ކ. ގުރައިދޫ ކައުންސިލަށް މަސްއޫލިއްޔަތު އަދާކުރެވިފައި ނުވާ ކަމަށާއި ގާނޫނަށް ބަދަލު ގެނެސްގެން ވިޔަސް، ގުރައިދޫ ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކ. އަތޮޅުގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކ. ގުރައިދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ކެމްޕެއިންގައި މި ދާއިރާއަށާއި މި ރަށަށް އޮތް ވައުދުތަކެއް ހުންނާނެ ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ވައުދެއް މިދަނީ ފުރިހަމަވެ، ނިމެމުން ކަމަށެވެ.

"ބިން ހިއްކީ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް. އެނގިވަޑައިގަންނަވާނެ ފަދައިން ގާނޫނުގައި އޮންނަ ގޮތުން ރަށްރަށުގެ ބިން ކަނޑައި، ރައްޔިތުންނަށް ދޫކުރުމަކީ ކައުންސިލުގެ ޒިންމާގައި އޮތް ކަމެއް. މިހާތަނަށް އައި އިރުގައިވެސް އެކަން ނުކޮށް ކައުންސިލުން އޮތް އޮތުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް. ސަރުކާރުން އެ އޮތީ ބޮޑު ބިމެއް ހިއްކައިދީފައި. ރައްޔިތުން މި ރަށުން ބޯހިޔާވަހިކަން ބޭނުންވޭ. ގޯތި ބޭނުންވޭ. ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް މި ރަށަކު ނެތް މިހާރު. އަޅުގަނޑު ދަންނަވާނީ އެކަން ކައުންސިލަށް ނުކުރެވޭ ކަމަށްވަންޏާ، ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް، ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް، މި ރަށުގެ ރައްޔިތުންނަށް އަޅުގަނޑުމެން ބޯހިޔާވަހިކަން ފޯރުކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންތައްތަކަށް ހުރަސް އަޅާ ބަޔަކަށް ޖާގައެއް ދޭކަށް ދެން ނެތިން ކަމަށާއި ކުރިއަށް މިއޮތް އިންތިހާބުތަކުގައި ގުރައިދޫގެ ރައްޔިތުން އެކަން ދަންނާނެ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކަމަވިޔަސް، ރިޔާސީ އިންތިހާބު ކަމަށްވިޔަސް، ކައުންސިލް އިންތިހާބު ކަމަށްވިޔަސް، ރައްޔިތުންނަށް ހެޔޮއެދޭ، ރައްޔިތުންގެ މުހުތާދުތައް ފުއްދައިދޭ ބަޔަކު ނޫނިއްޔާ ރައްޔިތުންނެއް ދެނެއް ނުހޮވާނެ ކަމަށް ވިދާޅުވިއެވެ.

"ރާއްޖެއަށް ބޭނުންވަނީ ތަރައްގީ، ކޮންމެ ރައްޔިތަކު ވެސް ބޭނުންވަނީ ތަރައްގީ. ތަރައްގީއަކީ ހިތަށް ފިނިކަން ލިބުން، ނަފްސަށް އުފާވެރިކަން ލިބުން، ސިކުނޑިއަށް ނުތަނަވަސްކަމުން މިންޖުވެ އަމިއްލަ ދިރިއުޅުމައިގެން މަސައްކަތްކުރެވޭނެ ގޮތެއް ހޯދުން. އެއީ ތަރައްގީއަކީ. އަޅުގަނޑުމެން މި ގެނެސްދެނީ އެ ތަރައްގީ. އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުން. އަޅުގަނޑުމެންގެ އާއިލާއާ އެކީގައި ހަމަޖެހިގެން، ތަރިންނަށް ކިޔަވައިދީގެން ސިއްހީ ހިދުމަތް ކައިރިން ލިބޭނެ ގޮތް ހަދައިދީ، ދިރިއުޅުން ބާއްޖަވެރިކުރުމަށް ކުރާ މަސައްކަތްތައް ކުރުން. އަޅުގަނޑުމެންގެ ސިކުނޑު، އަޅުގަނޑުމެންގެ ދިރިއުޅުމައިގެން ވިސްނުމަށް ޖާގަ ހޯދައިދިނުން. ހަލަބޮލިކަމުން ނެއްޓި، އަމާންކަން އޮތް ޖައްވެއްގައި ދިރިއުޅުން ހޭދަކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ މަސައްކަތް ފުރިހަމަކުރާނީ އެމްޑީއޭ އާއި އަދާލަތު ޕާޓީއާ އެކީގައި އޮތް ކޯލިޝަނުން ކަމަށާއި އެއީ ރާއްޖޭގެ ތާރީހުގައި އިންތިހާބަކަށް ކުރިމަތިލާ އެންމެ ގިނަ މެންބަރުން ތިބި ކޯލިޝަން ކަމަށެވެ.