ގުޅިއަކީ އަޅައިނުލައި ދޫކޮށްލައިފައި އޮތް ރަށެއް ކަމަށާއި މި ސަރުކާރުގައި ގުޅިއަށް އިސްކަންދިނީ އެ ސަބަބާ ހުރެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކ. އަތޮޅުގެ ތިން ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކ. ގުޅިއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރީ އަސާސީ އެތައް ކަމެއް ފުރިހަމަނުވެ ކަމަށެވެ.

މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރި މަސައްކަތަކީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި އަސާސީ ހިދުމަތްތައް ރަށްރަށުގައި ގާއިމުކުރުމަށް ކަމަށާއި އެގޮތުން ގުޅިއަކީ މާލެއާ ކައިރީގައި އޮތް ރަށެއް ނަމަވެސް އެ ރަށަކީ އާބާދީ މަދުވުމުން މީގެ ކުރީ ސަރުކާރުތަކުގައި އަޅައިނުލާ ދޫކޮށްލާފައި އޮތް ރަށެއް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ގުޅިއަށް މި ސަރުކާރުން އިސްކަން ދިނީ އެ ސަބަބަށްޓަކާ ކަމަށެވެ.

ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވި އިރު، ގުޅީގައި ފެނާއި ނަރުދަމާގެ ނިޒާމު އޮތީ ފުރިހަމަ ނުވެ ކަމަށާއި ނަމަވެސް މިއަދު ގުޅިން މީރު ފެން ލިބޭ ކަމަށެވެ. އަދި ގުޅިއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށް އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.