ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ޝައުގުވެރިކަން ހުރި ކަމަށް ވިދާޅުވެ އޭނާ ވާހަކަ ދެއްކި ކަމަށް ފައްޔާޒަށް ވިދާޅުވެވުނީ އޮޅިގެން ކަމަށާއި އެފަދަ ވާހަކައެއް ދައްކާފައި ނުވާނެ ކަމަށް ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރަނިންމޭޓް ކަމަށް ފައްޔާޒުގެ ޝައުގުވެރިކަން ހުރި ކަމަށް އޮންލައިން ނޫހަކުން ރިޕޯޓް ކުރުމުން އެ ވާހަކައަށް ރައްދުދެއްވައި ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ތުހުމަތު ކުރެއްވީ އެއީ ރީކޯ ފަތުރާ ވާހަކައެއް ކަމަށެވެ. އަދި އެއީ ދެރަ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ފައްޔާޒުގެ އެ ތުހުމަތަކާ ގުޅޭ ގޮތުން "ވަން" އަށް ރީކޯ ވިދާޅުވީ، ރަނިންމޭޓަކާ ގުޅޭ ގޮތުން ރައީސް ސޯލިހު ވާހަކަދެއްކެވީ އިއްޔެ ކަމަށާއި އެކަމަކީ އެ މަނިކުފާނު އަމިއްލަފުޅަށް ނިންމަވަންޖެހޭ ކަމެއް ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އެއްވެސް މީހަކާ ވާހަކަދައްކާފައި ނުވާނެ ކަމަށާއި ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމުގެ ކެމްޕެއިންގައި އޭނާވެސް އުޅުއްވަނީ ވަރަށް ބުރަކޮށް ކަމަށެވެ.
"އެމްޑީޕީ ރޫޅާލާނެ ކަމަށް ބަޔަކު ބުނެފަ އެބަ އޮތް. އެ ރޫޅާލުމުގެ ސިޔާސަތުގައި ޖަހާ މަޅިތަކުގައި ނުޖެހި ދެވޭތޯ ބަލަން އެބަޖެހޭ. ހާއްސަކޮށް ޕާޓީ ހިންގެވުމުގައި ތިއްބެވި ބޭފުޅުން. ރަނިންމޭޓުގެ ވާހަކައަކީ ފަޔާއަށް އެރި އޮޅުމެއް. އެކަމުގައި ފަޔާއާ އެއްވެސް މައްސަލައެއްވެސް ނެތް، ހިތްބުރަކަމެއްވެސް ނެތް،" ރީކޯ ވިދާޅުވިއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަންނަވާއިރު، އެ މަނިކުފާނުގެ ރަނިންމޭޓަކު އަދި ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ޕާޓީގެ އިސް ބޭފުޅުންނާ ވަކިވަކިން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު