ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުން މި ސަރުކާރުން ހިމާޔަތްކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ނަޝީދު އެފަދަ ތުހުމަތު ކުރައްވާފައި މިވަނީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާގުޅޭ ހިޔާނާތުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައި ވަނިކޮށެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ތަހުގީގު ކުރަނީ އާރްޑީސީގެ އެކައުންޓްގައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ އެ ކުންފުނީގެ އިސްވެރިއެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި މައްސަލައެކެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް އެފަދަ މައްސަލަތަކުގައި ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް އަދި ކޯޓުތަކަށް ނުފޫޒު ފޯރުވައި 'އޮއްބާލާކަން' ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގައި ވަރަށް ބޮޑަށް ފާހަގަވާ ކަމަށެވެ.

"މިހާރު ފެންމަތިވެފައިވާ އާރްޑީސީގެ ހިޔާނާތުގެ މައްސަލައަކީވެސް މިފަދަ އާއްމުކަމެއް. މިއީ އެމްޑީޕީގެ ވެރިކަމެއްގައި ލަދުވެތިކަމެއް،" އެމްޑީޕީގެ ރައީސްކަމުން މިދިޔަ މަސް ތެރޭގައި އިސްތިއުފާ ދެއްވި ނަޝީދު ވިދާޅުވިއެވެ.

އާރްޑީސީއާ ގުޅޭ ހިޔާނާތުގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން އަންނައިރު، އެކަމާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވަނީ ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުނުކުރާ ކަމަށާއި އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މުއާމަލާތްތައް ފެންނަން ހުންނާނެ ކަމަށް ވިދާޅުވެ އޭނާއަށް އަމާޒުވާ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.