ ގޯސްތަކެއް ހުރިކަން އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމަށްވެސް ވަނީ ފާހަގަވެފައި. އަދި މީގެ ތެރެއިން ޓެކްނިކަލީ ތިބި މީހުންވެސް ބަދަލުކުރަން ޖެހޭކަން އެބަ އެނގޭ. އެފްއޭގެ ހިންގުމަށާއި ޓެކްނިކަލީ ކަންތައްތަކެއްވެސް ބަދަލުވެގެން ދާނެ ކަމަށް އަންގަން،" ބައްސާމް ވިދާޅުވިއެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ނިންމާލީ ގްރޫޕް ސްޓޭޖުން ކަޓައިގެންނެވެ. މޮޅުވެވުނީ ބޫޓާން ކައިރިން އެކަންޏެވެ. އެ މެޗުގައިވެސް މޮޅަށް ކުޅުނީ ބޫޓާން ކަމަށް މިއަދުގެ ޕްރެސްގައި ބައްސާމް ވިދާޅުވިއެވެ. އެ ސަބަބުތައް ހޯދަން މަސައްކަތް ކުރައްވާ ކަމަށް ބައްސާމް މިއަދު ވިދާޅުވި އިރު، ޓެކްނިކަލް ޕްލޭނާއި އިމްޕްލިމެންޓިން ޕްލޭންގެ ވާހަކަ ވަރަށް އަވަހަށް ނޫސްވެރިންނާވެސް ހިއްސާކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިންވެސް އެފްއޭއެމުން ތަކުރާރުކޮށް ޕްލޭންތައް އިއުލާނުކޮށްފައިވާ އިރު، ބައްސާމް ވިދާޅުވީ މިދިޔަ ދެތިން އަހަރަކު އެންމެ ބޮޑަށް ދިމާވި މައްސަލައަކީ ފައިސާގެ މައްސަލަތައް ކަމަށެވެ. އަދި އެކަންކަމާ ހެދި އިދާރީ ހިންގުން ބޮއްސުންލި ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. އެކަންކަން އެހެން ހުރުމާއެކު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ގަބޫލުކުރައްވަންތޯ ނޫސްވެރިން ސުވާލުކުރުމުން ބައްސާމް ވިދާޅުވީ އެކަމަށް ވިސްނާނީ ކްލަބުތައް ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ތަކުރާރުކޮށް ދަންނަވާ ވާހަކައެއް. އަޅުގަނޑަށް މަގާމުގައި މި ހުރެވެނީ މެމްބަރު ކްލަބުތަކުގެ ތާއީދާއެކު. މާދަމާވެސް އެ ކްލަބުތަކުން އައިސް އަޅުގަނޑު ކައިރީ ބުނެފިނަމަ، މަގާމުން ދުރަށް ޖެހިލާނަން. އެ ނޫން ހާލަތެއްގައި އަޅުގަނޑު ހުންނާނީ މެމްބަރު ކްލަބުތަކަށް އެއްބާރުލުން ދިނުމުގައި، އެހީތެރިކަން ފޯރުކޮށްދިނުމުގައި،" އެފްއޭ ރައީސް ކަމުގައި ދެވަނަ ދައުރެއް ފުރިހަމަ ކުރައްވަމުންދާ ބައްސާމް ވިދާޅުވިއެވެ.
