Close Election
Close
ރިޕޯޓް

ދަރަނިފުންޏަކާއެކު ވެލެންސިއާގެ ހާލަތުވެސް ގޯހުން ގޯހަށް: ފީފާގެ އަދަބާއެކު ސަސްޕެންޝަނެއް އަތުވެދާނެ!

މުޙައްމަދު ޝަމްޢޫން

ދިވެހި ފުޓުބޯޅަ އޮތް ހާލަތު އިތުރަށް ކިޔައިދޭކަށް މިހާރަކު ނުޖެހޭނެއެވެ. އެކަމުގެ ވާހަކަތައް އަޑު ނީވޭ، އެކަމާ ނުވިސްނާ މީހަކު މަދުވާނެއެވެ. ހާއްސަކޮށް ސާފް ޗެމްޕިއަންޝިޕް 2023 ގެ ފެއިލިއާއާއެކު ދިވެހި ފުޓުބޯޅައިގެ ހާލަތު އެންމެންނަށްވެސް ކުލަވެއްޖެއެވެ. އެކަމަކު މާ ކުރިންވެސް ފުޓުބޯޅަ އޮތީ އެ ހާލަތަށް މިސްރާބު ޖަހާފައެވެ. އެހާލަތަށް ދިވެހި ފުޓުބޯޅަ ވެއްޓެން ދިމާވި އެންމެ ބޮޑެތި މައްސަލަތައް ދިމާވީ ކްލަބު ފުޓުބޯޅައިގެ ތެރެއިންނެވެ. އެކަންވެސް މިހާރު ގިނަ ބަޔަކަށް އެނގެއެވެ. އެކަމަށް ހައްލެއް ހޯދަން މަސައްކަތްތަކެއްވެސް ކުރަން އުޅޭ މަންޒަރު އެބަފެނެއެވެ.

ގައުމީ ފުޓުބޯޅައިގެ ރޫހާއި ކްލަބު ފުޓުބޯޅައިގައި އޮތް ފޯރިވެސް ގެއްލިއްޖެއެވެ. ލީގުވެސް ކުޅެނީ ހުސް ދަނޑެއްގައެވެ. އެފޯރި ގެއްލެން ދިމާވި އެތައް ކަމެއްގެ ވާހަކައިގެ ތެރެއިން ބައެއް ފަރާތްތަކުން ނަގާ އެއް ސަބަބަކީ ވަރުގަދަ ކްލަބުތަކެއް މަންޒަރުން ބޭރުވެ ދިއުމެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުވެސް ޒަމާންތަކަކަށް ފުޓުބޯޅައިގެ މަންޒަރުން ބޭރުވުމެވެ. ދަރަނީގެ ކަންކަމާއި، ފުޓުބޯޅައިގެ "އިންޓާނަލް ޕޮލިޓިކްސް" ގެ ތެރެއިން 2019 ވަނަ އަހަރުން ފެށިގެން މިދިޔަ ސީޒަނާ ހަމައަށް އެ ދެ ކްލަބުވެސް އޮތީ ސަސްޕެންޝަނުގައެވެ.

އެ ދެ ކްލަބުވެސް ސަސްޕެންޑް ކުރީ އެތައް ލައްކަ ރުފިޔާއެއްގެ ދަރަންޏަކާއެކުގައެވެ. ކްލަބު ލައިސަންސިން ފުރިހަމަ ނުވެ، ފީފާގެ ޓްރާންސްފާ ބޭން އާއި ލައިސަންސިން ބޭންއާވެސް އެކުގައެވެ.

އެ ދެކްލަބުގެ ސަޕޯޓަރުން ދެން ކުރަމުން ދިޔަ ސުވާލަކީ "ދަރަނި އޮތީ ވިކްޓަރީއާއި ނިއުގެ އެކަނިތޯ" ކުރަމުން ދިޔަ ސުވާލެވެ. ސަސްޕެންޝަންތަކާއެކު އެ ދެކްލަބުގެ ނަން ފުޓުބޯޅައިގެ ތެރެއިން ފޮހެވި ދިޔައީ ފުޓުބޯޅައިގެ އެތެރޭގެ ސިޔާސީ ކަންކަމާ ވިދިގެން ކަމަށް ގިނަ ބަޔަކު ތުހުމަތުތައް ކުރިއެވެ. އެފްއޭއެމްގެ އެކްސްކޯގެ ކަންކަމަށް ނިއުއާއި ވިކްޓްރީ ފާޑު ކިޔާތީ، އެ ދެ ކްލަބަށް އަދަބު ދިން ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. ހާއްސަކޮށް، ދެ ކްލަބުންވެސް އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް މަސައްކަތް ކުރިކަން ފެންނަން އެބަ އޮތެވެ. އެ ވާހަކަތައް އޭރު ގަދަ ނަމަވެސް، ފަހުން އެ އަޑު ކެނޑި، ދެ ކްލަބުންވެސް އެއްބަސްވީ ދަރަނި ހަލާސްކޮށް ފުޓުބޯޅައަށް ނުކުންނާށެވެ. އެއީ ކުޅުންތެރިންނަށް ދޭން ޖެހޭ އިހުތިރާމެއްވެސް އޮތުމާ އެކުގައެވެ.

