ޗައިނާގެ ސިޗުއާން އެއާލައިންގެ ދަތުރުތައްވެސް ރާއްޖެއަށް ފަށަން ނިންމައިފިއެވެ.

ކޮވިޑާ އެކު ޗައިނާގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އެ ގައުމުގެ ބޯޑަރު ހުޅުވާލައި ރައްޔިތުން ގައުމުން ބޭރަށް ދިއުމުގެ ހުއްދަ ދިނުމުން، ޗައިނާއިން ރާއްޖެއަށް ރަސްމީކޮށް ދަތުރުތައް ފެށީ މި އަހަރުގެ ޖެނުއަރީ މަހުއެވެ.

އެ ގޮތުން ޗައިނާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފެށީ ބެއިޖިން ކެޕިޓަލް އެއާލައިންސް އިންނެވެ. އޭގެ ފަހުން ޗައިނާ އީސްޓާން އިން ރާއްޖެއަށް ދަތުރުތައް ފެށިއެވެ.

އޭވިއޭޝަންގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސިޗުއާން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށާނީ އަންނަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހުއެވެ. މި ދަތުރުތައް ކުރާނީ މާލެއާއި ޗައިނާގެ ޗަންގްޑޫއާ ދެމެދު، ހަފުތާއަކު ތިން ދުވަހުވެ.

ރާއްޖެއިން މި އަހަރުގެ އެއް މިލިއަން ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައިވާ އިރު، ޗައިނާ އަކީ މިހާރު ހަތަރު ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ގައުމެވެ. އެގޮތުން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 77،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.