ރާއްޖޭގެ ކްލަބު ފުޓުބޯޅައަށް ޝައުގުވެރިކަން އެބަހުރި ކަމަށާއި، އެކަމުގެ ތެރޭގައި މަސައްކަތްތަކެއް ކުރައްވަން ޝައުގުވެރިކަން އެބަ ހުންނެވި ކަމަށް ކުރިން ނިއު ރޭޑިއަންޓްގެ ޗެއާމަންކަން ކުރެއްވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދެ އަހަރަށްވުރެ ގިނަ ދުވަހު އަމިއްލައަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ހުންނެވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ފުޓުބޯޅައަކީ އަބަދުވެސް ޕެޝަންއެއް ކަމަށާއި، މިވަގުތުވެސް އެންމެ ބޮޑު އިންޓަރެސްޓެއް ހުރީ ފުޓުބޯޅައަށް ކަމަށެވެ.

"އެންމެ ބޮޑު އިންޓަރެސްޓެއް ހުރީ ފުޓުބޯޅައަށް. އަޅުގަނޑަށް ހީވަނީ ދިވެހި ރާއްޖޭގެ ފުޓުބޯޅަވެސް އޮތީ ބޫސްޓެއް ބޭނުންވާ ހިސާބުގައިހެން. އަޅުގަނޑުމެން ބޫޓާން އަތުން ހަމްޕު އޭރިއާ ތެރެއަށް ވެއްޓިގެން ހޯދި ޕެނަލްޓީއަކުން މޮޅުވާ ހިސާބަށް ސޮއްސާލާފައި މިއޮތީ. އަޅުގަނޑުގެ ފުޓުބޯޅައިގެ ވިސްނުން ކުރިއަށް އޮތް ދެ ހަފުތާއެއް ތެރޭގައި އިއުލާނުކުރާނަން. އެއީ ކޮންމެހެން ސަރުކާރަކާއި އެފްއޭއެމްއަކަށް އަމާޒުކޮށެއް ނޫން. އެއީ އަޅުގަނޑަށް އިނގިރޭސިވިލާތުން މި ދަސްވި އެއްޗަކާވެސް އެކުގައި ފުޓުބޯޅައިގެ ޖީލަކަށް ކުރެވެން އޮތް މަސައްކަތައް ހާމަކުރަން،" އަލީ ވަހީދު ވިދާޅުވިއެވެ.

ދާދިފަހުން އިނގިރޭސި ދަށް ޑިވިޝަންގެ ޓީމަކާއެކު ޑިސްޓްރިކްޓް ކަޕެއް ކާމިޔާބުކޮށް، ކޯޗުކަމުގައިވެސް އަލީ ވަހީދު ހަރަކާތްތެރިވެފައިވާ އިރު، އޭނާ މިއަދު ވަނީ ރާއްޖޭގެ ފުޓުބޯޅަ ހާލަތަށްވެސް ވާހަކަ ދައްކަވައިފައެވެ. އަލީ ވަހީދު ވިދާޅުވީ އެއްބަޔަކު ބުނަނީ އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް އަދީލް ޖަލިލް ބާލަންވީ ކަމަށް ނަމަވެސް، ބައްސާމް ބާލާފައި ދެން ގެނެވެން އޮތް ޕްރޮޑަކްޓެއްވެސް، ދާންވީ ދިމާއެއްވެސް އަދި ނޭނގޭ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާއަކީ ފުޓުބޯޅައިގެ އެއްވެސް ފަޅިއެއް ނޫން ކަމަށާއި، އޭނާ ބޭނުންވަނީ އަމިއްލަ ޕްރޮޑަކްޓެއް ފުޓުބޯޅައިގައި ލޯންޗް ކުރަން ކަމަށެވެ.