ކޮންމެއަކަސް، އެ ދެކްލަބު ދަރަންޏަށް ހަދަން ޖެހޭ ގޮތެއް ހަދައި، އަލުން ފުޓުބޯޅައަށް ނުކުމެއްޖެއެވެ. މިވަގުތު އޮތީ ދެވަނަ ޑިވިޝަނުގައެވެ. ފައިސާގެ މައްސަލަތައް އަދިވެސް އޮތް ނަމަވެސް، މިވަގުތު އޮތީ މަސައްކަތްތަކެއް ކުރަން ފުރުސަތު ފަހިވެފައެވެ.

ދެވަނަ ޑިވިޝަނުގައި އޮތް އެ ދެކްލަބުގެ ވާހަކައިގެ ތެރެއިން ގޮސް، ދެން ދައްކަން މިޖެހެނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ވާހަކަތަކެކެވެ. މުސާރައިގެ އެތައް މައްސަލައެއް އެބައޮތެވެ. ފައިސާގެ ގޮތުން ފުދިފައި އޮތީ އެކެއް ނޫނީ ދެ ކްލަބެކޭ ބުނެވިދާނެއެވެ. އެ އަނދަވަޅަށް ކްލަބުތައް ވެއްޓިގެން ދިޔަ އިރުވެސް، އެންމެ ހާލުގައި މިހާރު އޮތީ ކާމިޔާބު ތާރީހެއް އޮތް ވެލެންސިއާއެވެ. ދަރަނީގެ މައްސަލަ އިންތިހާއެވެ. ފީފާއިން ޓްރާންސްފާ ބޭން ކޮށްފައެވެ. ގެންދިޔަ ކުޅުންތެރިންނަށް ކުޅެވޭނެ ގޮތެއް ނެތެވެ.

ވެލެންސިއާއިން ބޯހާސްއަށް އެކަނިވެސް 82000 ޑޮލަރު، އޭއެފްސީއަށް 20،000 ޑޮލަރު ދޭން ޖެހޭ

ކްލަބް ވެލެންސިއާ އިން މިދިޔަ ސީޒަނުގައި އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގެ މެޗަށް ހާޒިރު ނުވާތީ ޖޫރިމަނާގެ ގޮތުގައި 20،000 ޑޮލަރު، އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީއަށް ދައްކަން ޖެހިފައިވެއެވެ. މިދިޔަ އަހަރު އޭޕްރީލް މަހުގައި އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރު (ކޮލިފިކޭޝަން) ގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ކުޅެން ޖެހޭ މެޗަށް ބަންގްލަދޭޝަށް ވެލެންސިއާއަށް ނުދެވި، ޕްލޭއޮފް މެޗުން އޮޓޮމެޓިކުން އަބަހާނީ އަށް ވަނީ ފުރުސަތު ދީފައެވެ. ވެލެންސިއާ މެޗަށް ހާޒިރުނުވާތީ، އޭއެފްސީން ވަނީ އެ މައްސަލައިގައި ވެލެންސިއާ އަށް ފިޔަވަޅު އަޅައި ޖޫރިމަނާ ކޮށްފައެވެ. އެ މައްސަލަ އެޕީލްކޮށްގެން ވެސް ވެލެންސިއާ އަށް ކާމިޔާބުނުވިއިރު، މިހާތަނަށް ވެސް އެ ޓީމުން އެ ފައިސާ ދައްކައިފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ ސިލްހެޓު ސިޓީގައި ކުޅެން އޮތް މެޗަށް ވެލެންސިއާ އަށް ނުދެވުނީ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކަންތައްތައް ހަމަނުޖެހި ހުރުމުން ކަމަށް އެ ކްލަބުން އޭރު ބުނެފައިވެ އެވެ. ވެލެންސިއާ އިން ބަންގްލަދޭޝަށް ފުރަން މަސައްކަތް ކުރިއެވެ. ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކު ޓިކެޓް ނެގި ކަމަށްވެސް ހަބަރު ލިބިފައިވާ އިރު، ނުދެވުނީ ބަންގްލަދޭޝްގައި ތިބުމަށް އެކޮމޮޑޭޝަންގެ ކަންކަން ހަމަނުޖެހިގެން ކަމަށް ކްލަބުން ބުންޏެވެ.

އަދި ނިމުނީކީ ނޫނެވެ. މިދިޔަ އަހަރު ވެލެންސިއާ އަށް ކުޅުނު ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން އަށް ދޭން ޖެހޭ މުސާރައިގެ ގޮތުގައި އޮތް 82،000 ޑޮލަރު ދޭން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާއިން ވަނީ އަންގައިފައެވެ. އެ ފައިސާވެސް ވެލެންސިއާއިން ދައްކާފައިނުވާ އިރު، ދިވެހި ގިނަ ކުޅުންތެރިންތަކަކަށް ދޭން ޖެހޭ މުސާރަތައްވެސް ނުދެވި އެބަހުއްޓެވެ.

