ޚަބަރު

ރައީސް ސޯލިހު މަސައްކަތް ކުރެއްވީ ނަޝީދު މަޖިލިސް ހޮވުނަ ނުދިނުމަށް: ޝިއްޕެ

މުހައްމަދު އިޝާން

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަސައްކަތް ކުރެއްވީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރުމުން، ފެއިލްކޮށްލެއްވުމަށްކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

ނަޝީދު، ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ޝިއްޕެ ވިދާޅުވީ، ރައީސް ސޯލިހާއި ނަޝީދާއި ދެމެދު ހިޔާލުތަފާތުވުމެއް އޮތްކަން ރައްޔިތުންނަށް ފެނުނީ ދާދިފަހުން ކަމަށެވެ. ޝިފާޒު ވިދާޅުވީ އެ ހިޔާލުތަފާތުވުމުގެ އަސްލު ފެށިގެން އައީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކަމަށެވެ.

"އިލެކްޝަން ކޮމިޝަނުގާ މައްޗަންގޮޅި މެދު ދާއިރާގެ ދާއިރާގެ މެންބަރުންގެ އަދަދު، މުޅި ރާއްޖޭގެ ދަފުތަރު އެއްކޮށް އެތަނަށް އަޅަން އަންގައި އެކަން ކުރުވައި އަދި އެންމެންގެ ތެރެއިން ހާއްސަކޮށް ރައީސް ނަޝީދު ފެއިލްކޮށްލަން ތިމަންނާ އެބަ އެދެމޭ ބުނެ، އެ މީހުންނަށް އަންގައި، އެ މީހުން ލައްވައި އެކަން ކޮށްގެން. ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވީމާ އެތަނުން މަނިކުފާނު ފެއިލުކޮށްލަން ނިންމެވި ބޭފުޅެއް މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ. ތާހިރުތަ، ފެއިލްވެއްޖެތަ؟" ޝިއްޕެ ވިދާޅުވިއެވެ.

ޝިއްޕެ ވިދާޅުވީ ރައީސް ސޯލިހު، ނަޝީދު މަޖިލިސް އިންތިހާބުން ފެއިލްކޮށްލަން މަސައްކަތް ކުރެއްވިކަން ހެއްކާއެކު ވެސް ދައްކުވައިދެވިދާނެ ކަމަށެވެ. އެމްޑީޕީގެ މެންބަރުންނަށް ރައީސް ސޯލިހު ވަޒީފާ ނުދެއްވަން އުޅުމުގެ ސަބަބުން އެ މަނިކުފާނާ ވަރަށް ގިނައިން ޒުވާބުކުރައްވާފައި ވާނެ ކަމަށް ވެސް ޝިއްޕެ ވިދާޅުވިއެވެ.

ނަމަވެސް އެހާވަރުން ވަޒީފާތައް ހޯދައިދެއްވީމާ މިއަދު މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރަން ކެރިވަޑައިނުގަންނަވާ ކަމަށާއި ރައީސް ސޯލިހު ގެންދަވަނީ މުއައްސަސާތަކުގެ މެންބަރުން ބްލެކްމެއިލް ކުރައްވައި ގާނޫނާ ހިލާފު އެތަކެއް ކަމެއް ކުރައްވަމުން ކަމަށް ވެސް ވިދާޅުވިއެވެ.