ފުވައްމުލަކު ސިޓީގައި ރޭ ހިންގި މާރާމާރީގައި އަނިޔާވި މީހާއަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން "ވަން" އަށް މިއަދު ބުނީ އެ މާރާމާރީގެ ރިޕޯޓު ލިބިފައިވަނީ ރޭ 12:30 ހާއިރު ކަމަށެވެ. މާރާމާރީގައި އަނިޔާވެފައިވަނީ 36 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާރާމާރީގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީގައި އަނިޔާވި މީހާއަށް މިހާރު ފަރުވާދެމުންދަނީ އައިޖީއެމްއެޗް އައިސީޔޫގައެވެ. އޭނާގެ ބޮލުގެ ނާށިގަނޑުގައި ރެނދުލާފައިވާ އިރު، އޭނާގެ ގައިގައި ވަނީ ކަރަންޓު ވެސް ޖައްސައިފައެވެ.