"އަޅުގަނޑު ޖުލައި 20 ވަނަ ދުވަހު (އުފަން ދުވަހު) ފުޓުބޯޅައިގެ މަސައްކަތް ފަށާނަން. އަޅުގަނޑު ގަބޫލެއް ނުކުރަން އެފްއޭއެމް ނޫނީ ސަރުކާރު ކަމެއް ކޮށްގެން ކަމެއް އަޅުގަނޑު ފުޓުބޯޅައަށް ކަމެއް ކުރަން ޖެހެނީ. އަޅުގަނޑު ދެކޭ ގޮތުގައި ތަޅާފޮޅައިގަނެގެން ފައިދާއެއް ނެތް. ބައްސާމް މިސާލަކަށް ބޭރުކޮށްފައި ދެން އެތަނަށް ހަދާނެ ގޮތަކީ ކޮބައިތޯ؟ އެތަނުގައި އޮތް ދަރަންޏަށް ހަދަނީ ކިހިނެތްތޯ. ދެން މި ސަރުކާރުން ރަނގަޅަށް ދަނޑުތައް ހައްދަވައިފި. އެ ދަނޑުތައް އެއީ ރަނގަޅު ކަމެއް. ރަނގަޅު ކަންތައް ރަނގަޅޭ ވިދާޅުވަން ޖެހޭނެ. އެކެމަކު އެހާ ކަމަކު ނުދިޔަ، ނިމުނުއިރު ހޯމް އެންޑް އަވޭ ކުޅޭކަށް ފައިސާއެއް ނެތޭ ބުނީ. ނޫން ހުންނަން ޖެހޭނެ. ކީއްކުރަން ހަދާ ދަނޑުތަކެއްތޯ އެ ނޫނިއްޔާ. ޑްރޯން އަރުވައިގެން ފޮޓޯ ނަގަންތޯ. ދިވެހި ފުޓުބޯޅަ ކުރިއަރުވަން ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ހޯމް އެންޑް އަވޭ ކުޅުން،" އަލީ ވަހީދު މިއަދު އިތުރަށް ވިދާޅުވިއެވެ.

މިއަދުގެ ޕްރެސްގައި އަލީ ވަހީދު ވަނީ އެކަމުގެ މިސާލުތައްވެސް ޖައްސަވައިފައެވެ. އެގޮތުން އއ. ތޮއްޑޫގެ ބައެއް ތަޖުރިބާތަކާއި ރަށްރަށުގައި އޮތް ފުޓުބޯޅަ ފޯރިއަށްވެސް އަލީ ވަހީދު ވާހަކަ ދެއްކެވިއެވެ. އަލީ ވަހީދު މިއަދު އިތުރަށް ވިދާޅުވީ ކުރިން ނިއު ރޭޑިއަންޓާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ރާއްޖޭގެ ފުޓުބޯޅައަށް މިހާރު ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

ޔޫކޭއިން ލިބުނު ތަޖުރިބާގެ މައްޗަށް ވާހަކަދައްކަވަމުން އަލީ ވަހީދު މިއަދު ވިދާޅުވީ ރާއްޖޭގެ ކޯޗުންނަށްވެސް ޔޫރަޕްގެ ތަމްރީނުތައް ބޭނުންވާ ކަމަށެވެ. އަދި މިވަގުތު ވިސްނުން ހުރީ އެފްއޭއެމްގެ ރައީސްކަމާ ހަވާލުވާން ނޫން ކަމަށާއި، ފޯކަސް ހުރީ ރަނގަޅަށް ކްލަބު ފުޓުބޯޅައަށް ވަނުން ކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ ސިޔާސީ މައިދާނަށްވުރެ ބޮޑަށް ފުޓުބޯޅައިގައި މީހުން އޭނާއަށް އިތުބާރު ކުރައްވާނެ ކަމަށެވެ.

އަލީ ވަހީދަކީ ކުރިންވެސް ފުޓުބޯޅައިގެ ނަމެކެވެ. ގާތްގަނޑަކަށް ހަތަރު އަހަރު ވަންދެން ނިއު ރޭޑިއަންޓްގެ ޗެއާމަންގެ މަގާމުގައި އަލީ ވަހީދު ހުންނެވި އިރު، އެ ކްލަބު ވަނީ ރާއްޖޭގެ ހުރިހާ ތަށްޓެއް ހޯދައެވެ. ގާތްގަނޑަކަށް ޖުމުލަ 13 ތަށި އެ އަހަރުތަކުގައި ނިއުއިން ހޯދި އިރު، 2013 ވަނަ އަހަރު ސީޒަން ނިންމާލީ މެޗަކުން ބަލިނުވެއެވެ. އެއީ ރެކޯޑެކެވެ.