މާލޭ ސިޓީގެ ރައްޔިތުންނަށް ގޯތި ދެވޭނީ ހަމައެކަނި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދަށް ތާއިދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ގިޔާސުއްދީން ސްކޫލުގައި މިރޭ ބެއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރައްޔިތުން ވެރިންގެ ކިބައިން އެދޭ ކަންކަން ވެރިން ފުއްދައިދޭން ޖެހޭނެ ކަމަށާއި ރައްޔިތުން ވެރިންގެ ކިބައިން އެދެނީ ވަރަށް މަދު މިންވަރެއްގެ ކަންތައްތަކެއް ކޮށްދިނުމަށް ކަމަށެވެ. ރައްޔިތުންގެ ބޭނުމަށް ނޫނީ ވެރިން އެއްވެސް ކަމެއް ކޮށްގެން ނުވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރަށްރަށުގެ ކައުންސިލުން އެދި ގޮވަމުން ދިޔައީ ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރަން ކަމަށެވެ. ކައުންސިލްތަކުން ބޭނުންވަނީ ރާއްޖޭގެ ރަށްތަކާއި ފަޅުތައް އަދި ފަރުތަކަކީ ކައުންސިލްތަކުގެ މިލްކިއްޔާތުގެ ގޮތުގައި ސަރުކާރުން ނިންމުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެ މުދާ އެހެން މީހަކު އައިސް ދިނުން، އެ މުދާ ވިއްކާން އެހެން މީހަކު އުޅުން އެއީކީ އަޅުގަނޑުމެން މި ބައްޓަންކުރި، ބިނާކުރި ލާމަރުކަޒީ ނިޒާމު ބުނާ ގޮތެއް ނޫން. އަޅުގަނޑުމެން މިރޭ ހިތްހަމަޖެހުނަސް ނުޖެހުނަސް މާލޭ މޭޔަރު މުއިއްޒު ނޫން ބޭފުޅަކު މާލޭ ރައްޔިތުންނަކަށް ގޯތި ދިނުމުގެ ގާނޫނީ ހައްގެއް، ހައިސިއްޔަތެއް ނެތް،" ނަޝީދު ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަކީ ރާއްޖޭގެ އެހެން ރަށްރަށާ ބަލާއިރު މާބޮޑަށް ނިކަމެތިކޮށް އުޅޭ ބައެއް ކަމަށާއި މާލޭގެ ގެތައް ވަނީ ގޭންގު ކުށާއި ގެވެށި އަނިޔާގެ ދަންތުރާއަކަށްވެފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ގޯތި ދޭންވަނީ ނިކަމެތި މީހުންނަށް ކަމަށާއި ސިޔާސީ ބޭނުމަށް ރައްޔިތުންނަށް އޮޅުވާލައި ގޯތި ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ވަންނާނެ ތަނެއް ނެތް، ދަރިންނަށް އަޅައިލެވޭނެ ގޮތެއް ނެތް، ދެން މިރޭ ކެވޭނެ ގޮތެއް ނެތް، މެދަށް ހުރި ދަރި ގޭންގަކަށް ވަދެއްޖެ، ދޮށީ ދަރި ޑްރަގުގެ ވަބާގަ، އަންހެން ދަރި ގެވެށި އަނިޔާގަ. ދެން އޭނާގެ ވޯޓު ގަނެލުމަށް ގޯއްޗެއް ދޭނަމޭ ކިޔައި ދޮގު ހެދުމަކީ އަޅުގަނޑު ދެކޭ ގޮތުގަ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ އަރިހުގައި މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ތަކުރާރުކޮށް އެދުމުންވެސް އެކަން ކުރެވިފައިނުވާ ކަމަށާއި އެންމެ މީހަކަށް ވެސް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސް ސޯލިހަށް ދަންނަވަން، އާދެ މިރަށު ރައްޔިތުން އިންތިހާބަށް ބޭނުންވެފައި ހުރި ކަންތައްތައް އެބަހުރި. މަނިކުފާނުގެ ދައުރުގެ އެންމެފަހު 20 ދުވަހަށް ވީމާ، އަޅުގަނޑު އެމްޑީޕީއާ ވަކިވީ،" ނަޝީދު ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ދަ ޑިމޮކްރެޓްސް އިން ކާމިޔާބުކުރާނެ ކަމަށާއި އެމަނިކުފާނު އެ ޕާޓީން ފެނިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.