އިންޑިއާގެ ބެންގަލޫރުން: އިމާދު ލަތީފް/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި އިންޑިޔާ އާއި ލުބުނާން މާދަމާރޭ ބައްދަލުކުރާނެއެވެ. މިއީ ސޯޅަ ދުވަހުގެ ތެރޭގައި މި ދެޓީމުގެ ތިންވަނަ ކުރިމަތިލުމެވެ.
ފުރަތަމަ ކުރިމަތިލުމަކީ ޖޫން ފަނަރައިގައި ބުބަނޭސްވަރުގައި އިންޓަރ ކޮންޓިނެންޓަލް ކަޕްގެ ފުރަތަމަ ބުރުގައި ކުޅުނު މެޗެވެ. އެ މެޗު ނިމުނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ދެވަނަ މެޗަކީ ޖޫން އަށާރައިގައި ހަމަ އެމުބާރާތުގެ ފައިނަލެވެ. އެ މެޗު ދޭއްސުމަކުން ކާމިޔާބުކުރީ އިންޑިޔާއެވެ.
މާދަމާރޭގެ ސެމީފައިނަލް ކުޅޭއިރު އިންޑިޔާގެ ކޯޗު އިގޯރ ސްޓިމަކަށް ބެންޗަކު ނީނދެވޭނެއެވެ. ގްރޫޕުގެ ފަހު މެޗުގައި އޭނާއަށް ދެއްކުނު ރަތްކާޑުގެ ސަބަބުން ސެމީއަށް އޭނާ ވަނީ ސަސްޕެންޑްވެފައެވެ. މާދަމާރޭގެ މެޗުގައި ޓީމަށް އިރުޝާދުދޭން ބެންޗުގައި އިންނާނީ އެސިސްޓަންޓް ކޯޗު މަހޭޝް ގަވާލީއެވެ. މީނާއަކީ ދާދިފަހަކާ ހަމައަށްވެސް ޗެތުރީއާއެކު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ.
މާދަމާރޭގެ މެޗާމެދު އެސިސްޓަންޓް ކޯޗު ގަވާލީ ބުނެފައިވަނީ ގާތްގާތުގައި ދެ މެޗު ކުޅެފައި ތިންވަނަ މެޗާ ކުރިމަތިލާއިރު އެއްވެސް ޓީމަކަށް އަނެއް ޓީމާމެދު ނޭނގޭ ސިއްރެއް ނޯންނާނެ ކަމަށެވެ. ބުބަނޭސްވަރުގައި އިންޑިޔާ މޮޅުވެފައިވާތީ އެއީ އިންޑިޔާގެ ކޮންފިޑެންސް އިތުރުވާ ސަބަބެއްކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް އިންޑިޔާގެ ސެންޓްރަލް ޑިފެންޑަރ ސަންދޭޝް ޖިންގަން މާދަމާރޭގެ މެޗަށް ސަސްޕެންޑް ވެފައިވުމަކީ ދެރައެއް ކަމަށާއި ހަމައެކަނި ކަންބޮޑުވުމަކީ އެއީކަމަށް ގަވާލީ ބުންޏެވެ.
ލުބުނާނުގެ ކޯޗު ސާރބިޔާގެ އެލެގްޒާންޑަރ އިލިޗް ބުނެފައިވަނީ ބުބަނޭސްވަރުގައި އިންޑިޔާ ބަލިނުކުރެވުނީ ގޯސްތަކެއް ހެދިގެންކަމަށާއި މޫސުމުގެ މައްސަލަވެސް ކުރިމަތިވި ކަމުގައެވެ. ބެންގަލޫރުގައި އެކަންކަން ރަނގަޅުކޮށް ބެންގަލޫރުގެ ފިނި މާހައުލުގައި ނަތީޖާ އަނބުރައިލެވޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް އިލިޗް ބުންޏެވެ. އިލިޗްއަކީ ސާރބިޔާ މީހަކަށްވެފައި އަދި އިންޑިޔާގެ ކޯޗު ސްޓިމަކަކީ ކްރޮއޭޝިއާ މީހަކަށްވާތީ މިދެމީހުންގެ ގައުމީ ވާދަވެރިކަމަކީވެސް މާދަމާރޭގެ މެޗުގެ ފޯރި އިތުރުވެގެންދާ ކަމެކެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023