އެމްޑީޕީން ރިޔާސީ އިންތިހާބު ވޯޓު ފަށާނީ ވެސް އެއް ލައްކަ ވޯޓާއެކު ކަމަށާއި އެ އަދަދު ހަމަކޮށްލަން ބޭނުންވަނީ މަދު ވޯޓުކޮޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކ. އަތޮޅުގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކ. ގުރައިދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވެސް އެމްޑީއޭ އާއި އަދާލަތު ޕާޓީ އޮތީ އެމްޑީޕީއާއެކު ކަމަށާއި ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ވެސް ނުކުންނާނީ އޭރުވެސް އެއްބަސްވެވުނު ގޮތަށް ތިން ޕާޓީ އެކީގައި ކަމަށެވެ.
"މިއީ ރާއްޖޭގެ ތާރީހުގައި އިންތިހާބަކަށް ކުރިމަތިލާ އެންމެ ގިނަ މެންބަރުން ތިބި ކޯލިޝަން. މިހާތަނަށް މިވަރުގެ މެންބަރުން ތިބި ކޯލިޝަނެއް މި ރާއްޖޭގެ ތާރީހުގައި ހެދިފައެއް ނެތް. އަޅުގަނޑުމެންގެ އަމާޒަކީ އެ ދުވަހު ވޯޓުލާ އިރުގައި އެއް ލައްކަ ވޯޓުން ފެށުން، ހަމަކޮށްލަން ދެން އޮތީ ކުޑަކުޑަ ތަންކޮޅެއް. އަޅުގަނޑު ހިތުން މާލެ އަތޮޅުން އެކަނިވެސް އިރާދަކުރެއްވިއްޔާ އެކަން ނިމޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގުރައިދޫއަކީ އަބަދުވެސް ތަރައްގީއަށް ލޯބިކުރާ ރައްޔިތުންތަކެއް އުޅޭ ރަށެއް ކަމަށާއި އަބަދުވެސް ގުރައިދޫ ރައްޔިތުން ކުރިއަށްދަނީ ތަރައްގީއާއެކުގައި ކަމަށެވެ. އެހެންކަމުން މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށްޓަކައި މި ކުރަމުންގެންދާ ކަންތައްތައް ގުރައިދޫން ބަލައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
"2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މި ރަށަކުން އަޅުގަނޑަށް މެޖޯރިޓީއެއް ނުލިބޭ. އެހެންނަމަވެސް މި ވޭތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގައި އެ ކުލަ، އެ މަންޒަރު ވަނީ ބަދަލުކޮށްފައި. މިއަދު މި ގުރައިދޫއަކީ ވެސް މި ކުލައިގެ، މި ސަރުކާރަށް، އަޅުގަނޑުމެންގެ ކޯލިޝަނަށް ބޮޑުކޮށް ތާއީދުކުރާ ރައްޔިތުން އުޅޭ ބައެއް. މި ދާއިރާ މުޅިން ބަދަލުކޮށްފި، ގުޅި ވެސް ބަދަލުވެއްޖެ، ގުރައިދޫ ވެސް ބަދަލުވެއްޖެ، މާފުށި ބޮޑުތަނުން ބަދަލުވެއްޖެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަށް އުފާވެރި އަމާން ރާއްޖެއެއް ގެނެސްދިނުމުގައި މިކުރާ މަސައްކަތުގައި ގުރައިދޫ ދާއިރާ ބޮޑުކޮށް ސަރުކާރާއެކު ތިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު