ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުވައްޒަފުންނަށް ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުދީ އޮތުމުން، އެ އިދާރާގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއަށް ނުކުންނަން ދެކޮޅު ހަދައިފިއެވެ.

"ވަން ސްޕޯޓްސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމްގެ ގިނަ މުވައްޒަފުން އީދު ބަންދަށްފަހު އަދި މަސައްކަތަށް ނުކުމެފައެއް ނުވެއެވެ. އޭގެ ތެރޭގައި މުބާރާތްތައް ހިންގާ ކޮމްޕެޓިޝަން ޑިޕާޓްމަންޓްތަކުގެ އިސް މީހުންގެ އިތުރުން އިދާރީ މުއައްޒަފުންނާއި ޓެކްނިކަލް މަސައްކަތްތައް ކުރާ ފަރާތްތައްވެސް ހިމެނެއެވެ.

"ވަން ސްޕޯޓްސް"އަށް މައުލޫމާތު ދިން އެފްއޭއެމްގެ މުއައްޒަފަކު ބުނީ މުސާރަ ނުދޭތާ ފަސް މަހަށްވުރެ ގިނަ ވެގެން ގޮސްފައިވާ ކަމަށާއި، އެކަމަށް ހައްލެއް ހޯދާނެ ގޮތެއް، ދޭނެ ވަކި ދުވަހެއްވެސް އެފްއޭއެމުން އަންގާފައި ނުވާ ކަމަށެވެ. އަދި މުވައްޒަފުން މިފަދަ ގޮތަކަށް ވަޒީފާއަށް ނުނުކުންނަން ނިންމީ މުސާރަތައް ނުދީ މާ ގިނަ ދުވަސްވުމުން އަމިއްލަ ދިރިއުޅުމުގެ ކަންކަން ވަރަށް ބޮޑަށް ދަތިވެފައިވާތީ ކަމަށްވެސް މުވައްޒަފު ބުންޏެވެ.

އެފްއޭއެމްގެ ފައިސާގެ މައްސަލަތައް ގޯހުން ގޯހަށް ގޮސް، ދަރަނީގެ ގިނަ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. ހާއްސަކޮށް ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ބައެއްވެސް ނުދޭ ކަމަށް ބައެއް ކުޅުންތެރިން ކުރިން ބުނެފައިވެއެވެ. އޭގެ އިތުރުން ކްލަބުތަކަށް ދޭން އެއްބަސްވެފައިވާ ފައިސާވެސް ދުވަހުން ދުވަހަށް އެފްއޭއެމަށް ނުދެވި، މި ސީޒަން ފެށުނީވެސް އުނދަގޫ ހާލަތެއްގައެވެ.

އެފްއޭއެމްގެ މުސާރައިގެ މައްސަލައިގައި ޖަވާބެއް ހޯދުމަށް އެ އިދާރާގެ ފަރާތުން ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ހާއްސަކޮށް ގިނަ މީޑިއާތަތަކުން އެ އިދާރާގެ ވަޓްސްއެޕް މީޑިއާ ގްރޫޕުގައި އެ ސުވާލުކުރުމުންވެސް ޖަވާބު ދީފައެއް ނުވެއެވެ.

އެފްއޭއެމްގެ މުބާރާތްތައް ހިންގާ ފަރާތްތަކުންވެސް ހަޅުތާލުގައި ތިބި އިރު، ސާފް ޗެމްޕިއަންޝިޕަށްފަހު ކްލަބު ފުޓުބޯޅަ ފަށަން މިހާރު ރާވާފައި އޮތް ތާރީހަށް ދެން ފުޓުބޯޅަ ފެށޭނެކަމާ މެދު އޮތީ ސުވާލު އުފެދިފައެވެ. މިމަހުގެ 14 ވަނަ ދުވަހު އަލުން ލީގު ފަށަން އޮތް ނަމަވެސް، މިހާރު އޮތް ގޮތުން އެ ތާރީހަށް ލީގު ނުފެށޭނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް އެފްއޭއެމްގެ މުބާރާތްތަކުގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކަށް މުސާރައިގެ ކަންކަން ނިންމައިގެން ނޫން ގޮތަކަށް އަލުން ކްލަބު ފުޓުބޯޅަ ފެށުން އެއީ އުނދަގޫ ކަމަކަށްވާނެއެވެ.

ރާއްޖޭގެ ފުޓުބޯޅަ ލީގު ސިސްޓަމް އަންނަ ސީޒަނަށް ބަދަލުކުރުމަށް މިދިޔަ އަހަރު އަތޮޅު ތެރޭގައި ފެށި ކޮލިފިކޭޝަން މުބާރާތްތައްވެސް ވަކި ހިސާބަކުން ހުއްޓުނީ ފައިސާގެ މައްސަލަތަކެއްގައެވެ. މިއަހަރުވެސް އަދި އެ މުބާރާތްތައް ކުރިއަށް ގެންދެވިފައިނުވާ އިރު، މުސާރައިގެ މައްސަލަތައް ހައްލުކޮށްގެން ނޫނީ އެ މުބާރާތްތައް ނުބޭއްވޭނެ ކަމަށް ބެލެވެއެވެ. އެހެންކަމުން އެފްއޭއެމްގެ ފައިސާގެ ހާލަތުގެ ސަބަބުން މިވަގުތަށް ފުޓުބޯޅަ ހުއްޓުމަކަށް އައުމުގެ ބިރު އަނެއްކާވެސް އެބައޮތެވެ.