އޭގެ އިތުރުން އެފްއޭއެމަށް ދޭ ފައިސާއިން ކޮރަޕްޝަން ނުހިންގަވާ ކަމަށް ބައްސާމް މިއަދު ވަނީ ސާފުކޮށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެއީ ޔަގީން ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ހިޔާނަތްތެރިވެފައިވާ ނަމަ، މިއަހަރުވެސް އޭއެފްސީއާއި ފީފާގެ ފަންޑިންނެއް ނުލިބޭނެ. އެއީ އެބޭފުޅުން ފަންޑިން ދެމުންދަނީ އެ ފައިސާ ހަރަދުކުރި ގޮތާއި، އެ ހަރަދުކުރި ގޮތުގެ ތަފްސީލުވެސް ހުށަހެޅުމުން. އަދި އެބޭފުޅުން ދޭތެރެއަކުން މިކޮޅަށް ސަޕްރައިސް ވިސްޓްވެސް ކުރާނެ. އަޅުގަނޑު މި ދޭތެރެއިން ގައުމުން ބޭރުގައި ހުއްޓައި، ޖެނެރަލް ސެކްރެޓަރީ ވިދާޅުވި ފީފާގެ އޮޑިޓަރުން އައިސް އެބަ ތިއްބޭ. އެއީ ހަމަ މެއިލްއެއްވެސް ނުކޮށް ސަޕްރައިސް ވިސިޓެއް އެ ކުރީ. އިރާދަކުރެއްވިއްޔާ އެބޭފުޅުން އައިސް ބެލިބެލުމުގައި ހުރިހާ ކަމެއް ރަނގަޅަށް އޮތީ. އަޅުގަނޑު ދަންނަވާލާނަން، މިހާރަކު އެފްއޭއަށް ވަންނަ ފައިސާއަކަށް އަތްލެވޭނެ ނުރަނގަޅު ގޮތެއް ނޯންނާނެ. މިހާރުވެސް ކުރިއަށް އޮތް ތަނުގައިވެސް ކޮރަޕްޝަނުގެ މައްސަލައެއް ނޯންނާނެ،" ބައްސާމް ޕްރެސްގައި ވިދާޅުވިއެވެ.
އިސްތިއުފާ ދޭން ޖެހޭނެތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ބައްސާމް ވިދާޅުވީ އެފްއޭއެމްއަކީ ސްޓެޓިއުޓްސްއަކަށް ބިނާވެފައިވާ މެމްބަރު ކްލަބުތަކުގެ ވިސްނުމަށް ބިނާވާ އެސޯސިއޭޝަނެއް ކަމަށާއި، ކްލަބުތަކުގެ އިތުބާރު އޮތްހާ ހިނދަކު އިސްތިއުފާ ދޭން ނުޖެހޭނެ ކަމަށެވެ.
ބައްސާމް ވިދާޅުވީ ފުޓުބޯޅަ އާއިލާ ބޮޑުކަން ގަބޫލުކުރައްވާ ކަމަށާއި، އޭގެ ތެރޭގައި ކުރީގެ ކުޅުންތެރިންނާއި ޖެނެރަލް ސެކްރެޓަރީން އަދި އެހެނިހެން ސަޕޯޓަރުންވެސް ހިމެނޭނެ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ކަންބޮޑުވުން އެހާ ބޮޑަށް ފުޓުބޯޅައަށް އަންނަނީ މި ކުޅިވަރަކީ އަދިވެސް ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރަށް ވާތީ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ މިހާރުވެސް މި އުޅެނީ ފައިސާތަކެއް ލިބި، އެ ފައިސާތައް ނުދީގެން ނޫން ކަމަށާއި، އެގޮތަށް ހީވެފައި އޮންނަ ނަމަ، އެއީ އޮޅުމެއް ކަމަށެވެ.
"ބައެއް ބޭފުޅުންނަށް ވަރަށް ބޮޑަށް އޮޅިފައި އޮންނަ ކަމެއް ކަންނޭނގެ، އަޅުގަނޑުމެންނަށް ފައިސާ ލިބިގެންވެސް ނުދީ އޮންނަ ކަމަށް ދެކޭ ދެކުން. އެހެނެއް ނޫން މި ވަނީ. އަޅުގަނޑުމެންނަށް އެ ލިބޭ ބަޖެޓް ސްޓްރަކްޗާ ތެރެއިން ދޭން ޖެހޭ ފައިސާ ދޭން ޖެހޭ ބަޔަކަށް ދެމުން މިދަނީ. އަޅުގަނޑުމެންނަކަށް ފީފާއިން ދޭ ޑެވަލޮޕްމަންޓް ފައިސާ ހިންގުމުގެ ހަރަދަށް ބޭނުމެއް ނުކުރެވޭނެ. ހަމަ އެހެން ހިންގުމުގެ ފައިސާ ބޭނުމެއް ނުކުރެވޭނެ ޕްރޮޖެކްޓް ހިންގާކަށް. ތިބޭފުޅުންނަށް ތި ފެންނަނީ އެއް މިލިއަން ޑޮލަރު ދީފައި އޮންނަ ތަން. އެކަމަކު އެ އެއް މިލިއަން ޑޮލަރުން ބޭނުންކުރަން ޖެހޭ ވަކި އުސޫލުތަކެއް އެބައޮތް ކަނޑައަޅާފައި. ގިންތިތައް ކުރެވި، އެކި ކަންކަމަށް އލޮކޭޓް ކުރެވިފައި އޮންނަ ބަޖެޓެއް މި ލިބެނީ. އަދަދު ލިބޭ، އެކަމަކު އެ ކަންކަން ހަރަދުކުރާނެ ގޮތްތަކެއް މި ހުންނަނީ،" ބައްސާމް ވިދާޅުވިއެވެ.
ފައިސާގެ ވާހަތަކާއެކު، މިހާރު ފުޓުބޯޅަ އޮތް ހާލަތުން "ފެއިލްވި" ކަމަށް ގަބޫލުކުރައްވަންތޯ ސުވާލުކުރެއްވުމުން ބައްސާމް ދެއްކެވީ ފުރަތަމަ ދައުރުގެ ކާމިޔާބީތަކުގެ ވާހަކައެވެ. އެގޮތުން އަންހެން ފުޓުބޯޅައިގައި ހޯދި މެޑަލްއާއި ޒުވާން ޓީމުގެ މެޑަލްގެ އިތުރުން ސާފް ޗެމްޕިއަންޝިޕް 2018 ގެ ވާހަކަ ބައްސާމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިދިޔަ ދެތިން އަހަރަށް އެކަނި ނުބަލައި، އޭގެ ކުރިއަށް ބަލައިގެން ފެއިލްވި ކަމަށް އެއްބަސްވެވަޑައި ނުގަންނަވާ ކަމަށެވެ.
"މިދިޔަ ދެ އަހަރަށް އެކަނި ނުބަލަމާ ހިނގާ. އޭގެ ކުރީގައި ވަރަށް ބައިވަރު ކާމިޔާބީތަކެއްވެސް އަޅުގަނޑަށް ހޯދުނު. ދެން މި ގޯސްވި ހިސާބުން ހިނގާ ބަލަމާ ކަންކަން ގޯސްވާ ގޮތަށް. މީގައި މި އުޅެނީ މި ގޮނޑީގައި އިން މީހާގެ އެކަނި މައްސަލައެއްވެސް ނޫން ކަންނޭނގެ. މީގެ ވަށާ އެބައުޅޭ މައްސަލަތަކެއް، ދަތިތަކެއް ހުރި ކަންތައް. ހާއްސަކޮށް ފައިސާ މައްސަލަތައް. އެންމެ ދެ އަހަރަށް ބަލައިގެން ނަތީޖާއެއް ނުބެލޭނެ. ޖުމުލަކޮށް ނޭފަތުކުރިއާ ހަމައަށް ނުބަލާށޭ. ފެއިލް ވާން ބައިވަރު ކަންތައް އެބަހުރި. އަޅުގަނޑުގެ މުޅި ޓާމަށް ބަލައިފިއްޔާ، މުޅިން ފެއިލިއާއެއް ކަމަށް ގަބޫލެއް ނުކުރަން،" ބައްސާމް މިއަދުގެ ދިގު ޕްރެސްގައި ވިދާޅުވިއެވެ.
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް