Close Election
Close
ސާފް 2023

ޕްރިވިއު: އިންޑިއާއިން ޗެތުރީއަށް ހާއްސަ ފައިނަލަކަށް، ކުވައިތު އަހަރުތަކަކަށްފަހު ތަށްޓަކަށް!

އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕް 2023ގެ ފައިނަލް މެޗު މިރޭ އޮންނާނެއެވެ. ރާއްޖެ ގަޑިން 7:00 ގައެވެ. ފައިނަލް މެޗުގައި އެއްކޮޅުން ނުކުންނަނީ ހޯމް ޓީމު އިންޑިއާއެވެ. އިންޑިއާއަކީ މުބާރާތުގައި އެތައް ގޮތަކުންވެސް އެންމެ ކާމިޔާބު ޓީމެވެ. އިންޑިއާ އިން މިހާތަނަށް އަށް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވެއެވެ. މިއީ ޖެހިޖެހިގެން ކުޅޭ ނުވަވަނަ ފައިނަލެވެ. އަނެއްކޮޅުން ނުކުންނަ ކުވައިތަކީ ސާފް ޗެމްޕިއަންޝިޕަށް އަލަށް އައި ޓީމެކެވެ. މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަގުސަދުގައި މި ފަހަރު ލުބުނާނާއި ކުވައިތަށް ދައުވަތު ދީ ސާފް ޗެމްޕިއަންޝިޕަށް ގެނެސްފައިވާ އިރު، އޭގެ ސަބަބުން ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެން ހިނގައްޖެއެވެ. އިންޑިއާއާއި ކުވައިތުން ކުޅުނު ގްރޫޕް ސްޓޭޖު މެޗު 1-1 އިން އެއްވަރުވި އިރު، އެއީވެސް ތަފާތު ފޯރިއެއް ފެނުނު މެޗެކެވެ.

އިންޑިއާގެ ފައިނަލްތަކަށް ނަޒަރެއް

މިއީ އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅޭ 11 ވަނަ ފަހަރެވެ. އެންމެފަހުގެ ޗެމްޕިއަން އިންޑިއާއަށް ސާފްގެ ތާރީހުގައިވެސް ފައިނަލް ގެއްލުނީ 2003 ވަނަ އަހަރު އެކަންޏެވެ. އެ ފަހަރު ރާއްޖެއާއި ބަންގްލަދޭޝް ފައިނަލުގައި ކުޅެ ތަށި ހޯދީ ބަންގްލަދޭޝް އިންނެވެ. އިންޑިއާ އިން ފުރަތަމަ ތަށި ހޯދީ ރޮބިން ރައުންޑް އުސޫލުން ކުޅުނު ސާފްގެ ފުރަތަމަ މުބާރާތުގައި ކަމަށް ވުމާއެކު އެ ފަހަރުވެސް ފައިނަލެއް ކުޅެފައެއް ނުވެއެވެ. ސާފްގެ ފައިނަލެއްގައި އިންޑިއާ ބަލިކުރެވިފައިވާ ހަމައެކަނި ޓީމުތަކަކީ އަފްގާނިސްތާނާއި ރާއްޖެއެވެ. ރާއްޖެއިން 2008 އަދި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގީވެސް އިންޑިއާ ބަލިކޮށްފައެވެ.

އިންޑިއާ އިން އެންމެފަހުން އަމިއްލަ ގައުމުގައި ސާފް ޗެމްޕިއަންޝިޕް ތަށި ނެގީ 2015 ވަނަ އަހަރުއެވެ. ކެރެލާގެ ޓްރިވެންޑްރަމްގައި އެ ފަހަރު ބޭއްވި މުބާރާތުގެ ތަށި އިންޑިއާ އިން ނެގީ ފައިނަލުގައި އަފްގާނިސްތާން ބަލިކޮށްފައެވެ.

މިފަހަރުގެ ފައިނަލް އިންޑިއާއަށް ހާއްސަވާނެ އިތުރު ސަބަބެއް އެބަ އޮތެވެ. އެ ޓީމުން ސާފް ރީޖަން ފަހަނައަޅައި، އޭޝިއާގެ ފުޓުބޯޅައަށް ތައާރަފުވުމަށް ކުރަމުންދާ މަސައްކަތަށް މި މުބާރާތުން ލިބޭނެ ފައިދާއެކެވެ. އިންޑިއާ އިން މިހާރުވެސް ކުރިއަށް އޮތް އޭޝިއަން ކަޕަށް ތައްޔާރުވަމުންދާ އިރު، ކެޕްޓަން ސުނިލް ޗެތުރީގެ ނަޒަރުގައިވެސް މި މުބާރާތަށް އައި މެދުއިރުމަތީގެ ޓީމުތަކުގެ ސަބަބުން ފައިދާތަކެއް ވެއްޖެއެވެ. އެއީ އޭޝިއަން ކަޕަށް ތައްޔާރުވާން އިންޑިއާއަށް ފަސޭހަވުމެވެ. އެހެންކަމުން މި ފަހަރު ތަށި ނެގިއްޖެ ނަމަ، އިންޑިއާގެ ނަން އޭޝިއާ ފުޓުބޯޅައަށް ތައާރަފުވުމުގެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް ކުވައިތަކީ ކުރިން އޭޝިއަން ކަޕް ނަގާފައިވާ ވަރުގަދަ ޓީމެއް ކަމަށްވުމާ އެކު، މިރޭގެ ފައިނަލް އިންޑިއާއަށް އެ ގޮތުންވެސް ހާއްސައެވެ.

ޗެތުރީއަށް ހާއްސަ ފައިނަލެއް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް އިންޑިއާގެ ޗެތުރީއަށް އެތައް ގޮތަކުން ހާއްސައެވެ. މިއީ އޭނާގެ ފަހު މުބާރާތް ކަމަށް އަދި ބުނަން ނޭނގުނު ނަމަވެސް، ޗެތުރީއަށް މިހާ ބޮޑަށް ލޯބި ދިން މުބާރާތެއް މަދުވާނެއެވެ. އެއީ ބެންގަލޫރުގައި މުބާރާތް ހޯސްޓް ކުރާތީއެވެ. ޗެތުރީގެ ކްލަބު ކެރިއަރުގެ ބޮޑުބައެއް ބެންގަލޫރު އެފްސީގައި ހޭދަކުރަމުން އަންނަ އިރު، މި ސިޓީން އޭނާއަށް ދެނީ ހާއްސަ ލޯތްބެކެވެ. ބެންގަލޫރުގެ ސަޕޯޓަރުންގެ ހިތްވަރާ އެކު މިހާތަނަށް މި މުބާރާތުގައި ޗެތުރީ ފަސް ގޯލު ޖަހާފައިވާ އިރު، އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގައި ޖުމުލަ 23 ގޯލު ޖަހައިފައެވެ.

އެއީ ރާއްޖޭގެ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ) ސާފްގައި ހަދާފައިވާ ގޯލު ޖެހުމުގެ ރެކޯޑުގެވެސް އަދަދެވެ. މިހާރު ސާފް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓްގެ އެއްވަނައިގައި ޗެތުރީއާއި އަޝްފާގު އޮތީ ހަމަހަމަވެފައެވެ. އެހެންކަމުން މިރޭގެ ފައިނަލުގައި ގޯލެއް ޖެހިއްޖެ ނަމަ، ޗެތުރީ ވެގެންދާނީ ސާފްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ. އެކަމަށް ނުވިސްނާ ކަމަށް ޗެތުރީ ބުނި ނަމަވެސް، ރަނގަޅު ނަތީޖާ އާއެކު ތަށި ނެގިއްޖެ ނަމަ، ޗެތުރީގެ ގޯލެއް ވެގެންދާނީ ބޯނަސްއަކަށެވެ.

ކުވައިތު އަހަރުތަކަކަށްފަހު ފައިނަލަކަށް

ކުވެއިތުގެ ފުޓުބޯޅަ ތާރީހުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ ވޯލްޑް ކަޕް 1982 އަށް ކޮލިފައިވުމެވެ. ވޯލްޑް ކަޕްގެ އޭޝިއާ ސަރަހައްދުގެ ކޮލިފިކޭޝަންގައި ކުވެއިތުން ވަނީ އެ ޓީމުގެ ކުޅުނު ގްރޫޕުގެ އެއްވަނަ ހޯދައިފައެވެ. ކުވެއިތުން ވަނީ އެ ގްރޫޕުގައި ހިމެނުނު ދެކުނު ކޮރެއާއާއި މެލޭޝިއާ އަދި ތައިލެންޑުވެސް ބަލިކޮށްފައެވެ.

އޭޝިއަން ކަޕަށް ދިހަ ފަހަރަކު ކޮލިފައިވެފައިވާ ކުވެއިތަކީ 1972 އިން 2000ގެ ނިޔަލަށް އެ މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ފާހަގަކޮށްލެވުނު ޓީމެކެވެ. އަމިއްލަ ގައުމުގައި ބޭއްވި އޭޝިއަން ކަޕް 1980ގެ ޗެމްޕިއަންކަން ކުވެއިތުން ހޯދިއެވެ. ސެމީ ފައިނަލުގައި އީރާން އަތުން 2-1ގެ ނަތީޖާއަކުން މޮޅުވި އިރު، ފައިނަލުގައި ދެކުނު ކޮރެއާ އަތުން މޮޅުވީ 3-0ގެ ނަތީޖާ އަކުންނެވެ.

އެ ހިސާބުން ފެށިގެން ގޮސް، 2000ގެ އަހަރުތަކުގައި ކުވައިތުގެ ފުޓުބޯޅަ އެންމެ ކާމިޔާބުކޮށް ނުދެއެވެ. ފީފާ ސަސްޕެންޝަންތަކާ ވެސް ދެ ފަހަރެއްގެ މަތިން ކުވައިތާ ކުރިމަތިލާން ޖެހިފައިވާ އިރު، އެންމެފަހުން ފައިނަލެއް ކުޅުނީ 2010 ވަނަ އަހަރުއެވެ. އެއީ އަރަބިއަން ގަލްފް ކަޕް ފައިނަލެވެ. އެ ފަހަރު އެ މުބާރާތް ކުވައިތުން ނެގިއެވެ.

ކުވައިތަށް އޭގެ ފަހުންވެސް ފީފާ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުނެވެ. ކުވައިތަށް 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތިންވަނަ ސަސްޕެންޝަނާ ކުރިމަތިލާން ޖެހުނު އިރު، އެ ސަސްޕެންޝަން އުވާލާފައި ވަނީ ކުވެއިތުން ކުޅިވަރާ ބެހޭ އާ ގާނޫނެއް ފާސްކުރުމާއެކު 2017ގެ ޑިސެމްބަރު މަހުއެވެ.

އެހެންކަމުން މިއީ އެ ގައުމުގެ ފުޓުބޯޅަ އަލުން ދިރުވަން ލިބޭނެ ފުރުސަތެކެވެ.

ދެ ޓީމުގެ ކުރިމަތިލުންތަކަށް ނަޒަރެއް

  • ކުވައިތާއި އިންޑިއާއަކީ މާ ގިނައިން މެޗުތައް ކުޅެފައިވާ ދެގައުމެއް ނޫން
  • ސާފްގެ ކުރިން ދެގައުމުން ކުޅެފައި އޮތީ ތިން މެޗު
  • އެއީ 1978 ވަނަ އަހަރު އޭޝިއަން ގޭމްސްގައި ކުޅުނު މެޗެއްގެ އިތުރުން އެކުވެރިކަމުގެ ދެމެޗެއް
  • އޭޝިއަން ގޭމްސްގެ މެޗުގައި އިންޑިއާ ބަލިވީ 6-1 ގެ ނަތީޖާއަކުން
  • 2004 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުން އިންޑިއާ މޮޅުވި، އެއީ 3-2 ގެ ނަތީޖާއަކުން
  • އޭގެ ފަހުން ސާފްގެ ކުރިން ދެގައުމު ކުޅުނީ 2010 ވަނަ އަހަރު، އެ މެޗު ކުވައިތުން ކާމިޔާބުކުރީ 9-1 އިން
  • މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ދެގައުމުން ކުޅުނު މެޗު ވީ 1-1 އިން އެއްވަރު