ރިޔާސީ އިންތިހާބުގައި ވާދަވެރިވާނެ ކަމަށް ބެލެވެނީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވ. ފުލިދޫގައި މިއަދު ބޭއްވި ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ނިންމަވައިލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް ބަލައިލުމުން ދެ ރައީސުންގެ ތެރެއިން ރައްޔިތުންގެ ތާއިދު ލިބިވަޑައިގެންފައިވަނީ ކޮން ބޭފުޅަކަށްކަން ވަރަށް ސާފު ކަމަށާއި ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއަކީ ގޮންޖެހުމެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި ވެސް ވާދަވެރި ދެ ޕާޓީއަކަށް ވެގެންދާނީ އެމްޑީޕީއާ ޕީޕީއެމް. އެއަކަށް ތަފާތެއް އައިސްފައި ހުރި ތަނެއް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމާ އަޅުގަނޑުމެންގެ ޗެލެންޖަކީ ޑިމޮކްރެޓްސްއެއް ނޫން. އަޅުގަނޑުމެންގެ ޗެލެންޖަކީ ޕީޕީއެމް،" ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން އެ ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން އެ ޕާޓީގެ ބައެއް މެމްބަރުން ވަނީ ޕާޓީއާ ދުރަށް ގޮސް ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައިފައެވެ. އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ. ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތް ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށާއި އެމްޑީޕީ ރޫޅާލާނީ އެ މަނިކުފާނު ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ އެމްޑީޕީ ރޫޅާލުމަކީ އެއްގޮތަކަށް ވެސް ކުރެވޭނެކަމެއް ނޫން ކަމަށާއި އެމްޑީޕީ ދާނީ ކުރިއަށް ކަމަށެވެ.

"ނޫން ނޫން ނޫން، ނުވާނެ އިނގޭތޯ. އެމްޑީޕީގެ އަބަދުވެސް ބައެއް މެމްބަރުން ވަކިވެގެން ގޮސްފަ އެބަހުރި ލީޑާޝިޕުން ވެސް. އެހެންވިޔަސް އެމްޑީޕީ އަބަދުވެސް އޮވެ އެ ވިސްނުމުގައި ކުރިއަށްދޭ. އެ ސިޔާސަތާ އެކީގައި އަޅުގަނޑުމެން ދާނީ ކުރިއަށް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން މެމްބަރަކު ވަކިވުމަކީ ގެއްލިގެންދާ ވޯޓެއް ކަމަށާއި އެހެންވެ އެމަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވަނީ އެ ގެއްލިގެންދާ ވޯޓު އެހެން ގޮތަކަށް ހޯދުމަށް ކަމަށެވެ. އަދި އެ ގެއްލިގެންދާ ވޯޓު އެމްޑީޕީއަށް ލިބޭނެ މަންޒަރު ވެސް ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިހާރު އެންމެ ބޮޑަށް ވިސްނަވަމުން ގެންދަވަނީ ރަނިންމޭޓެއް ކަނޑައެޅުމާ ގުޅޭގޮތުން ކަމަށެވެ.

"އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންވާ ވާހަކަދައްކަވަމުން އެބަ ގަންދަވަން. އެ ބޭފުޅުންގެ ވިސްނުމާއި ހިޔާލު އަޅުގަނޑު އެބަ ހޯދަން ކޮންމެ ދުވަހަކު، ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން. އެކި ނަންތައް އެބައާދޭ، ފަހަރެއްގައި ކޯލިޝަނުން ވެސް ބޭފުޅެއް ރަނިންމޭޓަކަށް ކަނޑައަޅައިފާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބަށް ނަން ހުށަހަޅާ ފޯމު ހުށަހަޅުއްވާނީ ރަނިންމޭޓަކާއެކު ކަމަށެވެ.