އާޖެންޓީނާގެ ކެޕްޓަން އަދި ތާރީހު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ، ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

އާޖެންޓީނާއާއެކު މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި މެސީ، ރާއްޖެ އައިސް ހުރީ ވޮލްޑޯފް އެސްޓޯރިއާގައި ކަން "ވަން ސްޕޯޓްސް"އަށް ވަނީ ޔަގީންވެފައެވެ. މެސީ އައީ މުޅި އާއިލާ ގޮވައިގެން ނޫން ނަމަވެސް، އަންހެނުންނާ އެކުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރާއްޖެއަކީ ގިނަ ކުޅުންތެރިންތަކެއްގެ ޗުއްޓީގެ މަންޒިލެއް ނަމަވެސް، މެސީ އަކީ އާންމުކޮށް ރާއްޖެއަށް އަންނަ ކުޅުންތެރިއެއް ނޫންކަން ވަނީ ފާހަގަވެފައެވެ. އޭނާ އާންމުކޮށް އަމިއްލަ ގައުމުގެ އިތުރުން ގިނަ ޗުއްޓީތަކުގައި ފެންނަނީ ސްޕެއިންގެ އިބީޒާގައި ޗުއްޓީ ހޭދަކުރާ މަންޒަރެވެ. އޭގެ އިތުރުން އެމެރިކާގައިވެސް މެސީ ޗުއްޓީ ހޭދަކުރާކަން ފާހަގަވެފައިވެއެވެ.

މެސީ ރާއްޖެ އައި ކަމަށް ބޭރުގެ އެއްވެސް މީޑިއާއަކުންވެސް އަދި ރިޕޯޓު ކޮށްފައި ނުވާ އިރު، އޭނާގެ ސޯޝަލް މީޑިއާގައިވެސް ރާއްޖޭގައި ހުރި ކަމަށް ދޭހަވާ ޕޯސްޓެއް ނުކުރެއެވެ. އެހެން ނަމަވެސް "ވެކޭ" ޖަހާފައި މިރޭ އޭނާ ވަނީ އެސްޓޯރިއާގެ ފޮޓޯއެއް ލައިފައެވެ.

ރެކޯޑު ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީއަކީ ދުނިޔޭގެ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ކްލަބު ކެރިއަރުގެ އިތުރުން ގައުމީ ޓީމާއެކުވެސް އެތައް ކާމިޔާބީތަކެއް ހޯދާފައިވާ މެސީގެ ކްލަބު ކެރިއަރުގެ ބޮޑުބައެއް ހޭދަކުރީ ބާސެލޯނާގައެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ޕީއެސްޖީއަށް ކުޅުމަށްފަހު މެސީ މިހާރު ވަނީ އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ދާން އެއްބަސްވެފައެވެ.

ބެލެވޭ ގޮތުގައި ރާއްޖޭގައި ހޭދަކުރާ ޗުއްޓީއަށްފަހު މެސީ ދެން ދާނީ އެމެރިކާއަށެވެ. އެއީ އިންޓަ މިއާމީގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލުމުގެ ބޮޑު އިވެންޓުގެ އިތުރުން އެ ކްލަބާއެކު ތަމްރީނުތައް ފެށުމަށެވެ.