އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މައްސަލާގައި މިއަދަށް ތާވަލު ކުރި އަޑުއެހުންވެސް ކެންސަލްކޮށްފިއެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ރިޝްވަތު ހިފުމުގައި މެދުވެރިޔަކަށްވުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލައިފައިވާއިރު، ސަން ކޮންސްޓްރަކްޝަންއާއި ސަން އިންވެސްޓްމަންޓަށް މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފައެވެ. އެ ހުރިހާ ދައުވާއެއްވެސް ކުރިއަށްގެންދަނީ އެކުއެކީގައި އެއް މަޖިލީހެއްގައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި ދުވަސްވަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު ހިމެނޭހެން މިހާތަނަށް ވަނީ ފަސް މީހެއްގެ ހެކިބަސް ނަގައިފައެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނެގީ ކްރިކް ރިޒާގެ ފިންގާ ޕްރިންްޓް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަހެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މިއަދު 9:00 އަށް ތާވަލުކޮށްފައި އޮތް އަޑުއެހުން ކެންސަލް ކުރީ ދައުވާ ލިބޭ ކްރިކް ރިޒާގެ ބަލި ހާލަތު ހުރި ގޮތުން އަޑުއެހުން ކެންސަލް ކުރަން އޭނާގެ ފަރާތުން އެދިފައިވާތީ ކަމަށެވެ. ބަލިވެ އުޅޭކަން ސާބިތުކޮށްދިނުމަށް ޑޮކްޓަރީ ލިޔުންވެސް ކްރިކް ރިޒާ ހުށަހަޅައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ކްރިކް ރިޒާ ބަލިވެ އުޅޭތީ، މި މައްސަލައިގައި އެންމެ ފަހުން ތާވަލުކުރި ދެ އަޑުއެހުންވެސް ވަނީ ކެންސަލްކޮށްފައެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ. އޭގެ ފަހުން، މި މަހުގެ 9، 11 އަދި 13 ވަނަ ދުވަހަށް ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށް ޓަކައި ފަށަލަކޮށްފައެވެ.
އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތްކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު