މިއަދަކު ރާއްޖޭގެ ވެރިކަމުގައި ހުންނަ މީހަކު، ފުލުސް އޮފީހަށް ވަދެ ޕޮލިސް ކޮމިޝަނަރަށް އަމުރެއް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި މ. ނާލާފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގައި ހަމަޖެހުމާއި އަމަންއަމާކަން ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށާއި ތަރައްގީގެ މަޝްރޫއުތަކަށް ފޯކަސް ކޮށްގެން އެކަންތައް ކުރިއަށް ގެންދެވެނީ އެ ސަބަބައްޓަކާ ކަމަށެވެ.
"ދައުލަތުގެ ބަޖެޓުން މީގެ ކުރިން ގިނަ ހަރަދުތަކެއް ކުރަންޖެހިފައި އޮތް، ޕެޕާސްޕްރޭއަށާއި މިރުސްދުމަށް، ނަމަވެސް މި ސަރުކާރުގައި އެކަން ބަދަލުކޮށްފިން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ކުރިއާ ހިލާފަށް ރައްޔިތުންނާ ވަރަށް ގާތުން މިހާރު ފުލުހުންގެ ހިދުމަތް ލިބެމުން އަންނަ ކަމަށާއި އަމާޒަމީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ނިމޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފުލުހުންގެ ހިދުމަތަށް މީގެ ކުރިން ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ނުފޫޒު އޭގެތެރެއަށް ވަދެފައި އޮތުން ކަމަށެވެ. އެގޮތުން ބައެއް ވެރިކަންތަކުގައި ކެބިނެޓް ސެކްރެޓަރީ ވަޑައިގެން ފުލުސް އޮފީސް ހިންގެވުމަށް އިންނެވި ކަމަށް ވިދާޅުވިއެވެ.
"މިއީވެސް އަޅުގަނޑުމެން ދެކެފަ އޮތްތަނެއް، ކުރީގެ ޕޮލިސް ކޮމިޝަނަރަކު އަޅުގަނޑު ކައިރީގައި ވިދާޅުވި ވަރަށް ހަލަނބޮލި ދުވަހެއްގައި ތިމަންނަ އޮފީހުގައި އިންދާ ބޭރުން ޓަކި ޖަހާލައިފިޔޭ، ދޮރުހުޅުވާލި އިރުގައި ރާއްޖޭގެ ވެރިމީހާ ހުރީ ފުލުސް އޮފީހަށް ވަޑައިގެން، އެންގެވި ކޮންމެސް ކަމެއް އެގޮތަށް ނުކުރެއްވުމުގެ ސަބަބުން ފުލުސް އޮފީހަށް ވަޑައިގެން އެކަން ހިންގަވަން، މިއަދަކު ރާއްޖޭގެ ވެރިމީހާއެއް ފުލުސް އޮފީހަށް ވަދެ ޕޮލިސް ކޮމިޝަނަރަކަށް އަމުރެއް، އެގޮތަކަށް ނުކުރާނެ، މީ އަޅުގަނޑުމެން މި ގެންނަ ބަދަލަކީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ބަދަލާއެކު ރާއްޖެއަށް އަމާންކަމާއި ހަމަޖެހުން މި އަންނަނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ އޮވެ ގާނޫނު ތަންފީޒުކުރުމުގެ ބާރު ފުލުހުންނަށް ލިބިފައި އޮތުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު