އަންނަ ދައުރުގައި މ. ދިއްގަރުގައި ހޮސްޕިޓަލަކާއި މަގުތައް ހަދައި، އެ ރަށު ރައްޔިތުންނަށް ބޯހިޔާވަހިކަން ވެސް ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މ. ދިއްގަރުގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިއްގަރާ ދޭތެރޭގައި މި ސަރުކާރުގެ އުންމީދު އެބައޮތް ކަމަށާއި އެ ރަށުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންތައްތައް ބަރާބަރަށް ކޮށްދީ ނިންމަވައިދެއްވާނެ ކަމަށެވެ.

"މި ރަށަށް މިވަގުތަށް ބޭނުންވާ އޮތް އެންމެ މުހިންމު އެއް ކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިއްހީ ހިދުމަތް ރަނގަޅަށް ރަށުގައި ތިބެގެން ލިބޭ ގޮތް ހަމަޖެހުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށްއޮތް ދައުރުގައި މި ރަށުގައި ޒަމާނީ ހިދުމަތް ލިބޭ ހޮސްޕިޓަލެއް އަޅުގަނޑުމެން އަޅައިދޭނަން. ހޮސްޕިޓަލް އަޅައި ނިމެންދެން އަޅުގަނޑުމެން މަޑެއް ނުކުރާނަން. މިހާރު ހުރި ހެލްތު ސެންޓަރުން މިހާރަށްވުރެ ރަނގަޅަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެކްސްރޭ މެޝިނާއި މުވައްޒަފުންނާއި އެހެން ތަކެތި ވެސް އިރާދަކުރެއްވިއްޔާ މި ރަށަށް ފޯރުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިއްގަރަކީ ދަތުރުފަތުގެ ހިދުމަތް ވެސް ބޭނުންވެފައިވާ ރަށެއް ކަމަށާއި ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅުވާލުމަށްޓަކައި ފަށައިގެން ކުރިއަށްގެންދާ އާރުޓީއެލްގެ ހިދުމަތް ވެސް އެ ރަށަށް ލިބިގެންދާނެ ކަމަށެވެ. އަދި އެ ރަށަށް އާރުޓީއެލް ހިދުމަތްދޭން ފެށުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ބޮޑުތިލަދުންމަތި ނިމިއްޖެ، ހުވަދޫގެ މަސައްކަތް ކުރިއަށް އެދަނީ، މިހާ ހިސާބަށް އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ މެދުތެރޭގައި އެންމެ ލަސްވެގެން އަންނާނެ. އެހެންނަމަވެސް އެ އަންނަންދެން ވެސް، އާރުޓީއެލްގެ ހިދުމަތް މި ރަށާ ހިސާބަށް ފޯރަންދެން ވެސް ވަގުތީގޮތުން ލުއިފަސޭހަ ހޯދައިދިނުމަށްޓަކައި ކުރިއަށްއޮތް ދެތިން ހަފުތާގެ ތެރޭގައި މި ރަށަށް ލޯންޗެއްގެ ހިދުމަތް، ފެރީއެއްގެ ގޮތުގައި އަޅުގަނޑުމެން ފޯރުކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިއްގަރުގެ ބިން ހިއްކުމަށްފަހު، ރައްޔިތުން ދެން ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށާއި ރަށުގެ ބޮޑުބައެއް ރަށުގައި ދިރިއުޅޭ ކަމަށްވަންޏާ، ބޯހިޔާވަހިކަމެއް ލިބެން ޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި ކުރިއަށްއޮތް މެނިފެސްޓޯގައި ބޯހިޔާވަހިކަމާއެކު ޒުވާނުންނަށް ބޭނުންވާ ކަންކަން ހިމެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށްއޮތް އަޅުގަނޑުމެންގެ މެނިފެސްޓޯގައި މި ރަށަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ހިމަނާފައި އެބައޮތް. ފުލެޓު ނޫނިއްޔާ ރޯހައުސް މި ރަށުގައި އެޅިގެންދާނެ. ޒުވާނުންނަށް ބޭނުންވާ ކަންތައްތަކެއް އެބަހުރި. އަޅުގަނޑަށް އާދެވުނު މިދިޔަ 11 މަސްދުވަހުގެ ތެރޭގައި މި ރަށަށް. މި ރަށުގައި އެންމެ ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް ހުޅުވަން އެ ދުވަހުގެ މެޗުގައި ކުޅެން ވެސް ޖެހުނު. އަދިވެސް މި ރަށަށް އިތުރަށް ބޭނުންވޭ. ބޮޑު ފުޓުބޯޅަ ދަނޑާއި ޒުވާނުންގެ މަރުކަޒާއި، މިހުރީ މި ރަށުގައި ދިރިއުޅޭ ޒުވާނުންނަށް ބޭނުންވާ ކަންތައްތައް. އިރާދަކުރެއްވިއްޔާ ކުރިން ޕްލޭންކޮށްފައި އެއޮތް ގޮތަށް މި ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ބިން ހިއްކައި ނިމުމާ އެކީގައި އަޅުގަނޑުމެން ފަށާނަން. އަދި ހަމައެއާއެކު ރަނގަޅު ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް މި ރަށުގައި އަޅުގަނޑުމެން ގާއިމުކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިއްގަރު ރައްޔިތުން ބޭނުންވާ އޭޓީއެމްގެ ހިދުމަތް ވެސް އެ ރަށަށް ލިބިގެންދާނެ ކަމަށާއި އޭޓީއެމް ގާއިމުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ދާދި އަވަހަށް އެ ރަށުގައި ފެށިގެންދާނެ ކަމަށެވެ. އަދި އަންނަ ދައުރުގައި ދިއްގަރުގެ މަގުތައް ހައްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މި ރަށަށް ދެން ބޭނުންވެފައި އޮތް އަނެއް ކަމަކީ މަގު ހެދުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ މެނިފެސްޓޯގައި މަގު ހަދާ ރަށްރަށުގެ ތެރޭގައި ދިއްގަރުގެ ނަން ހިމެނި، އެ މަސައްކަތް ވެސް މި ރަށަށް ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.