ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރިފޯމް މޫމަންޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނަ އަންނަ ސޭވް އެފްއޭއެމް ކެމްޕޭނުގެ ދަށުން، ކްލަބުތަކުގެ ފުޓުބޯޅަ ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.
ރާއްޖެގައި ފުޓުބޯޅަ ކުޅޭ ހުރިހާ ކްލަބުތަކެއްގެ ބައިވެރިވުން އޮންނާނެހެން ބާއްވާ ފުޓުބޯޅަ ކޮންފަރެންސަކަށް ސޭވް އެފްއޭއެމްއިން ތައްޔާރުވަމުން އަންނަ އިރު، އެ ކެމްޕޭނުގެ މައިގަނޑު ބޭނުމަކީ ފުޓުބޯޅައިގެ ނިޒާމު ރަނގަޅުކޮށް، ރާއްޖޭގެ ލީގު ހަރުދަނާ ކުރުން ކަމަށް ވަނީ ބުނެފައެވެ. މިހާރު ޓާގެޓަކީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި ބައްސާމް އަދީލް ޖަލީލް އެ މަގާމުން ދުރުކުރުން ނޫން ކަމަށްވެސް ސޭވް އެފްއޭއެމްއިން ވަނީ ބުނެފައެވެ.
އިއްޔެ ސޭވް އެފްއޭއެމްއިން ބޭއްވި ހާއްސަ ޕްރެސްއެއްގައި އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ސްޕޯޓްސް މިނިސްޓަރު، އަދި ކުރީގެ ގައުމީ ޓީމުގެ މެނޭޖަރު ހާމިދު އަބްދުލްޣަފޫރު ވިދާޅުވީ ލީގެއް ތައާރަފުކޮށް، އައުޓްސޯސްކޮށް ހިންގުމަކީ އާ ވާހަކައެއް ނޫން ކަމަށެވެ. އަލީ ވަހީދު ދާދިފަހުން ރާއްޖެ ވަޑައިގެން އެ ދެއްކެވީވެސް ހަމަ އެކަމަށް ބާރު ދޭ ވާހަކަތަކެއް ކަމަށް ހާމިދު ވިދާޅުވިއެވެ.
"ފުޓުބޯޅައިގައި މިހާރު މި ދައްކަމުން އަންނަ ވާހަކަތަކަކީ އާ ވާހަކައެއް ނޫން. އާ ވާހަކަތަކެއްހެން މި ވާހަކަތައް ހީވަނީ. އަލީ ވަހީދުވެސް ވަރަށް ރަނގަޅު ދެ ވާހަކައެއް ފާހަގަކުރެއްވި. އޭގެ ތެރެއިން އަޅުގަނޑު ކުރިންވެސް ފާހަގަކުރިހެން މި ފުޓުބޯޅައަކީ އަލްގޮރިދަމްއެއް. އެފްއޭއެމްއިން އިން ހައުސްކޮށް ފުޓުބޯޅަ ނުހިންގިޔަސް، މިކަން ކުރެވޭނެ. ރާއްޖެއިން ބޭރުގަ ތަޖުރިބާހުރި މީހަކަށް ވެއްޖެއްޔާ އެކަން އެނގިލައްވާނެ. އަލީ ވަހީދަކީވެސް ފުޓުބޯޅައަށް ލޯބިހުރި، އެކަމުގެ ތަޖުރިބާވެސް ހުރި ބޭފުޅެއް. މިކަމަށް އަލީ ވަހީދު ކޮންޓްރިބިއުޓް ކުރައްވަން ކަންނޭނގެ ކްލަބަކާ ހަވާލުވާ ވާހަކަ ވިދާޅުވީ. އެއީ އަސްލު ރާއްޖެއަށް މި ބޭނުންވާ ކަމަކީ. ރަނގަޅު މެނޭޖަރުން،" ހާމިދު ވިދާޅުވިއެވެ.
