އަންނަ ސެޕްޓެމްބަރު މަހުގެ ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ، މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމް އާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ޖޭޕީގެ އިސް ތަރުޖަމާން އަލީ ސޯލިހު ވަން އަށް މިއަދު ވިދާޅުވީ، މިއަދު ހެނދުނު ސަންއައިލެންޑަށް ވަޑައިގެން ނާޒިމް ގާޒިމް ގާސިމާ ބައްދަލު ކުރެއްވި ކަމަށެވެ. އެ ދެބޭފުޅުން ބޭއްވި މަޝްވަރާތަކުގައި، އެމްއެންޕީގެ ނައިބު ރައީސުން ކަމަށްވާ ތިމަރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެ ބޭފުޅުން ކުރެއްވީ ކޮން މަޝްވަރާތަކެއް ކަމެއް އަލީ ސޯލިހު ވިދާޅެއް ނުވެއެވެ. ވިދާޅުވީ، އެ ބޭފުޅުން ކުރެއްވީ ސިޔާސީ ކަންކަމާބެހޭ މަޝްވަރާތަކެއް ކަމަށެވެ.
ނާޒިމާއި ރިޔާޒަކީ މީގެ ކުރިން ޖޭޕީގެ އިސް މަގާމުތަކެއް ފުރުއްވަމުން ގެންދެވި ދެ ބޭފުޅުންނެވެ. ނަމަވެސް ޖޭޕީން ވަކިވެ ވަޑައިގެން އެމްއެންޕީ އުފެއްދެވުމާ ގުޅިގެން ގާސިމް ވަނީ އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.
އެގޮތުން އެބޭފުޅުން އެމްއެންޕީ އުފެއްދެވީ، ވަކި ވިސްނުމެއްގައި ކަމަށާއި، ގާސިމް ދުއްވާލުމަށް ކަމަށްވެސް ތުހުމަތު ކުރެއްވި އެވެ. އެ ވާހަކަތަކާ ގުޅިގެން ނާޒިމް ވިދާޅުވެފައިވަނީ، އޭނާއަށް ހެޔޮއެދޭ އެކަކުވެސް ގާސިމަށް ގެއްލުމެއް ނުދޭނެކަމަށެވެ. އަދި އޭނާގެ ހިތުގައި ގާސިމަށް އޮތީ އިހުތިރާމު ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް އެމްއެންޕީގެ އިސް ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވާފައި މިވަނީ، ރިޔާސީ އިންތިހާބުގެ ކަންތައްތަކާބެހޭގޮތުން، އިދިކޮޅު ޕީޕީއެމްއާއެކު މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު