އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ފަސޭހަ ނުވާނެ ކަމަށާއި ކުވައިތަށް އެމެޗު ފަސޭހަކޮށް ނުނެގޭނެ ކަމަށް ކޯޗު ޕޯޗުގަލްގެ ރުއި ބެންޓޯ ބުނެފިއެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިފަހަރު މުޅިން އަލަށް ވާދަކުރަމުންދާ ކުވައިތުން މުބާރާތުގެ ސެމީގައި މާދަމާ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނީ މާދަމާ ރާއްޖެ ގަޑިން މެންދުރުފަހު 3:00 ގައެވެ. މިހާތަނަށް މުބާރާތުގައި ކުޅުނު ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް ކުވައިތު ބަލިވެފައި ނުވާ އިރު، އެޓީމުން ގްރޫޕް އޭގެ އެއްވަނަ ހޯދީ ދެ މޮޅާއެކު އަނެއް މެޗު އެއްވަރު ކޮށްގެންނެވެ. ކުވައިތު އެއްވަރުވީ އިންޑިއާ ކައިރިން 1-1 ގެ ނަތީޖާއަކުންނެވެ. ދެން އަނެއް ދެމެޗުގައި ނޭޕާލާއި ޕާކިސްތާން ބަލިކުރީ ފަސޭހަ ކަމާއެކުގައެވެ.
"ބަންގްލަދޭޝް އުނދަގޫވާނެ. ބަންގްލަދޭޝް މެޗަށްވެސް ވިސްނާނީ އެހެން މެޗުތަކަށް ވިސްނާ ވިސްނުމުން. ފުޓުބޯޅައިގައި އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. އެއްވެސް ކޯޗަކަށް ފުޓުބޯޅައިގެ އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. އެއީ ބައެއް މީހުން ދެކޭ ގޮތެއް ކަމަށްވެސް ވެދާނެ. އެކަމަކު އަހަންނަށް އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. މެޗަށް ކުރިމަތިލާއިރު، ފަސޭހަ ވާނެ ކަމަށް ވިސްނައިގެން ނުކުތުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ،" މެޗުގެ ކުރިން މިއަދު ބޭއްވި ޕްރި މެޗު ޕްރެސް ކޮންފަރެންސްގައި ކުވައިތުގެ ކޯޗު ބެންޓޯ ބުންޏެވެ.
މިއަދުގެ ޕްރެސްގައި، ކުވައިތަކީ ފެވަރިޓުންގެ ގޮތުގައި ބަންގްލަދޭޝް ނޫސްވެރިން މާ ބޮޑަށް ލޭބަލް ކުރަން ފެށުމުން ބެންޓޯ ވަނީ އެއީ އޭނާގެ ނަޒަރުގައި އެއްވެސް މެޗަކަށް ތައްޔާރުވާ ގޮތެއް ނޫން ކަމަށް ބުނެފައެވެ. އަދި އެއާއެކު އޭނާ ބުނީ ޓެކްޓިކްސް ބަދަލުކޮށް، އިދިކޮޅު ޓީމަށް އެއްވެސް އިރެއްގައި ފޯކަސް ނުކުރާނެ ކަމަށްވެސް ބެންޓޯ ބުންޏެވެ.
"އުނދަގޫ މެޗަކަށް ވާނެ. ޔަގީން. ސެމީ ފައިނަލެއް މިއީ. މި މެޗަށް ވިސްނަން ޖެހޭނީ އެންމެ މެޗަކުން ކަޓާނެ ކަމަށްވެސް ވިސްނައިގެން. މި މެޗު ފަސޭހަކޮށް އަހަރެން ނުނަގާނަން. ކުޅުންތެރިންވެސް މެޗަށް އެހެން ނުވިސްނާނެ. ހުރިހާ ޓީމަކަށް އަހަރެން އިހުތިރާމް ކުރަނީ، އެއީ އެޓީމުތަކުގައި ފެންވަރު ހުރި ކަމަށް ގަބޫލުވެސް ކުރާތީ. އަހަރެންގެ ޓެކްޓިކްސް ބަދަލެއް ނުކުރާނަން. އަހަރެން ގަބޫލުކުރަނީ އަހަރެންގެ ސިސްޓަމް. އަހަރެންގެ ޕްރޮސެސް. އަހަރެންގެ ކުޅުންތެރިން ހާނުވާނީއެއަށް،" ބެންޓޯ ބުންޏެވެ.
ޔޫރަޕްގައި ކުރިން ކުޅެ، ޕޯޗުގަލް ގައުމީ ޓީމަށްވެސް ހަ މެޗު ކުޅެފައިވާ ބެންޓޯ، ކޯޗިން ކެރިއަރުގައި މިހާރު އޭޝިއާގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، އޭނާ ބުނީ ކުވައިތުގައި ފުރަތަމަ މަސައްކަތް ފެށި އިރު، ޓީމު އެންމެ ރަނގަޅު ނޫން ކަމަށާއި، ފަހަކަށް އައިސް ނަތީޖާ ރަނގަޅުވީ ކުރި މަސައްކަތްތަކުން ކަމަށެވެ. މިއަހަރު ޖެނުއަރީ މަހު ގަލްފް ކަޕްގައި ގަތަރު ކައިރިން ބަލިވިފަހުން ކުވައިތުން އެންމެފަހުން ކުޅުނު އަށް މެޗުން ބަލިވެފައެއް ނުވެއެވެ. އެހެންކަމުން އެޓީމުން އޮތީ ރަނގަޅު ފޯމެއްގައެވެ.
"އަހަރެން ފުރަތަމަ މި ޓީމާއެކު ހަވާލުވެ ކުޅުނު މެޗުތަކުގައި ނަތީޖާ އެންމެ ރަނގަޅެއް ނޫން. އަހަރެމެން މި މަސައްކަތަށް ފަށައި، ވަރަށް ގިނަ ވާހަކަތައް ދައްކާ، މި ކަމަށް މަސައްކަތް ކުރިން. މ މި ޕްރޮސެސްއަށް އަހަރެމެން މަސައްކަތް ކުރީ. މި ޕްރޮސެސްއަށް އަހަރެމެން ކުރި މަސައްކަތުން ކުވައިތު މިހާރު އޮތް ހިސާބަށް ގެނެވުނީ. އަހަރެން އަބަދުވެސް އަހަރެންގެ ޕްރޮސެސްއަށް އިތުބާރު ކުރަން،" ބެންޓޯ މިއަދު ބުންޏެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023