އެމެރިކާ ލީގުގެ އިންޓަ މިއާމީން ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ، ލިއޮނަލް މެސީ އެޓީމަށް ސޮއިކުރިކަން ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.
އިންޓަ މިއާމީން ރޭ މެސީ އިއުލާނު ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ، އުމުރުން 36 އަހަރުގައި ޕީއެސްޖީ ދޫކޮށް އެމެރިކާ ލީގަށް ދިޔައީ ހިލޭ ޓްރާންސްފާއެއްގައެވެ. އެއީ ޕީއެސްޖީއާއެކު މިދިޔަ ސީޒަނުގެ ނިޔަލަށް ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ.
އިންޓަ މިއާމީއަށް ސޮއިކޮށް މެސީ ބުނެފައި ވަނީ އެމެރިކާއަކީ އޭނާގެ އާ "ހޯމް" ކަމަށާއި، އިންޓަ މިއާމީގެ ޕްރޮޖެކްޓާއެކު ކުރިއަށްދާން ކެތްމަދުވެފައި ހުރި ކަމަށެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. މިއީ އަހަރެންގެ ކެރިއަރުގަ މުޅިން އާ ޗެލެންޖެއް. އަދި ރަނގަޅު ފުރުސަތެއް. މި ފުރުސަތަކާއެކު އަހަރެން ބޭނުންވޭ އިންޓަ މިއާމީގެ ދުރު ރާސްތާ ޕްރޮޖެކްޓް ކާމިޔާބުކުރުމަށް މަސައްކަތްތަކެއް ކުރަން. އެކުގަ ކަންކަން ހާސިލުކުރުމަށް މަސައްކަތް ކުރާނަން،" ގަތަރު ވޯލްޑް ކަޕް 2022 އާޖެންޓީނާއާއެކު ކާމިޔާބުކުރި، އެގައުމުގެ ކެޕްޓަން މެސީ ބުންޏެވެ.
މެސީ ބުނީ އޭނާގެ އާ ހޯމްއަކީ މިހާރު އެމެރިކާ ކަމަށާއި، އިންޓަ މިއާމީއާއެކު ހާސިލުކުރަން ކަނޑައަޅާފައިވާ ކަންކަމަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.
މެސީ އިންޓަ މިއާމީއަށް ދިޔަ މުސާރަ ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނޫސްތައް ބުނެފައިވާ ގޮތުގައި މެސީ އިންޓަ މިއާމީއަށް ދިޔައީ ވިޔަފާރީގެ ބޮޑެތި ޑީލްތަކެއްގެ ތެރެއިންނެވެ. އެގޮތުން އެޕަލް ކުންފުނީގެ ހިއްސާގެ އިތުރުން ރިޓަޔާމަންޓަށްފަހު ކްލަބުގެ ހިއްސާވެސް މެސީއަށް ލިބޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. އަދި މެސީގެ ބޭނުންކޮށް، އިންޓަ މިއާމީން ވިޔަފާރީގެ މަސައްކަތްތަކެއް ކުރާ ގޮތަށްވެސް ހަމަޖެހިފައިވާ ކަމަށް ނޫސްތައް ބުނެއެވެ.
މެސީ އިންޓަ މިއާމީއަށް ގެންދިއުމުގައި އެންމެ އިސް ރޯލެއް ކުޅެފައި ވަނީ ކުރިން އިންގްލެންޑްގެ ކެޕްޓަންކަން ކުރި ހުނަރުވެރި މިޑްފީލްޑަރު، އަދި މިހާރު އިންޓަ މިއާމީގެ ކޯ އޯނަރު ޑޭވިޑް ބެކަމް އެވެ. މެސީގެ ސޮއިއާއެކު ބެކަމް ބުނީ ވަރުގަދަ ނަންތައް އިންޓަ މިއާމީއަށް ގެންދިޔުމަކީ ކްލަބު ހެދި އިރުން ފެށިގެންވެސް އޭނާ ދެކުމުން ދިޔަ ހުވަފެނެއް ކަމަށެވެ.
"މީގެ 10 އަހަރު ކުރިން މިއާމީގައި އާ ޓީމެއް ބިނާކުރުމުގެ މަސައްކަތް އަހަރެން ފެށިން. އޭރުވެސް އަހަރެން ބުނިން އަހަރެންގެ ހުވަފެނެކޭ ދުނިޔޭގެ އެންމެ ބޮޑެތި ނަންތައް މި ކްލަބަށް ގެނައުމަކީ. އަދި މި ސިޓީއަށް އެ ކުޅުންތެރިން ގެނައުމަކީ. އަހަރެން މި ގައުމުގެ ގެލެކްސީއަށް ކުޅުނުއިރުވެސް ދެކެމުން ދިޔަ ހުވަފެނަކީ މި ގައުމުގައި ފުޓުބޯޅައިގެ އާ ޖީލެއް ބިނާކުރުމަށް، އެ ވިސްނުން ހުރި ބޮޑެތި ކުޅުންތެރިން މި ކްލަބަށް ގެންނަން. މިއަދު އެ ހުވަފެން ހަގީގަތަކަށް ވެއްޖެ. މެސީ ފެންވަރުގެ ކުޅުންތެރިޔަކު އަހަރެންގެ ކްލަބަށް ގެނަވުމަކީ ލިބުނު ފަހުރެއް،" ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑާއެކު ކާމިޔާބީތަކެއް ހޯދި ބެކަމް ބުންޏެވެ.
ބެކަމް ބުނީ މެސީއަކީ ގާތް ރަހުމަތްތެރިއެއް ކަމަށާއި، ކުޅުންތެރިއެއްގެ ބޭރުން ނަމޫނާ ޝަހުސިއްޔަތެއް ކަމަށެވެ. އަދި މެސީގެ އާއިލާއަކީވެސް ނަމޫނާ އާއިލާއެއް ކަމަށް ބުނަމުން ބެކަމް ވަނީ އެ އާއިލާއަށްވެސް މިއާމީއަށް މަރުހަބާ ކިޔައިފައެވެ.