ދަރަނީގެ ގިނަ މައްސަލަތަކެއްގެ ސަބަބުން ފީފާގެ ކްލަބު ލައިސަންސިން ފުރިހަމަ ކުރުމަށްވެސް ވެލެންސިއާއަށް ވަނީ އުނދަގޫ ހާލަތްތަކެއް ކުރިމަތިވެފައެވެ. މި ސީޒަނަށް ގެންދިޔަ ކުޅުންތެރިން ކްލަބަށް ރަޖިސްޓްރީ ނުކުރެވި، އެ ކްލަބުން މިހާތަނަށް ސީޒަނުގައި ކުޅުނު މެޗުތަކުގައި ކުޅުނީ އެކަޑެމީގެ ގިނަ ކުޅުންތެރިންތަކެއް ބޭނުން ކޮށްގެންނެވެ. ލީގު ދެން ފަށަންވެސް ވެލެންސިއާއަށް އެކުޅުންތެރިން ރަޖިސްޓްރީ ކުރެވޭކަށް ނެތެވެ. އެއީ އެ ކްލަބު އޮތީ މިހާރުވެސް ފީފާ ޓްރާންސްފާ ބޭންއެއްގައި ކަމަށްވާތީއެވެ. ލޯކަލް އަދި އިންޓަނޭޝަނަލްވެސް ބޭން އެއްގައެވެ.

ދިވެހި ގިނަ ކުޅުންތެރިންތަކެއްވެސް ހާލުގައި ޖެހިފައި، ސަސްޕެންޝަނެއް އަންނަން ޖެހޭ

މިސީޒަނުގައި ވެލެންސިއާއިން ކްލަބަށް ގެންދިޔަ ކުޅުންތެރިންނަށްވެސް އަދި މިހާތަނަށް އެ ޓީމަށް މެޗެއް ނުކުޅެވެއެވެ. އެ ގޮތުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ދިޔަ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ކްލަބް ގްރީން ސްޓްރީޓްސްއިން ގެންދިޔަ، ރިލްވާން ވަހީދު (ރިލޭ)، ވެލެންސިއާގެ ޕްރެކްޓިހުގައި ބައިވެރިވި ނަމަވެސް މެޗެއް ކުޅެވޭ ގޮތެއްނުވިއެވެ. އެ ކުޅުންތެރިންނަށް އަދިވެސް އަލިމަގެއް ވެލެންސިއާއިން ފެނިފައިނުވާ އިރު، ދިވެހި ކުޅުންތެރިންގެ ފައިސާގެ މައްސަލަތައްވެސް ކްލަބުން ނިންމާފައެއް ނުވެއެވެ.

ދިވެހި ގިނަ ކުޅުންތެރިންތަކެއް ވެލެންސިއާގެ މުސާރައިގެ މައްސަލަ އެފްއޭއެމްގައި ޖައްސާފައިވެސް ވާއިރު، ހަބަރު ލިބިފައިވާ ގޮތުގައި އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމެޓީން ނިންމީ ވެލެންސިއާއަށް ފުޓުބޯޅަ އެސޯސިއޭޝަނުން ދޫކުރާ ސަބްސިޑީން، މުސާރައިގެ ގޮތުގައި ލިބެން ޖެހޭ ފައިސާ އުނިކުރުމަށް ފަހު ކުޅުންތެރިންނަށް ދިނުމަށެވެ. އެކަމަކު އަދިވެސް އެކަމަށް ހައްލެއް ހޯދިފައެއް ނުވެއެވެ. އެފްއޭއެމްގެ ފައިސާގެ ހާލަތުވެސް އޮތީ ގޯހުން ގޯހަށް ގޮސްފައެވެ.

އެފްއޭއެމްގެ ގާބިލުކަން އިންތިހާއަށް ފަނޑުވެ، ކްލަބުތަކަށް ފިޔަވަޅު އެޅުމަށްވެސް އޮތީ ނުކުޅެދިފައޭ ބުނެވިދާނެއެވެ. އެފްއޭއެމްގެ ތެރެއިން "އިންޓާނަލް ޕޮލިޓިކްސް"ގެ ސަބަބުން ވެލެންސިއާގެ ދަރަނީގެ ވާހަކަ މާ ބޮޑަށް ނުދެއްކެނީއޭވެސް ގިނަ ބަޔަކު ބުނަމުންދެއެވެ. ސުވާލަކީ ދަރަނީގެ އެ ހުރިހާ މައްސަލައެއްގައި ވެލެންސިއާއަށް ފިޔަވަޅެއް، ސަސްޕެންޝަނެއް ނާންނާތޯ ކުރެވޭ ސުވާލެވެ. އެހެން ވެއްޖެ ނަމަ، ވެލެންސިއާއަށްވެސް ރިހޭ ފައިމައްޗަށް ފޮއިވެއްޓި ހާލުގައި ޖެހުމުގެ ބިިރު އޮތީ އިންތިހާއަށެވެ.