ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީނު ރަޝީދުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި އިސްމާއިލް އަބްދުއްރަހީމް (އިސޫ) ދޫކޮށްލައިފި އެވެ. އިސްމާއީލް ދޫކޮށްލާފައި ވަނީ އިއްޔެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ޝަފީއު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، އިސޫ ދޫކޮށްލީ ޝަރުތުކޮށްފައި ކަމަށެވެ. އެގޮތުން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ބޭރަށް ނުދިއުމާއި މާލެއިން ބޭރަށް ނުދިއުމާއި ތަހުގީގަށް އެއްބާރުލުން ދިނުމާއި ޓެގް އެޅުވުމަށް އެއްބަސްވުން ހިމެނެއެވެ.

މީގެ އިތުރުން، މާލީ މުއާމަލާތަކާ ގުޅިގެން ތަހުގީގު އިދާރާއިން އެދޭ މައުލޫމާތު ދިނުމާއި ހެކިން ނުވަތަ ހެކިންނާ ގުޅުން ހުރި ފަރާތްތަކަށް މުއާމަލާތު ނުކުރުމާއި އުޅޭ ނޫޅޭ ގޮތް ބެލުމަށް އެދިއްޖެނަމަ އެއްބާރުލުން ދިނުން ހިމެނެއެވެ.

އިސޫގެ މައްޗަށް ޕީޖީން ކޮށްފައިވަނީ ދެ ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާއެވެ. އެ ދައުވާތައް އޭނާގެ މައްޗަށް ކޮށްފައިވަނީ ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި އިސޫ، ރިލްވާނަށް ފާރަލައި، އޭނާ ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީ ކަމަށެވެ. އަދި ޔާމީން ރަޝީދުގެ ޔާމީންގެ ބްލޮގާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާ ކަމަށް ބުނެ، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް ފާރަލައި، މަރާލުމަށް އެހީތެރިވެދީފައިވާތީ ކަމަށް ޕީޖީން ބުނެފައިވެއެވެ.

އިސޫއަކީ މާރާމާރީ ހިންގުމާއި ޓެރަރިޒަމްގެ އަމަލެއްގެ ތުހުމަތުގައި އަދި މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރު ކުރި މީހެކެވެ. އަދި ސީރިޔާގެ ހަނގުރާމައަށް ދާން އުޅެނިކޮށް ކަމަށް ތުހުމަތުކޮށް ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރުވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.