ހއ. އަތޮޅުގެ ހަތަރު ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް 530 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެމްޓީސީސީއަށް ހަވާލުކުރި މަޝްރޫއުތަކަކީ ހއ. ތުރާކުނު ބިން ހިއްކުމާއި، ހއ. ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއު އާއި ހއ. ކެލާގެ ނެރު ފުންކުރުމާއި ބޭރުތޮށި ހެދުމުގެ މަސައްކަތުގެ އިތުރުން ހއ. އުލިގަމު ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކަމަށެވެ.

ތުރާކުނު ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 164 މިލިއަން ރުފިޔާއަށް 639 ދުވަހުން ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން ތުރާކުނުން 8.16 ހެކްޓަރު ބިން ހިއްކައި، ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 1215 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ.

ޕްލޭނިން މިނިސްޓްރީން، ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 360 ދުވަހުން ނިންމާގޮތަށް ޖުމުލަ 89.7 މިލިއަން ރުފިޔާއަށެވެ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުން 26 ހެކްޓަރުގެ ބިން ހިއްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކެލާގެ ނެރު ފުންކުރުމާއި ބޭރުތޮށި ހެދުމުގެ މަސައްކަތް އެމްޓީސީސީއަށް، ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ 18.27 މިލިއަން ރުފިޔާއަށް 300 ދުވަހުން ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން 16،632 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 57،750 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 36 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން، 20 މީޓަރުގެ ގްރޮއިން ޖަހައި، 309 މީޓަރުގެ ޖިއޯ ބޭގް ޖެހުންވެސް ހިމެނެއެވެ. އަދި ހަ ނެރުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

އުލިގަމުގައި ކުރިއަށްގެންދިއުމަށް ނިންމައިފައިވާ އެރަށު ބަނދަރު ބޮޑުކުރުމުގެ މަޝްރޫއާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކުރީ 79.79 މިލިއަން ރުފިޔާއަށް 6909 ދުވަހުން ނިންމާ ގޮތަށެވެ.

މީގެ އިތުރުން ޕްލޭނިން މިނިސްޓްރީން ވަނީ އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު 26،506 މިލިއަން ރުފިޔާއަށް 365 ދުވަހުން ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން ހިމަންދޫ ގޮނޑޮދޮށް ގިރަމުންދާ ސަރަޙައްދުތަކުގައި 235 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 20 މީޓަރުގެ ޖިއޯބޭގް ގްރޮއިންނާއެކު 110 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި 60 މީޓަރުގެ ބޮޑުހިލަ ގްރޮއިންއާއެކު 180 މީޓަރުގެ ބޮޑުހިލަ ވައި ގްރޮއިން ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.