އަންނަ ދައުރަށް އެމަނިކުފާނުގެ ވެވަޑައިގަންނަވާ އާ ވައުދުފުޅުތަކުގެ އިތުރުން އަމާޒުތަކެއް ވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު އަމާޒަކީ ޒުވާނުންނަށް، އާ ޖީލަށް ފުރުސަތު ހުޅުވާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކ. މާފުށީގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ ހެޔޮ ވެރިކަމެއްކޮށް، އިގުތިސާދު ދެ ގުނަ ކުރުން ކަމަށެވެ.
"ކުރިއަށްއޮތް ދައުރަށް އަޅުގަނޑުމެން ކުރިމަތިލާ އިރުގައި، ވާ ވައުދުތަކެއް އެބަހުރި. އަދި އަޅުގަނޑުމެންގެ އަމާޒެއް ވެސް އެބައޮތް. އަޅުގަނޑުމެންގެ ކުރިއަށް މިއޮތް ދައުރު އެންމެ މުހިންމު އަމާޒަކީ އާ ޒުވާނުންނަށް، ޖީލަށް ފުރުސަތު ހުޅުވާލުން. ރާއްޖޭގެ ކަންކަމުގައި ބަސްބުނެ، ހަރަކާތްތެރިވުމުގެ ޖާގަ ޒުވާނުންނަށް މިހާރަށްވުރެ ރަނގަޅަށް ދިނުން. އަމާން މުޖުތަމައެއް ގާއިމުކުރުމަށްޓަކައި އަޅުގަނޑުމެން ފަށާފައިވާ މި މަސައްކަތައިގެން ކުރިއަށްދިއުން. އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާފުށީ ރައްޔިތުނަށް މިއަދު އުފާވެރިކަން ލިބިފައިވަނީ ރާއްޖޭގައި އަމާންކަމާއި ހަމަޖެހުން އޮތުމުން ކަމަށާއި ރަށްތަކުގައި މިހާރު މި ފެންނަ ގެސްޓްހައުސްގެ ތަރައްގީގެ މަޝްރޫއުތަކާއި ގެސްޓްހައުސްތައް ހިންގެނީ ރާއްޖޭގައި މިހާރު މިއޮތް ހަމަޖެހުމުގެ ސަބަބުން ކަމަށެވެ.
"މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، އެންމެ ފުރަތަމަ އަޅުގަނޑުމެން ކުރަން ޖެހުނު ކަމަކީ ރާއްޖޭގައި އޮތް ހަލަބޮލިކަން ނައްތާލައި، ރާއްޖެއަށް ހަމަޖެހުން ގެނައުން. އިރާދަކުރެއްވިއްޔާ މިއަދު ރާއްޖޭގެ ކޮންމެ ކޮޅަކުން ފެންނަމުން އެދަނީ އެ ހަމަޖެހުން، އެ އަމާންކަން. އެއާ އެކީގައި ރައްޔިތުންނަށް އުފާވެރިކަން އިހުސާސްކުރެވެމުންދާ ތަން. އަޅުގަނޑުމެންނަށް މިކަން ކުރެވުނީ، މި މަސައްކަތްކުރެވުނީ ތިޔަ ބޭފުޅުން އަޅުގަނޑުމެންނަށް ދެއްކި ތާއީދާއެކު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދިވެހިންނަކީ ވަރަށް ވިސްނުންތެރި، ވަރަށް ހޭލުންތެރި، ވަރަށް މަސައްކަތްތެރި ބައެއް ކަމަށާއި ބޭނުންވަނީ ރައްޔިތުންނަށް މަސައްކަތްކުރެވޭނެ ޖާގަ ހޯދައިދިނުން ކަމަށެވެ. އަދި ރައްޔިތުން އެ ބޭނުންވާ މަސައްކަތްތައް ކުރެވޭނީ ރައްޔިތުންނަށް އެ ފުރުސަތުތައް ދީގެން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު