ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިނުލައްވައި، ރައްޔިތުން އެދޭ ގޮތަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ގިޔަސުއްދީން ސްކޫލުގައި މިރޭ ބާއްވާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މީހަކު ޖަލުގައި އޮންނަން ޖެހުމަކީ އެއްވެސް އިރެއްގައި ރުހުނު ކަމެއް ނޫން ކަމަށާއި ރައީސް ޔާމީނަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ އިތުރުން ވެސް އެތައް ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދެ މީހުން ވެސް ކުރިމަތިނުލައި، އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް އަޅުގަނޑުމެން ހޯދައިދޭންވީ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ކަމު ނުދާ ކަމަށް ރާއްޖޭގެ ރައްޔިތުން ބުނާ ކަމަށާއި އެކަމަށް ގޮތެއް ހޯދައިދިނުމަކީ ސިޔާސީ ވެރިންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"އަޅުގަނޑުމެންނަކީ ސިޔާސީ ވެރިންގެ ގޮތުގައި، ސިޔާސީ ލީޑަރުންގެ ގޮތުގައި، ސިޔާސީ ޕާޓީތައް އުފައްދައިގެން ތިބި މީހުންގެ ގޮތުގައި އަޅުގަނޑުމެން ފެވެނީ ނަަމަ، ބުނަނީ ނަމަ، އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް، އަޅުގަނޑުމެންގެ ވާޖިބެއް އެބައޮތް. އަޅުގަނޑުވެސް ގޮތް ދޫކުރުން، ޕީޕީއެމް، ޕީއެންސީ ވެސް އަދި އެހެން ޕާޓީތައް ވެސް ގޮތް ދޫކުރުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެއް މޭޒެއްގެ ދަށުގައި އިށީނދެ، އެހެން ވާދަވެރި ޕާޓީތަކާ އެކީގައި މަޝްވަރާކުރެވި، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ގޮތް ހޯދޭނެކަމީ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ.