އެމްޑީޕީއަށް 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ގެއްލުނީ، އެ ޕާޓީގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވުމުން ކަމަށް މޯޅްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
މ. ދިއްގަރު މިރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ އެމްޑީއޭ އުފެދުނީ 2012 ވަނަ އަހަރު ކަމަށާއި ޕާޓީއަށް 3،000 މެމްބަރުން ހަމަވިއިރު ރިޔާސީ އިންތިހާބު ވަނީ ބޯމަތިވެފައި ކަމަށެވެ. އަދި އެމްޑީއޭ އުފެދިގެން މިހާތަނަށް އައި އިރުވެސް އެމްޑީޕީއާ މެދު ހިތްބުރަ ކަމެއް ނެތް ކަމަށާއި ސަބަބަކީ އެމްޑީޕީއަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރި ޕާޓީއަށްވުމުން ކަމަށެވެ.
އެމްޑީއޭ އިން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ނުހެދީ އެ ޕާޓީގެ ފަރާތުން ވާދަކުރެއްވި ނަޝީދު، އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ދައްކަވާފައިވުމުން ރައްޔިތުން އެ މަނިކުފާނު ބަލައިނުގަންނާތީ ކަމަށް މައުރޫފް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެއިރު ދިމާވީ އެމްޑީީޕީން ނުކުމެ ހުރި ކެންޑިޑޭޓުގެ މައްސަލަ. އަޅުގަނޑުމެންނަކެއް ހަޖަމުކުރެވޭ ވަރުގެ ކެންޑިޑޭޓެއްް ނޫން ހުރީކީ އިނގޭތޯ. އަޅުގަނޑުމެން އެ މަނިކުފާނަށް އެއް ދައުރު ދިނީމާ ކަމު ނުގޮސްގެން ރައްޔިތުން ކުރިމަތަގައި އިސްތިއުފާދެއްވާފައި ހުންނެވި ބޭފުޅެއްވީމަ. އަނެއްކާވެސް އެ މަނިކުފާނު ގޮވައިގެން ރައްޔިތުން ކުރިމައްޗަށް ދިއުމަކީ ފަސޭހަކަމެއް ނޫން. އަދި ހަމަ އެއާއެކީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް. އެމްޑީޕީއަކީ ހަރުދަނާ އުސޫލެއްގެ މަތީ ދެމިއޮތް ޕާޓީއެއް،" މައުރޫފް ވިދާޅުވިއެވެ.
"އެހެންނަމަވެސް އެ ވަގުތު ކެންޑިޑޭޓަކަށް ހުންނެވި ބޭފުޅާ އިސްލާމްދީނާ ނުކަސިޔާރު ވާހަކައެއް ދެއްކުމުގެ ސަބަބުން އަދި އިސްލާމީ އަގީދާއާ ފުށޫއަރާ އެތައް ވާހަކަތަކެއް ދެއްކުމުގެ ސަބަބުން ރައްޔިތުން އެ މަނިކުފާނާ ދޭތެރޭގައި ހިތެއް ރަނގަޅެއް ނޫން. ރައްޔިތުން އެއިރުވެސް ހުރީ ކަންބޮޑުވުމާ ވަރަށް ނުތަނަވަސްކަމާ އެކީގައި އޭނާއާ ދޭތެރޭގެ ވިސްނަމުން ދިޔައީ. ރައީސް ނަޝީދުގެ ވާހަކަ މި ދަންނަވަނީ. އަޅުގަނޑު ހަމަ މިރޭ ދަންނަވާލަން އޮތީ އެމްޑީޕީއަށް 2013 ގެއްލިގެންދިޔަ އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތީމައޭ"
އެ އަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދި ޕާޓީއަކީ އެމްޑީޕީ ކަމަށާއި ނަމަވެސް ދެވަނަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާނެ ޕާޓީއެއް ނުވުމުން އެ ޕާޓީއަށް ޖެހުނީ ނާކާމިޔާބީއާ ކުރިމަތިލާން ކަމަށް މައުރޫފް ވިދާޅުވިއެވެ.
މިހާރު ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއަށް ފާޑު ވިދާޅުވެ މައުރޫފް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެދިގެން އަންނަނީ ކުލަ، ލޯގާ އަދި ސިޔާސަތަކާއެކު ކަމަށާއި އެމްޑީޕީގެ ލޯގޯއިން ފެންނަ ނޫކުލައާ ވައްތަރު ކުލައަކުން އެމްޑީޕީއަށް ކުރިން ނިސްބަތްވި 12 މެމްބަރަކު ޕާޓީއެއް އުފައްދައިފައިވާ ކަމަށެވެ.
ދަ ޑިމޮކްރެޓްސްއިން ބޭއްވި އެންމެ ބޮޑު ޖަލްސާއަކީ ނަޝީދު އެ ޕާޓީއަށް ސޮއިކުރެއްވި ޖަލްސާ ކަަމަށާއި އެ ޖަލްސާގައި ބައިވެރިވީ 600 މީހުން ކަމަށް މައުރޫފް ވިދާޅުވިއެވެ. އެ ޖަލްސާގައި 3،000 ނުވަތަ 4،000 މީހުން ބައިވެރިވާނެ ކަމަށް އުންމީދު ކުރެވުނު ކަމަށާއި ނަމަވެސް ދަ ޑިމޮކްރެޓްސް ފެނިގެން ދިޔައީ ވަރަށް "ނިކަމެތިކޮށް" ކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ނުގޮސް، ރައީސް ސޯލިހު ކާމިޔާބުކުރައްވާނެ ކަމަށާއި އެ މަނިކުފާނު އަދި އެ މަނިކުފާނުގެ ޓީމު ވަނީ ކެމްޕޭނު މެކުހަށް ޖަހާފައި ކަަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު