ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމްގެ ވިލާ ކުންފުނިން ވާވެއްދިފަޅު ވިއްކުން ހުއްޓުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޓޫރިޒަމް މިނިސްޓްރީއަށް އެންގި އެންގުން، އެ ކޮމިޝަނުން ބާތިލުކޮށްފިއެވެ.

އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ "ވަން" އަށް މިރޭ ވިދާޅުވީ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ އެންގުން ބާތިލުކުރަން ނިންމީ، އެ އެންގުން އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.

ވިލާ ކުންފުނިން ވާވެއްދިފަޅު ވިއްކަން އުޅުމުން އެކަން ހުއްޓުވުވީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުއެވެ. އޭސީސީން އެ ދުވަހު ބުނީ، އެ ފަޅު ވިއްކުން ހުއްޓުވީ އެ ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިލާއަށް ވާވެއްދިފަޅު ކުއްޔަށް ދީފައިވަނިކޮށް 2015 ވަނަ އަހަރު އެއްބަސްވުން ބާތިލުކޮށް މިނިސްޓްރީން ވަނީ އެ ރަށް އަނބުރާ ސަރުކާރަށް ނަގައިފައެވެ. އެއީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެއެވެ.

އެ މައްސަލަ ވިލާގެ ފަރާތުން ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ހުކުމް ކުރީ ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުން ބާތިލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.