އަހަންނަކީ އަބަދުވެސް ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ގެ ސަޕޯޓަރެއް ކަމަށާއި ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ ހަދާފައި އޮތް ރެކޯޑާ އަރާ ހަމަކުރެވުނަސް، އެ ރެކޯޑު މުގުރާލަން ސަމާލުކަން ދީ، ނުވިސްނާ ކަމަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފިއެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ދަގަނޑޭ ސާފް ޗެމްޕިއަންޝިޕްގައި ހެދި ގޯލު ޖެހުމުގެ ރެކޯޑާ އިންޑިއާގެ ކެޕްޓަން ޗެތުރީ ވަނީ އަރައި ހަމަކޮށްފައެވެ. ދަގަނޑޭގެ ރެކޯޑާ ޗެތުރީ އަރައި ހަމަކޮށްފައިވަނީ ސާފް ޗެމްޕިއަންޝިޕް 2023 ގައި ކުވައިތު ކޮޅަށް ޖެހި ގޯލާ އެކުއެވެ. އެ ގޯލަކީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އޭނާ ޖެހި ފަސްވަނަ ގޯލެވެ.

ކުވައިތު ކޮޅަށް ޗެތުރީ ޖެހި ހިތްގައިމު ގޯލަކީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އޭނާ ޖެހި 23 ވަނަ ގޯލެވެ. އެންމެ ގިނަ ގޯލު ޖަހައިގެން ދަގަނޑޭވެސް ރެކޯޑު ހަދާފައިވަނީ 23 ގޯލާއެކުއެވެ. ނަމަވެސް އަނިޔާގެ ސަބަބުން އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ ނުކުޅެއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީވެސް ޗެތުރީއެވެ. އޭނާ ވަނީ ގްރޫޕު ސްޓޭޖުގައި އިންޑިއާ އިން ކުޅުނު ހުރިހާ މެޗެއްގައިވެސް ގޯލު ޖަހައިފައެވެ. އޭގެ ތެރެއިން ޕާކިސްތާން ކޮޅަށް ޗެތުރީ ހެޓްރިކް ހެދި އިރު، ނޭޕާލް އަދި ކުވައިތު، އެއިން ކޮންމެ ޓީމެއް ކޮޅަށްވެސް ގޯލެއް ޖެހިއެވެ.

ސެމީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ދަގަނޑޭގެ ރެކޯޑާ ގުޅިގެން ޗެތުރީއާ ސުވާލުކުރުމުން، އޭނާ ބުނީ ދަގަނޑޭއަށް އަބަދުވެސް ސަޕޯޓުކުރާ ކަމަށާއި ރެކޯޑަށް މާ ބޮޑަށް ނުވިސްނާ ކަމަށެވެ.

"އަހަރެން ގޯލުތަކާ މެދު ނުވިސްނަން. އަހަންނަކީ އަޝްފާގުގެ ފޭންއެއް އަބަދުވެސް. އަހަރެން އެއްވެސް އިރަކު ނުވިސްނަން ރެކޯޑުތަކަށާއި ގޯލުތަކަކަށް. މި މުބާރާތުގެ އިތުރުން، ދެން ގައުމީ ޓީމަށް ޖަހާ ގޯލުތަކަށްވެސް އަހަރެން ނުވިސްނަން. އަހަރެން އަބަދުވެސް ވިސްނަނީ ޓީމަށް. އަޝްފާގުގެ ސަޕޯޓަރެއް އަހަންނަކީ އަބަދުވެސް. މިދިޔަ 15 ވަރަކަށް އަހަރު ދުވަހު ދަގަނޑޭ ކުޅެމުންދިޔަ ކުޅުމަކީ ތަފާތު މޮޅު ކުޅުމެއް. އެއީ އަހަރެން އިހުތިރާމް ކުރާ ކަމެއް. އަހަންނާއި ދަގަނޑޭއާ އަދިވެސް ވާހަކަ ދެކެވޭ. މެސެޖުވެސް ކުރޭ. މިފަހަރު ސާފް ޗެމްޕިއަންޝިޕަށް ނާދެވުމުންވެސް ދަގަނޑޭ އަހަންނަށް މެސުޖުވެސް ކުރި،" ޗެތުރީ ބުންޏެވެ.

ޗެތުރީ ބުނީ ދަގަނޑޭއަށްވެސް އަބަދުވެސް ފުރިހަމައަށް އިހުތިރާމް ކުރާނެ ކަމަށާއި ދަގަނޑޭގެ ފެންވަރަކީ އޭނާ އިހުތިރާމް ކުރާނެ ކަމަށެވެ. ލުބުނާން މެޗާ ގުޅޭ ގޮތުން ޗެތުރީ ބުނީ އެޓީމުގެ ފެންވަރު އެނގޭ ކަމަށާއި މެޗު އުނދަގޫ ވާނެ ކަމަށެވެ.

