އިންގްލެންޑްގެ ޑިފެންޑަރު ހެރީ މެގުއާ އަތުން މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަތުލައިފިއެވެ.

ޔުނައިޓެޑްގެ ކެޕްޓަންކަން މެގުއާ އަތުން އަތުލާފައި ވަނީ ކޯޗު އެރިކް ޓެން ހާގެވެ. އެކަން މެގުއާ ވަނީ ހާއްސަ ބަޔާނަކުން ޔަގީންކޮށްދީފައެވެ. އުމުރުން 30 އަހަރުގެ މެގުއާ ނެރުނު ބަޔާނެއްގައި ބުނީ ކޯޗު ޓެން ހާގު އޭނާއާ މަޝްވަރާކޮށް ކެޕްޓަން ބޭންޑް އަތުލާފައިވާ ކަމަށާއި، އެކަމުގެ ސަބަބުތައްވެސް ކޯޗު ކިޔައިދިން ކަމަށެވެ. އެއީ ކޮން ސަބަބުތަކެއް ކަމެއް މެގުއާ ބުނެފައެއް ނުވެއެވެ.

"ޓެން ހާގު އަހަންނާ ބައްދަލުކޮށް، ކެޕްޓަން ބޭންޑް ނެގިކަން ވަނީ އަންގާފަ. އެކަމުގެ ސަބަބުތައްވެސް ކޯޗު ވަނީ ކިޔައިދީފަ. ކެޕްޓަންކަން ގެއްލުމަކީ އަހަންނަށް ޕާސަނަލީ މާޔޫސީ ކަމެއް ނަމަވެސް، އަހަރެން ޓީމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ދެމިހުންނާނަން،" މެގުއާ ބުންޏެވެ.

މެގުއާ އިތުރަށް ބުނީ ޔުނައިޓެޑްގެ ކެޕްޓަންކަމުގައި ހުރި އިރު، އެކިއެކި ފަރާތްތަކުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ޔުނައިޓެޑްގެ ބޭންޑް އެޅުމަކީ ކެރިއަރުގައި ލިބުނު ފަހުރެއް ކަމަށްވެސް މެގުއާ ބުންޏެވެ.

"މީގެ ތިން އަހަރާއި ބައިގެ ކުރިން ޔުނައިޓެޑްގެ ކެޕްޓަން ކަމުގެ މަގާމު އަހަންނަށް ލިބުމާއެކު އެކަން އަހަރެން ބެލީ ހާއްސަ ޝަރަފެއްގެ ގޮތުގަ. އަދި އެއީ އަހަރެންގެ ކެރިއަރުގަ ލިބުނު އެންމެ ބޮޑު ފަހުރު. ޔުނައިޓެޑަށް ކާމިޔާބު ހޯދައިދޭން ކުރެވުނު ހުރިހާ ކަމެއް އަހަރެން ކުރިން. އެއީ ދަނޑު ބޭރުންނާއި ދަނޑުމަތިން،" މެގުއާ އިތުރަށް ބުންޏެވެ.

މެގުއާ ވަނީ އޭނާގެ މެސެޖުގައި ކުރިން ޔުނައިޓެޑަށް ކޯޗުކަން ކޮށްދިން އޮލެ ގުނަ ސޮލްޝާއަށްވެސް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ލެސްޓާ ސިޓީން 80 މިލިއަން ޕައުންޑްގެ އަގަކަށް ޔުނައިޓެޑަށް ބަދަލުވިފަހުން އިންގްލެންޑް ޑިފެންޑަރު މެގުއާއަށް ޔުނައިޓެޑާ އެކު މިހާތަނަށް ހޭދަކުރަން ޖެހިފައިވަނީ އުނދަގޫ ދުވަސްތަކެކެވެ. ހާއްސަކޮށް އޭނާގެ ފަރާތުން ގިނަ ގޯސްތައް ފެނިގެން ގޮސްފައިވާ އިރު، މިދިޔަ ސީޒަނުގައިވެސް ޖުމުލަ ކުޅުނީ 31 މެޗުގައެވެ. އެއީ ޔުނައިޓެޑުން ކުޅުނު 62 މެޗުގެ ތެރެއިންނެވެ. އޭގެ ތެރެއިންވެސް ޔުނައިޓެޑު ޖާޒީގައި މެގުއާ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި ކުޅުނީ އެންމެ އަށް މެޗެވެ.

މެގުއާ ނުކުޅޭ މެޗުތަކުގައި ޔުނައިޓެޑުގެ ކެޕްޓަންކަން ކޮށްފައި ވަނީ ބްރޫނޯ ފެނާންޑޭޒްއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި މެގުއާ މިހާރު ދަނީ ޔުނައިޓެޑް ދޫކޮށްލުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ވެސްޓް ހަމްއާ ވާހަކަތައް ދައްކާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.