ކ. ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވީ މިއަދު ހަވީރު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ.

އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާލޭގެ އެކި ދާއިރާތަކުގެ މެމްބަރުން އަދި ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭ ވިޔަފާރިވެރިންގެ ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ނިންމައިފައެވެ. ނެދަލޭންޑުގެ ބޮސްކާލިސް ކުންފުނީގެ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާއެއް ބޭނުންކޮށް ގުޅިފަޅު ހިއްކުމަށް ވެލި ނެގުމުގެ މަސައްކަތް 2020 ވަނަ އަހަރުވެސް ވަނީ ކޮށްފައެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށްދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހަ މިލިއަން ކިއުބިކް މީޓަރުގެ ވެލި ނަގާނެއެވެ. އަދި ދެވަނަ ފިޔަވަހީގައި 14 މިލިއަން ކިއުބިކް މީޓަރުގެ ވެލި ނަގާނެއެވެ. އޭގެ އިތުރުން ހިއްކާ ސަރަހައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.