މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިރޭ މަޝްވަރާކޮށްފިއެވެ.

މިރޭ ބޭއްވި އެ މަޝްވަރާ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެ ކޯލިޝަން ހިންގުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތާރިގު އަދި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން މުހައްމަދު ލަތީފު ހިމެނިވަޑައިގަންނަވައެވެ. އެމްއެންޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި އެ ޕާޓީގެ ދެ ނައުބު ރައީސުން، ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމް އަދި ތިމަރަފުށި ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒް ހިމެނިވަޑައިގަންނަވައެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ޝިޔާމް "ވަން" އަށް މިރޭ ވިދާޅުވީ، އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ސަރުކާރު ތެރޭގައި ހިނގަމުންދާ ކޮރަޕްޝަނާއި، ދައުލަތުގެ ވަސީލަތްތަކާއި މުދާ ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލައިގެ އިތުރުން ޗާގޯސް މައްސަލައާ ގުޅޭގޮތުން ކަމަށެވެ.

ޝިޔާމް ވިދާޅުވީ ބައްދަލުވުމުގައި އެމްއެންޕީން ފާހަގަކޮށްފައިވަނީ، ޕީޕީއެމް/ޕީއެންސީ ވެސް މީގެ ކުރިން ތަކުރާރުކޮށް ފާހަގަކުރަމުން އައި ކަންކަން ކަމަށާއި އެހެންކަމުން ދެ ޕާޓީގެ ސިޔާސީ ވިސްނުން އެއްގޮތް ކަމަށް ބެލެވޭ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން އެމްއެންޕީއާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ދެއްތޯ ވަކި ހިސާބަކުން، ދެ ޕާޓީ ގުޅިގެން ވަކި ހިސާބަކުން މަސައްކަތްކުރުމަކީ ނުވާނެކަމެއް ވެސް ނޫން،" ޝިޔާމް ވިދާޅުވިއެވެ.

އެމްއެންޕީގެ ފަރާތުން ވެސް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަކުރައްވާތީ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ނުކުރައްވާ ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފިނަމަ އެފަދަ މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެކަމަކު އަޅުގަނޑުމެން މި ގަބޫލުކުރަނީ މި އިންތިހާބު އެއްބުރުން ރައީސް ޔާމީން ކާމިޔާބުކުރައްވާނެ ކަމަށް،" ޝިޔާމް ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން އެ ޕާޓީގެ ރައީސް، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވާދަކުރައްވާނެކަން ވަނީ އިއުލާންކޮށްފައެވެ. އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓު ހަވާލުކުރައްވާފައިވަނީ އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ.

އަލަށް އުފެއްދި ސިޔާސީ ޕާޓީއެއް ކަމަށްވާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާންކުރައްވައިފައެވެ.