މިދިޔަ ބުދަ ދުވަހުގެ ފަތިހު މަޖީދީމަގު ރެޑްވޭވްއާ ހިސާބުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒު، އެއާ އެމްބިއުލާންސެއްގައި ރާއްޖެއިން ބޭރަށް ގެންދެވޭ ވަރަށް އެހީ ލިބިފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.

ހަފީޒު ހިނގާފައިދަނިކޮށް، ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްފައެވެ. އޭނާ އަދިވެސް އޮތީ އައިސީޔޫގައެވެ.

ހަފީޒުގެ އާއިލާއިން ކުރިން ބުނިގޮތުގައި އެކްސިިޑެންޓުގައި އޭނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި އޭނާ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތްވެސް އާއިލާއިން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން ހަފީޒުގެ ހާލު ސީރިއަސް ކަމުން ކޮމާޝަލް ފްލައިޓެއްގައި ބޭރަށް ނުގެންދެވޭނެތީ އެއާ އެމްބިއުލާންސެއްގައި އޭނާ ބޭރަށް ގެންދިއުމަށް ސޯޝަލް މީޑީއާގައި ފަންޑްރެއިޒްކުރަންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހަފީޒުގެ އާއިލާއިން "ވަން" އަށް މިރޭ ބުނީ ފަރުވާއަށް ބޭރަށް ގެންދެވޭ ވަރަށް މިހާރު އެހީ ލިބިފައިވާ ކަމަށާއި މާދަމާ ރާއްޖެއިން ބޭރަށް ފުރާނެ ކަމަށެވެ.

"މާދަމާ 3 ޖަހާއިރު އިންޑިއާގެ ކޮޗިންއަށް ފުރާނެ. އެއާ އެމްބިއުލާންސަށް މިހާރު ވަނީ ފައިސާ ދައްކައިފައި،" އާއިލާއިން ބުންޏެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 22 އަހަރުގެ މީހެއް ކަމަށާއި އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ. އަދި ސައިކަލް ދުއްވަން އިން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.