"އަހަރެމެންނަށް އެނގޭ ލުބުނާންގެ ފެންވަރު. ލުބުނާނާ ދެކޮޅަށް ގިނަ މެޗުތަކެއް މިހާރުވެސް ކުޅެވިއްޖެ. މިރޭގެ ތަމްރީނުތަކަށްފަހު މެޗަށް ފުރިހަމައަށް ތައްޔާރުވާނެ. އަހަރެން ސަޕޯޓަރުންނަށް ފުރިހަމައަށް އިތުބާރު ކުރަން. އަހަރެން ބެންގަލޫރު ސަޕޯޓަރުންނަށް އަބަދުވެސް ފޭވާ ކުރަން. އެއީ ފުޓުބޯޅައަށް އެމީހުން އާދަޔާހިލާފަށް ލޯބިކުރާތީ. އަދި މެޗުގެ ފެންވަރުވެސް ރަނގަޅުވާނެތީ. ހާއްސަކޮށް މެޗުތައް މިހާރު ފެންވަރު ރަނގަޅު ވެއްޖެ ލުބުނާނާއި ކުވައިތުން މުބާރާތަށް އައުމާއެކު. އަހަރެން ބުނެލަން ބޭނުންވަނީ މެޗު ގެއްލުވާނުލުމަށް،" އުމުރުން 38 އަހަރުގެ ޗެތުރީ ބުންޏެވެ.

ޗެތުރީ ބުނީ މި ސަރަހައްދުގެ ޓީމުތަކަށް އަބަދުވެސް އެދޭނީ ކާމިޔާބީއަށް ކަމަށާއި ބަންގްލަދޭޝް ފައިނަލަށް ދާން އެދޭ ކަމަށެވެ. އޭގެ އިތުރުން ސަރަހައްދީ ޓީމުތަކުގެ ފެންވަރާ ގުޅޭ ގޮތުންވެސް ޗެތުރީ ވަނީ ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ ސަރަހައްދީ ގައުމުތަކަށް އަބަދުވެސް "ފޭސް"ތައް އަންނާނެ ކަމަށާއި އެކި އިރު އިރުގައި ފެންވަރު ރަނގަޅުކޮށް އޮންނާނީ އެކި ޓީމުތައް ކަމަށެވެ. ކުރިން މީގެ ދެތިން އަހަރު ކުރިން ރާއްޖެ ބަލިކުރަން އުނދަގޫ ކަމަށާއި މިހާރު ބަންގްލަދޭޝް ރަނގަޅަށް ކުޅުމުންދާ ކަމަށެވެ. އަދި މި ރީޖަންގައި އިންޑިއާއަށް އަަބަދުވެސް ވާދަވެރިކަން އޮންނާނެ ކަމަށް އިންޑިއާ ކެޕްޓަން ބުންޏެވެ.

ފުޓުބޯޅަ ހުއްޓާލަން ވިސްނާތޯ ސުވާލުކުރުން ޗެތުރީ ދިނީ ފާޑެއްގެ ޖަވާބެކެވެ. އޭނާ ބުނީ އަދި ވިސްނުން ނެތް ކަމަށާއި އެހެން ނަމަވެސް އެ ދުވަސް އައުމުން އެކަމަށް ގޮތް ނިންމާނެ ކަމަށެވެ.

"އަހަރެން ފުޓުބޯޅަ ކުޅެނީ ކުޅިވަރަށް ލޯބި ކުރާތީ. އަހަންނަށް އޭގެ ވަށައިގެންވާ ކަންކަން މުހިއްމުވެސް ނޫން. އަހަންނަށް އަދި ހިޔާލަށްވެސް ނާދޭ އެކަމަކު ހުއްޓާލާކަށް. އަހަންނަށް އަދި އެ ވަގުތު ކޮޅެއް ނާދޭ. މި ކުޅިވަރުން އުފާވެރިކަމެއް ނާންނަ ގޮތަކަށް. އަހަންނަށް އަދި އިހުސާސެއް ނުކުރެވޭ ނިންމާލަން ޖެހޭ ކަމަކަށް. އަހަރެން އަބަދުވެސް ވިސްނަނީ ދުވަހުން ދުވަހަށް. މެޗަކުން މެޗަކަށް. ކޮންމެ ފަރިތަކުރުމަކަށްވެސް ވަކިން. އަދި ނިންމާލަން ނުވިސްނަން. އެކަމަކު އަހަރެން ގައިގައި ހަކަތަ. ޕެޓްރޯލް، ޑީސަލް ނޫނީ ކަރަންޓް ހުއްވާ ހިސާބުން ހުއްޓާލާނަން. އަދި ނުވިސްނަން،" ޗެތުރީ މިއަދު ބުންޏެވެ.