އެ ވާހަކައިގައި ކުރީގެ ނިއު ރޭޑިއަންޓްގެ މެނޭޖަރު، އަންވަރު އަލީ އިއްޔެ ވިދާޅުވީ ރަސްމީ ހައިސިއްޔަތުން އަލީ ވަހީދާއި އަދި އެފިލިއޭޝަނެއް ނެތް ނަމަވެސް، ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހަކަށްވެސް އޮންނަ ފުރުސަތެއްގައި 'ސޭވް އެފްއޭއެމް'އަށް އަލީ ވަހީދުގެ ވިސްނުން ދިނުމުގެ ޖާގަ އޮންނާނެ ކަމަށެވެ.
ހާމިދު އިއްޔެގެ ޕްރެސްގައިވެސް ވިދާޅުވީ އެފްއޭއެމް ފެއިލްވުމާއެކު ފުޓުބޯޅަ ކުރިއަށް ގެންދަން އިތުރު ގޮތަކަށް ވިސްނަން ޖެހިފައިވާ ކަމަށާއި، އެކަން ކުރެވޭނެ އެއް ވިސްނުމަކީ ލީގު އައުޓްސޯސް ކުރުން ކަމަށެވެ. އަދި އިތުރު ކަންކަމާމެދުވެސް ވާހަކަ ދައްކައި ރަނގަޅު ގޮތަކަށް ވާހަކަ ދައްކަން ފުރުސަތު ހޯދަން ވެއްޖެ ކަމަށްވެސް ހާމިދު ވިދާޅުވިއެވެ. އެ ވާހަކައިގެ ތެރެއިން ހާމިދު ފާހަގަކުރެއްވީ ކްލަބު ކޮންފަރެންސަކީ އެކަމަށް ވާހަކަތައް ދެކެވޭނެ މާހައުލަކަށް ވާނެ ކަމަށެވެ.
ހާމިދުގެ ވާހަކައަށް ބާރު ދެމުން އަންވަރު ވިދާޅުވީ ކްލަބު ކޮންފަރެންސްގައި އަތޮޅުތެރޭގެ ކްލަބުތަކަށްވެސް ވާހަކަ ދެއްކޭނެ މާހައުލެއް ހޯދައިދެވޭނެ ކަމަށާއި، ފުޓުބޯޅައިގެ އެންމެ ބޮޑު ސްޓޭކް ހޯލްޑަރު ކަމަށްވާ ސަރުކާރުވެސް އެ ކޮންފަރެންސް ބައިވެރިކުރުމަށް ވިސްނަވާ ކަމަށެވެ.
އިއްޔެގެ ޕްރެސްގައި ހާމިދު ވަނީ އެފްއޭއެމްގެ ރައީސަށް ވޯޓު ދެވެން އޮންނަ އޮތުމުގައި މަދު ކްލަބެއްގެ ބައިވެރިވުން އެއީ ހެއްވާ ކަމެއްކަމަށްވެސް ވިދާޅުވެފައެވެ. ހާމިދު ވިދާޅުވީ އެފްއޭއެމްއަކީ ޝާމިލުވުން ބޮޑުވާން ޖެހޭ ތަނެއް ކަމަށާއި، ފުޓުބޯޅައިގެ ތެރެއިން ބަޔަކު ބާކީ ކުރުމަކީ ކަމުދާ ސިޔާސަތެއް ނޫން ކަމަށެވެ.
"މިހާރު ކޮންފަރެންސަށް ކްލަބުތަކަށްވެސް ފަރުދުންނަށްވެސް އޮތީ ހުޅުވާލައިފައި. ދެން ކްލަބުތަކޭ އަޅުގަނޑު މި ދެންނެވީ މިހާރު އެފްއޭއެމްގައި އޮތް ހައެއްކަ ކްލަބަކަށް ނޫން. އެއީ ވަރަށް ކުޑަ ޖަމާއަތެއް އަސްލު މިހާރު އެއޮތީ. ދެން ފުޓުބޯޅަ އެސޯސިއޭޝަނަކީ އެހެން އޮންނަން ޖެހޭ ޖަމާއަތެއް ނޫން. ރާއްޖޭގެ ފުޓުބޯޅަ ކުޅޭ ކޮންމެ ކޮންމެ ކްލަބަކަށް އެފްއޭއެމްއަށް ވޯޓުވެސް ދެވެން ޖެހޭނެ. މިހާރު ދެން އެކަން އޮންނަނީ ހެއްވާވެސް ގޮތަކަށް. އެއީ އަޅުގަނޑު ހަނދާންވާގޮތުން، ފުރަތަމަ އުފެއްދިއިރު އޮތް ކްލަބުތަކަކަށް ދެ ވޯޓު ދޭ ގޮތަށް މިހާރު އޮވޭ. ދެން ރަމްޒީ ގޮތަކުން މާލެއިން ބޭރުން، ނޫނީ މާލެއިން ބޭރުން އޮތް ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަން ކްލަބުތަކަކާއެކު 33 ވަރަކަށް ވޯޓު މި އޮންނަނީ. އެއީ އެކަން އޮންނަންވާނެ ގޮތެއް ނޫން،" އިއްޔެ ހާމިދު ވިދާޅުވިއެވެ.
