އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023ގެ ފައިނަލަށް ކުވައިތުން ދިޔަ ނަމަވެސް، ބަންގްލަދޭޝް ކައިރިން ސެމީ ފައިނަލުގައި ދެއްކި ކުޅުމާ މެދު އެއްވެސް ގޮތަކަށް ހިތްހަމަނުޖެހޭ ކަމަށް ކުވައިތުގެ ކޯޗު، ޕޯޗުގަލްގެ ރުއި ބެންޓޯ ބުނެފިއެވެ.
އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ފޯރިގަދަ ސެމީ ފައިނަލުގައި ކުވައިތުން ބަންގްލަދޭޝް ބަލިކުރީ އިތުރު ވަގުތުގައި ގޯލު ޖަހައި، 1-0ގެ ނަތީޖާ އަކުންނެވެ. ކުވައިތުން ސާފް ޗެމްޕިއަންޝިޕްގައި މުޅިން އަލަށް ވާދަކުރަމުންދާ އިރު، މި ފަހަރު ބަންގްލަދޭޝް އިން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅުނީ 14 އަހަރުގެ އިންތިޒާރަކަށްފަހުއެވެ. އެ މެޗަށް ނުކުތް އިރު ފެވަރިޓުންނަކީ ވަރުގަދަ ކުވައިތު ނަމަވެސް، އިއްޔެގެ މެޗުގައި ބަންގްލަދޭޝް އިން ވަނީ ރަނގަޅަށް ކުޅެ، ހަމަލާތައްވެސް އުފައްދައިފައެވެ. ކުވައިތުން މެޗުން މޮޅުވި ގޯލު ޖެހީ އުނދަގޫ ހާލަތެއްގައި މެޗުގެ ބޮޑު ބައެއްގައި އޮތުމަށްފަހުއެވެ.
"ހަގީގަތަކީ މިއަދު އަހަރެމެންނަށް ނުކުޅެވޭކަން. އަހަރެން ބުނާނަން ހަގީގަތަށް. ނުކުޅެވެންޏާ ނުކުޅެވޭ ވާހަކަ. އަހަރެމެން ޓީމުގައި ހަކަތައެއްވެސް ނެތް. އިނގޭ ހޫނުވެސް ގަދަކަން، ނަމަވެސް އަހަންނަށް މިއަދުގެ ކުޅުން ގަބޫލުކުރަން އުނދަގޫ. މެޗުން ރަނގަޅު ރޫހެއް ފެނުނު ނަމަވެސް މިއަދުގެ މެޗުން ޓެކްނިކަލީ އެއްވެސް މޮޅު ކަމެއް ނުފެނޭ. ބަންގްލަދޭޝް އިން ރަނގަޅު ރޫހެއްގައި ކުޅެ، އެންމެ ބެސްޓް ދެއްކި. ނަމަވެސް ކުވައިތަށް މިއަދު މާބޮޑަކަށް ނުކުޅެވުނު،" އިއްޔެގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބެންޓޯ ބުންޏެވެ.
ބަންގްލަދޭޝްއަކީ ފުޓުބޯޅައިގެ ގޮތުން ކުވައިތަށްވުރެ ބަލި ގައުމެއްގެ ގޮތުގައި ކިޔާއިރު، އެހެން އެކަން އޮއްވާ، އިއްޔެގެ މެޗުގައި ބަންގްލަދޭޝް އެހާ މޮޅަށް ކުޅުމުން އެކަމާ ހައިރާންވިތޯ ނޫސްވެރިން ސުވާލުކުރުމުން ބެންޓޯ ބުނީ ފުޓުބޯޅައިގެ އެއްވެސް މެޗެއް ފަސޭހަ ނުވާނެ ކަމަށާއި އިއްޔެގެ މެޗުން ފެނުނު ވާދަވެރިކަމަށް ހައިރާން ނުވާ ކަމަށެވެ.
"އަހަންނަށް މިއަދުގެ މެޗު ސަޕްރައިޒިންއެއް ނޫން. އެއީ އަހަރެމެން ޓީމުތަކަށް ބަލަން ޖެހޭނީ އިހުތިރާމާ އެކު. ހުރިހާ ޓީމެއްގައިވެސް ތިބީ ރަނގަޅު ކުޅުންތެރިން، ރަނގަޅު ކޯޗުން، ފުޓުބޯޅައިގައި އެއްވެސް ކަމެއް ފަސޭހައެއް ނުވާނެ. މިއީ އަހަރެމެންގެ އެންމެ ވަރުގަދަ، ރަނގަޅު ކުޅުމެއް ނޫން. އަހަރެމެން ޓީމަށް މިއަދު ބަދަލުތަކެއް ގެނައީވެސް ކުޅުންތެރިންގެ ވަރުބަލިކަން ހުރުމުން. ކުޅުންތެރިންނަށް ބޭނުންވޭ ރެސްޓްވެސް. އަހަރެމެން އައީވެސް ވަރުގަދަ މެޗުތަކެއް ކުޅެފައި،" ބެންޓޯ ބުންޏެވެ.
ކުވައިތުން މިފަހަރު ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. ފައިނަލް އޮންނާނީ މަދާމާ ނޫން އަނެއް ދުވަހުއެވެ،
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023