ހާމިދު އިއްޔެ ވިދާޅުވީ އެފްއޭއެމްއަށް އެއަށްވުރެ ގިނަ ކްލަބުތަކަށް ވޯޓު ދެވޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، އެސޯސިއޭޝަނުގެ ވެރިއަކަށް އަންނަ މީހަކަށް ގޯސްތައް ހެދުމަށް މަގުފަހިނުވާނީ އޭރުން ކަމަށެވެ. އެހެން ވިދާޅުވެ ހާމިދު އިއްޔެވެސް ވިދާޅުވީ ހައްލަކީ އެފްއޭއެމްގެ ރައީސް ބޭރު ކުރުން ނޫން ކަމަށާއި، ނިޒާމު އިސްލާހު ކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
"މިހާރުވެސް އެންމެ ބާރު ލާފަ ބުނާނެ ރައީސް އިސްތިއުފާއޭ. އެކަމަކު އޭނާ އިސްތިއުފާ ދިނަސް ދެން ވާނީ ވަކި ކޮންކަމެއް. ނިޒާމު ބަދަލުކުރަން ޖެހޭ. ވޯޓު ލެވެން ޖެހޭނީކީވެސް ހަމައެކަނި މަދު ކްލަބުތަކަކަށް ނޫން. އެހެންވީމަ މިކަމުގެ މަޝްވަރާ ކުރަން ޖެހޭނެ މިކަމުގެ ހިއްސާ އޮތް އެންމެންނާވެސް،" ހާމިދު ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ޕްރެސްގައި 'ސޭވް އެފްއޭއެމް"ގެ ފަރާތުން ތައްޔާރުވަމުންދާ އައުޓްސޯސްޑް ލީގުގެ ބައެއް މައުލޫމާތުތައްވެސް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ރާއްޖޭގެ ހަ ސަރަހައްދެއްގެ ދަނޑުތަކުގައި މެޗުތައް ކުޅުމަށް ވިސްނާފައިވާ އިރު، ލީގުގައި ހިމަނަން ޑްރާފްޓް ކޮށްފައިވާ ޓީމުގެ އަދަދަކީ ހަތެކެވެ. ހަތް ޓީމުގެ ލީގެއްގައި 42 މެޗު ކުޅެން ރާވާފައިވެސް ވެއެވެ. އެއީ ލީގު 21 ހަފުތާއިން ނިމޭނެވެސް ކަހަލަ ގޮތަކަށެވެ. އެ މެޗުތަކަށް ކުޅުންތެރިން ދަތުރު ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް ހާމިދު އިއްޔެ ވިދާޅުވެފައިވާ އިރު، އޭނާ ވިދާޅުވީ ފަސް މިލިއަން ލިބޭ ކްލަބަކަށް އެކަންކަން ނުވާނެ ގޮތެއް ނުފެންނަ ކަމަށެވެ.
މަޑުމަޑުން އެކަން ހަތް ވަރަކަށް ޓީމާއެކު ފަށައިގަނެފި ނަމަ، ރާއްޖޭގެ ފުޓުބޯޅަ ވަރަށް އަވަހަށް ކުރިއަށް ޖެހިލާނެ ކަމަށް ހާމިދު ފާހަގަކުރެއްވިއެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